Roadha Mihaaru
ހުރިހާ ގެއްލުމެއް ކުރިމަތިވާނީ ރައްޔިތުންނަށް: އިބޫ

ސީމެގުގެ ހުށަޅުންތަކަށް އަމަލުނުކޮށްފި ނަމަ ގެއްލުން ވާނީ ރައީސް ޔާމީނަކަށް ނޫން، ރައްޔިތުންނަށް: އިބޫ

24 ސެޕްޓެމްބަރ 2016

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ހުށަހެޅުންތަކަށް ދިވެހި ސަރުކާރުން ދެން އަމަލު ނުކޮށްފި ނަމަ އޭގެ ގެއްލުން ކުރިމަތިވާނީ ރައީސް އަބްދުﷲ ޔާމީނަށް ނޫން ކަމަށާއި އެކަމުގެ ހުރިހާ އުނދަގުލެއްގެ ބުރަ އުފުލަން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ހުށަހެޅުންތަކަށް ދިވެހި ސަރުކާރުން ދެން އަމަލު ނުކޮށްފި ނަމަ އޭގެ ގެއްލުން ކުރިމަތިވާނީ ރައީސް އަބްދުﷲ ޔާމީނަށް ނޫން ކަމަށާއި އެކަމުގެ ހުރިހާ އުނދަގުލެއްގެ ބުރަ އުފުލަން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

"... ރައީސް ޔާމީން ހޯއްދެވި އެއްޗަކާއިގެން ވަޑައިގަންނަވާނީ. މީގައި ގެއްލުން ވާނީ ސީދާ ދިވެހި ރައްޔިތުންނަށް. އެހެންވީމާ އެކަމުން މި ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް ކުރަންޖެހޭ،" ސީމެގްގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނައި، އިސްލާހު ނުވެއްޖެ ނަމަ ކޮމަންވެލްތުން ރާއްޖެ ވަކިކުރުމަށް ވިސްނާނެ ކަމުގެ އިންޒާރު އެ ޖަމާއަތުން އިއްޔެ ދީފައިވާކަން ފާހަގަ ކުރައްވަމުން އިބޫ "މިހާރު"އަށް ވިދާޅުވި އެވެ.

އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށް ގެންދާ އދ. ގެ އާންމު މަޖިލިހުގެ ބައްދަލުވުމުގެ ހަވާސާގައި އިއްޔެ ބޭއްވި ސީމެގްގެ ބައްދަލުވުމަށް ފަހު، އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިދިޔަ ފެބްރުއަރީ މަހާއި އޭޕްރީލް މަހު ބައްދަލުވުމުގައި ރާއްޖެއަށް ހުށަހެޅި ކަންތައްތައް އިސްލާހު ކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި ދެން މި ކަންތައް އިސްލާހު ނުކުރާ ނަމަ، އަންނަ އަހަރުގެ މާާޗް މަހު ބާއްވާ ބައްދަލުވުމުގައި، ރާއްޖެއާ މެދު އެޅޭނެ ފިޔަވަޅުތަކާ މެދު ވިސްނެވުމަށް ސީމެގްގައި ހިމެނޭ ގައުމުތަކުގެ މިނިސްޓަރުން އެއްބަސްވެވަޑައިގަތް ކަމަށް ބަޔާނުގައިވެ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ކޮމަންވެލްތުން ސަސްޕެންޑް ކުރުން ވެސް ހިމެނެ އެވެ.

ސީމެގުން ރާއްޖެއަށް ހުށަހަޅާ ކަންކަން:

- ސިޔާސީ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް މަޝްވަރާތައް އަލުން ފެށުން

- ސިޔާސީ ބޭފުޅުންނަށް އެނބުރި ސިޔާސީ މައިދާނަށް ވަޑައިގެންނެވޭ ގޮތަށް ދޫކޮށްލުން

- ސިޔާސީ ބޭނުންތަކަށް ޓެރަރިޒަމްގެ ގާނޫނުގެ ނާޖާއިޒް ފައިދާ ނެގުން ހުއްޓާލުން

- ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކުރުން

- މަދަނީ ޖަމިއްޔާތަކަށް ހަރަކާތްތެރިވެވޭނެ ފަދަ މިނިވަން މާހައުލެއް ގާއިމްކޮށްދިނުން

- ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް އޮތުން ކަށަވަރުކޮށްދިނުން

