Roadha Mihaaru
ހާލުގައި ޖެހުނު ކުދިންނަށް ހުދުމާ އިން ޔުނިފޯމް ދެނީ

އަލިފާނުގެ ހާދިސާގައި ގެއްލުންވި ދަރިވަރުންނަށް ހުދުމާ އިން ޔުނީފޯމް ހިލޭ ދެނީ

24 ސެޕްޓެމްބަރ 2019

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުންވި ސްކޫލް ދަރިވަރުންނަށް ބޭނުންވާ ޔުނީފޯމް ހިލޭ ދޭން ހުދުމާ ފިހާރަ އިން ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުންވި ސްކޫލް ދަރިވަރުންނަށް ބޭނުންވާ ޔުނީފޯމް ހިލޭ ދޭން ހުދުމާ ފިހާރަ އިން ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް، ސްކޫލް ޔުނީފޯމް ވިއްކާ ފިހާރައިގެ މެނޭޖިން ޑިރެކްޓަރު ދޫމާ މޫސާ "މިހާރު" އަށް މިއަދު ވިދާޅުވީ ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ވި ދަރިިވަރުންނަށް ޔުނީފޯމް ހިލޭ ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި، ޔުނީފޯމުގެ ސައިޒު ނެތް ކުދިންނަށް، ޔުނީފޯމް ފަހަން ބޭނުންވާ ފޮތި ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޔުނީފޯމްގެ އިތުރުން އެ އަށް ބޭނުންވާ ސްކޫލު ބެޖު ވެސް ހުދުމާ އިން އެ ކުދިންނަށް ހިލޭ ދޭނެ އެވެ.

ހުދުމާ އިން އިއްޔެ ކުރި ފޭސްބުކް ޕޯސްޓެއް

މި ކަން ކުރަނީ ހުދުމާ އާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެނެވެ.

ޔުނީފޯމް ބޭނުންވާ ދަރިވަރުންގެ ލިސްޓެއް އެޑިއުކޭޝަން މިނިސްޓްރީން ހުދުމާ އަށް ދީފައިވާ ކަމަށް ދޫމާ ވިދާޅުވި އެވެ. ނަމަވެސް އަލިފާނުގެ ހާދިސާގައި ގެއްލުންވި ހުރިހާ ދަރިވަރުން ހިމެނޭ ލިސްޓެއް އަދި ނުލިބޭ ކަމަށާއި އެ މިނިސްޓްރީން ކުދިންގެ ނަން ފޮނުވާ ވަރަކަށް ޔުނީފޯމު ދޫކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލިސްޓުގައި ހިމެނޭ ހުރިހާ ދަރިވަރުންނެއް އަދި ނާދޭ. އެކަމަކު އެ ކުދިން އަންނަ ވަރަކަށް އަޅުގަނޑުމެން ޔުނީފޯމް ދޭނަން،" ދޫމާ ވިދާޅުވި އެވެ.

މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ މި ހާދިސާގައި ހަތަރު ގުދަނަކާއި ހަ ގެއެއް އެނދި އެވެ. މި ހާދިސާއާ ގުޅިގެން މާލޭގައި ކެމިކަލް ގުދަން ބެހެއްޓުން ވަނީ މަނާކޮށްފަ އެވެ. އެ ހުރިހާ ގުދަންތައް ތިން މަސް ދުވަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ މިދިޔަ އާދިއްތަ ދުވަހު ބުނެފަ އެވެ.