Roadha Mihaaru
ލޭޑީ ގާގާ އާއި ބައްޕީ ލެހެރީގެ ޑުއެޓް ލަވަތަކެއް

ލޭޑީ ގާގާ އާއި ބައްޕީ ލެހެރީގެ ޑުއެޓް ލަވަތަކެއް ރިކޯޑްކޮށްފި

24 އޮކްޓޯބަރ 2019

މި މަހުގެ 19 ވަނަ ދުވަހު އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ސަންސްކްރިތު ޖުމްލައެއް ޓްވީޓްކުރުމުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ގާގާގެ ޓްވީޓްގައި ވަނީ މިހެންނެވެ؛ ލޯކާ ސަމަސްތާ ސުޚީނޯ ބަވަންތޫ އެވެ. އޭގެ މާނަ އަކީ އުފާވެރިކަމާއި ސުލްހަޔާއި އަމާންކަމަށް އެދޭ ކަމަށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 19 ވަނަ ދުވަހު އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ސަންސްކްރިތު ޖުމްލައެއް ޓްވީޓްކުރުމުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ގާގާގެ ޓްވީޓްގައި ވަނީ މިހެންނެވެ؛ ލޯކާ ސަމަސްތާ ސުޚީނޯ ބަވަންތޫ އެވެ. އޭގެ މާނަ އަކީ އުފާވެރިކަމާއި ސުލްހަޔާއި އަމާންކަމަށް އެދޭ ކަމަށެވެ.

މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އަ ސްޓާ އިޒް ބޯން" އިން އެކްޓިން އަށް ވެސް ނުކުތް ގާގާގެ އެ ޓްވީޓާ ގުޅިގެން ގިނަ ބަޔަކު އެންމެ ބޮޑަށް ސުވާލު އުފެއްދީ އޭނާ އިންޑިއާއާ ގުޅުން ހުރި މަސައްކަތެއް ކުރަނީތޯ އެވެ؟

އެ ސުވާލުގެ ޖަވާބު މަޝްހޫރު ލަވަކިޔުންތެރިޔާ/މިއުޒިކް ޑައިރެކްޓަރު ބައްޕީ ލެހެރީ މިހާރު ވަނީ ދީފަ އެވެ.

މުމްބާއީ މިރާ އަށް ބައްޕީ ބުނީ އޭނާ އާއި ގާގާ ދެ ޑުއެޓް ލަވައެއް ރިކޯޑްކޮށްފައިވާ ކަމަށެވެ.

"އަހަރެން އަހަރެންގެ ސްޓައިލްގައި ހިންދީ ބަހުން އަދި ގާގާ އޭނާގެ ސްޓައިލްގައި އިނގިރޭސިން ކިޔާފައިވާ ދެ ލަވަ އެއީ. މިހާރު މި އިންތިޒާރު ކުރަނީ ދެ ލަވަ ނެރޭނެ އިރަކަށް،" 80 އާއި 90 ގެ އަހަރުތަކުގައި ބޮލީވުޑްގައި ޑިސްކޯ ސްޓައިލްގެ ލަވަތަކަށް އިންގިލާބެއް ގެނައި ބައްޕީ ބުންޏެވެ. "ހީވަނީ މި އަހަރުގެ ފަހުކޮޅު ދެ ލަވަ ނެރޭނެހެން."

އޭނާ ބުނީ ގާގާއާ އެކު ލަވަތަކެއް ރިކޯޑްކުރުމުގެ ދެ މަސް ކުރިން އެމެރިކާގެ ލަވަކިޔުންތެރިޔާ އޭކަންއާ އެކު ވެސް ލަވައެއް ރެކޯޑްކޮށްފައިވާ ކަމަށެވެ.

"އެ ވެސް މާ ލަހެއް ނުވެ ނެރޭނެ. އެކަމަކު މި ލަވަތަކާ ބެހޭ އެއްވެސް ތަފުސީލެއް ނެތް އަދި ދެވޭކަށް،" ބައްޕީ ބުންޏެވެ.

އޭކަންއަކީ އިންޑިއާގެ ފިލްމަކަށް ވެސް ލަވައެއް ކިޔާފައިވާ ފަންނާނެކެވެ. އެއީ 2011 ގައި ރިލީޒްކުރި ޝާހްރުކް ޚާނާއި ކަރީނާ ކަޕޫރްގެ ސުޕަހީރޯ ފިލްމު "ރާ.ވަން" އަށެވެ. އެ ފިލްމުގެ "ޗައްމަކް ޗައްލޯ" ލަވައަކީ އޭކަން ކިޔާފައިވާ ލަވައެކެވެ.