Roadha Mihaaru
ވަޒީފާތަކަށް ޚާއްސަ ޖޮބް ސެންޓަރު ހުޅުވަނީ

ވަޒީފާތަކަށް ޚާއްސަ ޖޮބް ސެންޓަރު ހުޅުވަނީ

27 ސެޕްޓެމްބަރ 2019

ދިވެހިންނަށް ވަޒީފާ ހޯދައިދިނުމަށް ހުޅުވާ ޖޮބް ސެންޓަރު އަންނަ މަސް ނިމުމުގެ ކުރިން ހުޅުވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިވެހިންނަށް ވަޒީފާ ހޯދައިދިނުމަށް ހުޅުވާ ޖޮބް ސެންޓަރު އަންނަ މަސް ނިމުމުގެ ކުރިން ހުޅުވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ޖޮބް ފެއާ ފެށުމުގެ ގޮތުންް މިރޭ ބޭއްވި ހަފްލާގައި މިނިސްޓަރު ވިދާޅުވީ ދިވެހިން ތަމްރީންކޮށް ވަޒީފާ ހޯދައިދިނުމަށް ޖޮބް ސެންޓަރެއް ގާއިމް ކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. މި ސެންޓަރުތަކަކީ ވަޒީފާ ދޭ މީހުންނާއި ވަޒީފާ އަށް އެދޭ މީހުން އެއްތަނަކަށް ގެނުވައިދޭ އޮންލައިން ޕްލެޓްފޯމެކެވެ.

މި ސެންޓަރުގައި ވަޒީފާ އަށް އެދޭ މީހުން ރަޖިސްޓްރީ ވާން ޖެހޭއިރު ވަޒީފާތަކަށް ހުޅުވާލާ ތަންތަނުން ވެސް ރަޖިސްޓްރީ ވާން ޖެހޭނެ އެވެ. ވަޒީފާތަކަށް ހުޅުވާލުމުން ކޮލިފިކޭޝަނަށް ބެލުމަށްފަހު ޖޮބް ސެންޓަރުން އެ މީހަކަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ބިދޭސީއަކު އެ ވަޒީފާއަށް ގެނެވޭނީ ދިވެހިންގެ ތެރޭގައި ކޮލިފައިވާ މީހަކު ނެތުމުން ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް އުފަލާ އެކު ބުނެލަން ޖޮބް ސެންޓަރު އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުޅުވާލެވޭނެ ކަމަށް. މި ސެންޓަރުގައި ވަޒީފާ ދޭ މީހުން ވަޒީފާ އިއުލާން ކުރުމުން ވަޒީފާ އަށް އެދި ރަޖިސްޓްރީ ވާ މީހުންގެ ތެރެއިން ކޮލިފައިޑް މީހުންނަަށް ވަޒީފާ ވަގުތުން ހަމަޖެހޭނެ. އެ ވަޒީފާއަކަށް ކޮލިފައިޑް މީހަކު ނެތްނަމަ ބޭރު މީހަކު ގެންނަން ކޯޓާ ލިބޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގައި ވަޒީފާ އިތުރުކުރުމުގެ ގޮތުން ދައުލަތުގެ އެކި ވުޒާރާތަކާ ގުޅިގެން މަސައްކަތް ކުރި ނަމަވެސް ސިޔާސަތުތައް ހުރިގޮތުން ވަޒީފާތަކުގައި ގޮންޖެހުން އެބަހުރި ކަމަށެވެ. ނަމަވެސް އެ ސިޔާސަތުތައް ރަނގަޅު ކުރުމަށް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ވޯލްޑް ބޭންކުގެ އެހީގައި އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ "މީރީ" ޕްރޮޖެކްޓުގެ ދަށުން ޓޫރިޒަމް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ތަމްރީން ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. މި ދާއިރާތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުން ހުރީ ކޮން ފުރުސަތުތަކެއްތޯ ބަލައި އެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުމަށް ސްކިލް ޑިވެލޮޕްމަންޓް ސެންޓަރުތައް ހުޅުވުމަށް ހަމަޖެހިފައިވާކަމަަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.