Roadha Mihaaru
ހެމާ ސިޔާސީ ދާއިރާއާ ދުރަށް ދަނީ

ހެމާ މާލިނީ ސިޔާސީ ދާއިރާއާ ދުރަށް ދަނީ

23 އޮކްޓޯބަރ 2019

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ މަތޫރާގެ ގޮނޑި ދެވަނަ ދައުރަކަށް ފުރުމަށް ފަހު، ދެން އަންނަ ދައުރަކާ އެކު ސިޔާސީ ދާއިރާއާ ދުރަށްދާނެ ކަމަށް ބަތަލާ ހެމާ މާލިނީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ މަތޫރާގެ ގޮނޑި ދެވަނަ ދައުރަކަށް ފުރުމަށް ފަހު، ދެން އަންނަ ދައުރަކާ އެކު ސިޔާސީ ދާއިރާއާ ދުރަށްދާނެ ކަމަށް ބަތަލާ ހެމާ މާލިނީ ބުނެފި އެވެ.

އެކްޓަރު ދަރުމެންދުރާއަ ކައިވެނިކޮށް ދެ އަންހެން ދަރިން ލިބި މާމަ ވެސް ކިޔާފައިވާ ކުރީގެ ބަތަލާ ބުނީ ދެވަނަ ދައުރަކަށް މި އަހަރު ކުރިމަތިލީ މަތޫރާގެ ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދަން އިތުރު ދައުރެއް ބޭނުންވުމުން ކަމަށެވެ.

"އެކަމަކު މި ދައުރު ނިމުނީމަ ސިޔާސީ ދާއިރާ ދޫކޮށްލާނަން،" ހިންދީ ސިނަމާގެ އެންމެ އައިކޮނިކް އެއް ފިލްމު ކަމަށްވާ "ޝޯލޭ" ގެ ބަތަލާ ބުންޏެވެ. "އެއަށް ފަހު ބޭނުން ވަނީ އާއިލާ އަށް ވަގުތު ދޭން. އަހަރެންގެ މިހާރު މާމަ ދަރިން ވެސް އެބަތިބި. އެ ކުދިންނާ އެކު ވަގުތު ހޭދަކޮށް، އާއިލާ އަށް ހުރިހާ ވަގުތެއް ހުސްކުރަން ބޭނުންވޭ."

ހެމާ، 71، ބުނީ ފިރިމީހާ ދަރޭ، 83، އަކީ ވެސް މިހާރު ތަންކޮޅެއް ބަލިކޮށް އުޅޭ މީހަކަށްވާތީ އޭނާ އަށް ވެސް ގިނަ ވަގުތު ދޭން ޖެހޭ ކަމަށެވެ.

"އަހަރެން ވެސް މިހާރު މިހިރީ އުމުރުން ވަރަށް ދުވަސްވެފައި. އެހެންވީމާ ކުރިން މަސައްކަތްތައް ކުރިގޮތަކަށް އަބަދު މަސައްކަތެއް ވެސް ނުކުރެވޭނެ. އާއިލާ އަށް ވަގުތު ދިނުމަކީ އަބަދު ވެސް އަހަރެން ވަރަށް ބޭނުންވާ ކަމެއް،" އޭނާ ބުންޏެވެ. "ހަޔާތުގެ ބާކީ އޮތް ބައި ހޭދަކުރަން ބޭނުން ވަނީ އާއިލާއާ އެކީގައި."

ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ މެމްބަރު ބުނިގޮތުގައި ސިޔާސީ ދާއިރާ ދޫކޮށްލުމަށް ފަހު، ކުރިއަށް އޮތް ތަނުގައި ކުލަސިކަލް ޑާންސިންގެ މަސައްކަތްތައް ވެސް ކުރަން ބޭނުންވެ އެވެ. ހެމާ އަކީ ކްލަސިކަލް ޑާންސިންގެ ތަޖުރިބާކާރެކެވެ. އަދި އޭނާއަކީ އެފަދަ ނެށުންތައް ޕްރޮމޯޓްކުރަން މަސައްކަތް ވެސް ކުރާ ފަންނާނެކެވެ.

"ޑްރީމް ގާލް" ގެ ނަމުން މަޝްހޫރުވި ހެމާއަކީ އޭނާގެ ރަން ޒަމާނުގައި ބޮލީވުޑްގައި އެންމެ ވިދައިލި އަދި ކާމިޔާބު ވަރަށް ގިނަ ފިލްމުތަކެއް ކުޅެފައިވާ އެއް ބަތަލާ އެވެ. ހެމާ ދެތިން ފިލްމެއް ޑައިރެކްޓް ވެސް ކޮށްފައިވެ އެވެ.

ހެމާ ސިޔާސީ ދާއިރާ ދޫކޮށްލަން ނިންމާފައިވާ އިރު އޭނާގެ ދޮންދަރި އަދި އެކްޓަރު ސަނީ ޑިއޯލް މި އަހަރު އަލަށް ސިޔާސީ އަށް ނުކުމެ ލޯކް ސަބާގެ ޕަންޖާބްގެ ގުރުދާސްޕޫރްގެ ގޮނޑި އަންނަނީ ފުރަމުންނެވެ.