Roadha Mihaaru
ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަން އިއުލާން ކޮށްފި

ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަން އިއުލާން ކޮށްފި

19 ޖެނުއަރީ 2022

އެނބޫދޫ ފަޅުގައި ހިއްކި ކްރޮސްރޯޑްސްގެ ރަށްތަކުގެ ތެރެއިން ފަސް ރަށެއް ވިއްކާލަން އިއުލާން ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެނބޫދޫ ފަޅުގައި ހިއްކި ކްރޮސްރޯޑްސްގެ ރަށްތަކުގެ ތެރެއިން ފަސް ރަށެއް ވިއްކާލަން އިއުލާން ކޮށްފި އެވެ.

މި ރަށްތައް ވިއްކާލަން އިއުލާން ކުރީ ސިންގަޕޫރުގެ ރިއަލް އެސްޓޭޓް ކުންފުނި ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ ގްރޫޕުންނެވެ. މި ރަށްތަކަކީ އަދި އެއްކޮށް ތަރައްގީކޮށް ނުނިމި ހުރި ރަށްތަކެކެވެ.

ޖޭއެލްއެލް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި އިންވެސްޓަރުންނަށް ރިސޯޓުތައް ހަދަން އެއް ރަށަށްވުރެ ގިނަ ރަށްތަކަށް ވެސް ކުރިމަތިލެވޭނެ އެވެ. މިއީ ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ފާހަގަ ކޮށްފަ އެވެ.

މި ރަށްތައް ގަންނަ ކުންފުނިތަކަށް ކްރޮސްރޯޑްސް މަޝްރޫއު ހިންގި ތައިލެންޑުގެ ސިންހާ އެސްޓޭޓާ ގުޅިގެން ރަށް ތަރައްގީ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ޖޭއެލްއެލް އިން ރަށްތައް ވިއްކާލަން އިއުލާން ކުރި ނަމަވެސް ވިއްކާ އަގުތަކެއް އިއުލާނެއް ނުކުރެ އެވެ.

ކްރޮސްރޯޑްސް އަކީ ނުވަ ރަށެއް ހިއްކައިގެން އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން ތަރައްގީ ކުރާ ތަނެކެވެ. މި ހުރިހާ ރަށެއް ތަރައްގީކޮށް ނިމުމުން ކްރޮސްރޯޑްސް މެރީނާއާ ގުޅުވާލާނެ އެވެ. މިހާރު ވެސް ދެ ރަށެއްގައި ރިސޯޓު ވަނީ ހުޅުވައިފަ އެވެ. އެއީ ހާޑްރޮކް އާއި ސާއީ ލެގޫނެވެ.

ޓޫރިޒަމް މިނިސްޓްރީން މި ރަށްތައް ދޫކޮށްފައިވަނީ 50 އަހަރުގެ ލީސް އެގްރީމަންޓެއްގެ ދަށުންނެވެ. ލީސް ހަމަވާނީ 2066 ވަނަ އަހަރު އެވެ.