Roadha Mihaaru
ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަނީ

ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަނީ

22 އޯގަސްޓް 2021

އެނބޫދޫ ފަޅު ހިއްކައިގެން ހަދާފައިވާ ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަން އިއުލާންކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެނބޫދޫ ފަޅު ހިއްކައިގެން ހަދާފައިވާ ކްރޮސްރޯޑްސްގެ ފަސް ރަށެއް ވިއްކާލަން އިއުލާންކޮށްފި އެވެ.

ސިންގަޕޫރު ރިއަލް އެސްޓޭޓް ކުންފުނި ޖޭއެލްއެލް އިން ބުނެފައިވާ ގޮތުގައި ވިއްކާލަނީ ކްރޮސްރޯޑުގައި ތަރައްގީނުކޮށް އޮތް ފަސް ރަށެކެވެ. އެކަމަކު މި ރަށްތައް ވިއްކާ އަގެއް ހާމަކޮށްފައެއް ނެތެވެ.

ޖޭއެލްއެލް އިން ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި 15 ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ކްރޮސްރޯޑްސްގައި ހިމެނޭ މި ފަސް ރަށަކީ ރިސޯޓު ތަރައްގީކުރުމަށް އިންވެސްޓަރުންނަށް އޮތް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

މާލޭގެ ދެކުނުގައި އޮންނަ ބޮޑު ފަޅުގައި ކްރޮސްރޯޑްސް އިން ނުވަ ރަށް ހިއްކާފައިވެ އެވެ. އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ދެ ރިސޯޓް ކަމަށްވާ ހާޑް ރޮކް ހޮޓެލް އާއި ހިލްޓަންގެ ސައި މޯލްޑިވްސް ލެގޫން ހުޅުވައި ހިދުމަތް ދެމުން އަންނައިރު ކްރޮސްރޯޑްސްގައި އެއްފަހަރާ 30 ޔޮޓް ބަނދަރުކުރެވޭ ޔޮޓް މެރީނާއެއް ވެސް އޮވެ އެވެ.

މި ޔޮޓް މެރީނާގެ ވަށައިގެން ހުންނަނީ ފިހާރަތަކަށް ހާއްސަ އިމާރާތްތަކެވެ. ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ އިމާރާތްތައް ހިމެނޭ "ދަ މެރީނާ އެޓް ކްރޮސްރޯޑްސް" އޮންނާނީ އެންމެންނަށް ވެސް ހުޅުވާލައިފަ އެވެ. އާންމުންނާއި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ތަންތަން އެ ސަރަހައްދުގައި ހުރެ އެވެ.

ބައްދަލުވުންތަކާއި ހަފްލާތަކަށް ހާއްސަ ކޮށްފައިވާ ކްރޮސްރޯޑްސް އިވެންޓް ހޯލާއި ދުނިޔޭގެ މަޝްހޫރު ބީޗް ކްލަބުން ހިންގާ ކެފޭ ޑެލްމާގެ ހިދުމަތް ވެސް އެތަނުން ލިބޭނެ އެވެ.

ކްރޮސްރޯޑްސްގެ ހުރިހާ ރަށެއް ނިމޭ އިރު އެތަނުގައި 1،300 ޓޫރިސްޓް އެނދު ހުންނާނެ އެވެ. އަދި 3،000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެ އެވެ. އެތަން ހެދުމަށް 300 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.