Roadha Mihaaru
ކުރިއަށް އޮތީ މޫސުން ގޯސް 24 ގަޑިއިރު

ކުރިއަށް އޮތީ މޫސުން ގޯސް 24 ގަޑިއިރު

24 ސެޕްޓެމްބަރ 2019

ކުރިއަށް އޮތް 24 ގަޑިއިރުގައި މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކުރިއަށް އޮތް 24 ގަޑިއިރުގައި މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފި އެވެ.

އެތަނުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް ހުސެއިން ވަހީދު "މިހާރު" އަށް ވިދާޅުވީ މި ދުވަސްވަރު މި ކުރާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ކުރިއަށް އޮތް 24 ގަޑި އިރު ކަނޑު ވެސް ވަރަށް ގަދަ ވާނެ ކަމަށެވެ. އެހެންވެ ކަނޑު ދަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކުރެއްވި އެވެ.

ރާއްޖޭގެ އިތުރުން ދެކުނު އިންޑިއާ އާއި ސްރީ ލަންކާ އަށް ވެސް މި ދުވަސްވަރު މޫސުން ވަރަށް ގޯސް ކަމަށް ހުސެއިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރަށް ލަންކާ އަށް ވަނީ ރެޑް އެލާޓް ނެރެފައި ކަމަށެވެ. ރެޑް އެލާޓް ނެރޭނީ މޫސުމުގެ ސަބަބުން މުދަލަށާއި އިމާރާތްތަކާއި މީހުންގެ ފުރާނަ އަށް ގެއްލުން ލިބިދާނެ ކަމަށް ލަފާކުރެވޭ ވަގުތެވެ.

ހުސެއިން ވިދާޅުވީ މިއަދާއި މާދަމާ މުޅި ރާއްޖެ އަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ބައެއް އަތޮޅުތަކަށް ގުގުރުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އާންމުކޮށް ފެންބޮޑުވާ ރަށްރަށުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީ، އެކަށީގެންވާ ފިޔަވަޅުތައް އަޅަން ވެސް އޭނާ އިލްތިމާސްކުރެއްވި އެވެ.

މެޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުގައި ވައި އެންމެ ގަދަ ވާނީ އުތުރުގެ އަތޮޅުތަކާއި މެދު ތެރޭގެ އަތޮޅުތަކަށެވެ. އެ ހިސާބުގަނޑަށް 15-25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ކަމަށާއި ދެކުނުގެ އަތޮޅުތަކަށް10-20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. ވިލާގަނޑުގައި 45 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެ އެވެ.

މިއަދުގެ ހެނދުނު 9:00 އިން މެންދުރު 1:30 އާ ހަމައަށް މެޓް އޮފީހުން ވަނީ އެންމެ އުތުރުގެ ހަތަރު އަތޮޅަށް ރީނދޫ އެލާޓް ވެސް ނެރެފަ އެވެ.

މެޓް އޮފީހުން ލަފާކުރަނީ ހުކުރު ދުވަސް އަންނަން ވާ އިރަށް މޫސުން ރަނގަޅު ވާނެ ކަމަށެވެ.

އެމްއެންޑީއެފުން ވެސް ވަނީ މި ދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެދިފަ އެވެ.