Roadha Mihaaru
އެމްޑީޕީގެ އިންތިހާބު ބާއްވަން އަމުރުކޮށްދޭން އެދެފި

އެމްޑީޕީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކޮށްދޭން އެދެފި

26 ސެޕްޓެމްބަރ 2016

އެމްޑީޕީގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ އިންތިހާބު ބާއްވަން އެ ޕާޓީ އަށް އެންގުމަށް އިލެކްޝަންސް ކޮމިޝަންގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ރައީސާއި ނައިބު ރައީސް ހޮވުމުގެ އިންތިހާބު ބާއްވަން އެ ޕާޓީ އަށް އެންގުމަށް އިލެކްޝަންސް ކޮމިޝަންގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެދިވަޑައިގެންފި އެވެ.

ކޮމިޝަނަށް ފޮނުވި ސިޓީއެއްގައި އަލްހާން ވިދާޅުވެފައި ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެ ޕާޓީގެ ލީޑަޝިޕްގެ ދައުރު ހަމަވެފައިވާ ކަމަށެވެ. އެހެންވެ އިންތިހާބު އަލުން ބާއްވައި ޕާޓީގެ އާ ރައީސަކާއި ނައިބު ރައީސަކު އިންތިހާބުކުރަން އިލެކްޝަނުން އެންގުމަށް އަލްހާންގެ ސިޓީގައި އެދިވަޑައިގެންފައި ވެ އެވެ.

އެމްޑީޕީގެ ރައީސަކަށް އެންމެ ފަހުން އިންތިހާބުކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނައިބު ރައީސަކީ މުހައްމަދު ޝިފާޒެވެ. ޖަލު ހުކުމް ތަންފީޒުކުރައްވާ ބޭފުޅުންނަށް ސިޔާސީ ޕާޓީތަކުގެ އިސް މަގާމްތަކުގައި ނުތިއްބެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ނަޝީދަށް ޕާޓީގެ ރައީސްކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެއީ، ގާނޫނުތަކާ ހިލާފަށް އިންސާފުން ބޭރުން ނިންމި ހުކުމެއް ކަމަށް ކަމާއި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައީ ވެސް ނަޝީދުގެ މަގާމް ގެއްލުވާލަން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ގާނޫނަށް އިސްލާހު ގެނަޔަސް އެމްޑީޕީން ދެކޭގޮތުގައި، އެ ޕާޓީގެ އަދިވެސް ރައީސަކީ ނަޝީދެވެ.

އެމްޑީޕީ އިސްލާހުކުރުމާ ގުޅޭގޮތުން މައުލޫމާތު ދޭން ބޭއްވި ޕްރެސް ކޮންފަރެންސްގައި މޫސަ އާއި އަލްހާން ބައިވެރިވެވަޑައިގަންނަވަނީ. --ސޯޝަލްމީޑިއާ ފޮޓޯ: ޗެނަލް13

އެމްޑީޕީ އިސްލާހުކުރުމާ ގުޅޭގޮތުން މައުލޫމާތު ދޭން ބޭއްވި ޕްރެސް ކޮންފަރެންސްގައި މޫސަ އާއި އަލްހާން ބައިވެރިވެވަޑައިގަންނަވަނީ. --ސޯޝަލްމީޑިއާ ފޮޓޯ: ޗެނަލް13

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ ދައުރު ހަމަވެފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި ސިޓީއާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފަހު ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސާއި ނައިބު ރައީސް އިންތިހާބު ބާއްވަން އެ ޕާޓީ އަށް އަންގަން އިލެކްޝަންގައި އަލްހާން އެދިވަޑައިގެންނެވިއިރު، އެމްޑީޕީ ޑިމޮކްރަސީ އާއި ޕާޓީ އުފެއްދި މަގްސަދާ ހިލާފަށް ހިންގަމުންދާ ކަމަށް ވިދާޅުވެ ޕާޓީ އިސްލާހުކުރުމުގެ މަސައްކަތް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާ އެކު ވަނީ ފައްޓަވައިފަ އެވެ.

މޫސަ ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ އިންތިހާބު ބާއްވަން އިލެކްޝަންގައި އެދިވަޑައިގަތުމަށް ފަހު، އެކަން ނުވެއްޖެ ނަމަ ކޯޓަށް ވެސް މައްސަލަ ވައްދައިގެން ޕާޓީ އަށް އިސްލާހު ގެންނަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަޝީދު ޕާޓީ ހިސޯރުކޮށްގެން އުޅުއްވާ ކަމަށް ފާޑުވިދާޅުވެ މޫސަ ވިދާޅުވެފައި ވަނީ އެކަން ނިމުމަކަށް ގެންނަވަން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

އަލްހާނާއި މޫސަ އަށް ރައްދު ދީ އެމްޑީޕީން ބުނެފައި ވަނީ އެ ދެ ބޭފުޅުންގެ އެޖެންޑާއަކީ އެމްޑީޕީ ހަލާކުކޮށްލުން ކަމަށެވެ. އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވީ އާއްމު މެމްބަރުންގެ ތާއީދު އޮތް ބޭފުޅުން ކަމަށާއި ޕާޓީ ހިންގަނީ ވެސް އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.