މި މައްސަލާގައި އެމްޑީޕީގެ އިސް މެމްބަރު އިބޫ ވިދާޅުވީ ސީމެގުން ހުށަހެޅި ކަންކަން ރާއްޖެއިން އިސްލާހު ނުކޮށްފި ނަމަ، ކޮމަންވެލްތުން ސަސްޕެންޑް ކުރުމާ ދިމާލަށް ރާއްޖެ މިސްރާބު ޖެހުމަކީ ބައިނަލްއަގްވާމީ މައިދާނުގައި ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ނަން ވެސް ބައިނަލްއަގްވާމީ މައިދާނުގައި ކިލަނބުވެ، އަގުވެއްޓޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހިސާބަށް މިދިޔައީ ސަރުކާރުން އަމަލުކުރާ ގޮތުގެ ސަބަބުންނާއި އުސޫލުތަކާ ހެދި. އެހެންވީމަ ސަރުކާރުން އިސްލާހު ނުގެންނަ ނަމަ، ވެރިކަން ބަދަލުކޮށްފައި ވިޔަސް އިސްލާހު ކުރަން އެބަޖެހޭ. އެހެން ނޫނީ މުޅި ގައުމުގެ ނަން ހަރާބުވާތަން އަޅުގަނޑުމެންނަށް ފެންނާނީ،" ހިންނަވަރު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

ސީމެގްގެ ބައްދަލުވުން އިއްޔެ ކުރިއަށް ދަނީ: ދިވެހި ސަރުކާރަށް ހުށަހެޅި ކަންކަން އިސްލާހު ނުކޮށްފި ނަމަ، އަންނަ އަހަރުގެ މާޗްގައި ބާއްވާ ބައްދަލުވުމުގައި، ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުމަށް ވިސްނާނެ ކަމުގެ އިންޒާރު ސީމެގުން އިއްޔެ ދިން.

ސީމެގްގެ ބައްދަލުވުން އިއްޔެ ކުރިއަށް ދަނީ: ދިވެހި ސަރުކާރަށް ހުށަހެޅި ކަންކަން އިސްލާހު ނުކޮށްފި ނަމަ، އަންނަ އަހަރުގެ މާޗްގައި ބާއްވާ ބައްދަލުވުމުގައި، ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރުމަށް ވިސްނާނެ ކަމުގެ އިންޒާރު ސީމެގުން އިއްޔެ ދިން.

އިބޫ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރަނީ ގޮތް ހުސްވެ، މަޖުބޫރީ ހާލަތަކަށް ދިއުމުންނެވެ. އޭގެ މާނައަކީ ހެޔޮ ނިޔަތުގައި ކަންކަން ކުރުމުގެ ސިޔާސަތެއް ސަރުކާރުގައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ގޮތް ދޫކޮށް، މަޝްވަރާތަކަށް ފަހި މާހައުލެއް ގާއިމް ކުރުމަށް ސީމެގުން އެދިފައިވާއިރު، އިބޫ ވިދާޅުވީ "ގައުމު ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން އެމްޑީޕީ އޮތީ ތައްޔާރަށް" ކަމަށެވެ.

"އެކަމަކު [ސަރުކާރާއެކު] ވާހަކަ ދައްކާނެ ގޮތްތައް ނިންމާނީ އެމްޑީޕީގެ ގައުމީ މަޖިލިހުން. މިހާތަނަށް ވެސް ކަންކަން ހިނގަމުން އައި ގޮތަކީ އެއީ،" ސަރުކާރާއި އެމްޑީޕީއާއެކު ކުރިން ފެށި މަޝްވަރާތަކުގައި ވެސް އެ ޕާޓީން އިސްކޮށް ހުންނެވި އިބޫ ވިދާޅުވި އެވެ.

އެމްޑީޕީން ރޭގައި ނެރުނު ބަޔާނެއްގައި ސަރުކާރަށް ގޮވާލާފައި ވަނީ، ސީމެގުން ރާއްޖެއަށް އަޅާނެ ފިޔަވަޅަކުން ސަލާމަތް ވުމަށްޓަކައި އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރުމަށެވެ.

އިބޫ ވިދާޅުވީ ސީމެގުން އަޅާނެ ފިޔަވަޅަކުން ގައުމު ސަލާމަތް ކުރުމަށްޓަކައި ސަރުކާރާއި ރައްޔިތުންގެ މަޖިލިހާއި ޝަރުއީ ދާއިރާ އަދި ގާނޫނުތައް ތަންފީޒުކުރާ ފަރާތްތަކުން މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށެވެ.