Roadha Mihaaru
އެއީ މެމްބަރުންނެއް ނޫން، ބޭނުމަކީ ޕާޓީ ހަލާކުކުރުން

އެއީ އެމްޑީޕީގެ މެމްބަރުންނެއް ނޫން، އެޖެންޑާއަކީ ޕާޓީ ހަލާކުކޮށްލުން: ޝިފާޒް

20 ސެޕްޓެމްބަރ 2016

އެމްޑީޕީ އިސްލާހު ކުރަން އެޖެންޑާ އެކުލަވައިލާނީ މެމްބަރުން ކަމަށާއި ޕާޓީ އަށް ފާޑުވިދާޅުވާން ބަޔަކު ނިކުތީ އެމްޑީޕީ ހަލާކުކުރުމުގެ އެޖެންޑާއާ އެކު ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީ އިސްލާހު ކުރަން އެޖެންޑާ އެކުލަވައިލާނީ މެމްބަރުން ކަމަށާއި ޕާޓީ އަށް ފާޑުވިދާޅުވާން ބަޔަކު ނިކުތީ އެމްޑީޕީ ހަލާކުކުރުމުގެ އެޖެންޑާއާ އެކު ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ "ހަމަ މަަގަށް އެޅުވުމުގެ" މަސައްކަތްތަކެއް ފައްޓަވާފައިވާ ކަން އިއުލާންކުރެއްވީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކާއި އަލްހާން ފަހުމީގެ އިތުރުން ސުޖާއު ހުސެއިން އެވެ.

ޝިފާޒް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެމްޑީޕީގައި އޮތީ ފަސް އަހަރަށް އިންތިހާބުކޮށްފައިވާ ސައްހަ ލީޑަޝިޕެކެވެ. އެއީ އާއްމު މެމްބަރުންގެ ތާއީދާ އެކު ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބުކޮށްފައިވާ އަދި މިހާރު ވެސް އާއްމު މެމްބަރުންގެ ރުހުމުގައި މަގާމުގައި ތިއްބެވި ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ ހިންގަނީ ޑިމޮކްރެޓިކް އުސޫލްތަކާއި ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށެވެ. ޕާޓީ ތެރޭގައި އެއްވެސް މައްސަލައެއް ނެތި ކުރިއަށް ދަނިކޮށް، މޫސަ އާއި އަލްހާންގެ ބޭނުމަކީ ޝިފާޒު ތުހުމަތު ކުރެއްވި ގޮތުގައި ޕާޓީ "ހަލާކުކޮށްލުމެ"ވެ.

"ޕާޓީ ރިފޯމްކުރުމުގެ މަސައްކަތް ކުރާނީ މި ޕާޓީގެ މެމްބަރުން. އެއީ ޕާޓީއާ ނުބެހޭ މީހުން ކުރާ ކަމެއް ނޫން،" ޝިފާޒް ވިދާޅުވި އެވެ.

"އެ މީހުންގެ އޮތީ އެހެން އެޖެންޑާއެއް. ބޭނުމަކީ ޕާޓީ ހަލާކުކޮށްލުން. އެ ނޫން އިތުރު އެއްވެސް މަގްސަދެއް ނެތް."

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވި މޫސަ ވަކިކުރީ ޕާޓީގެ ވިޕްލައިނާ ހިލާފަށް މަޖިލީހުގައި ވޯޓު ދެއްވި މައްސަލައެއްގަ އެވެ. އޭނާ އަކީ ޕާޓީގެ މެމްބަރެއް ނޫން ކަމަށް ޝިފާޒު ވިދާޅުވިއިރު މައްސަލަ ބެލުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މޫސަ ޕާޓީން ވަކި ނުވާ ކަމަށެވެ.

ޝިފާޒު ވިދާޅުވީ މޫސަގެ މައްސަލަ އިލެކްޝަނުން އެގޮތަށް ނިންމީ، އެމްޑީޕީން ހުށަހަޅައިގެން ނޫން ކަމަށެވެ. އެހެންވެ މޫސައަކީ އެމްޑީޕީ މެމްބަރެއް ނޫން ކަމަށާއި ސުޖާއު އަކީ އެމްޑީއޭ މެމްބަރެއް ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.

އަލްހާން އަދި ޕާޓީން ވަތްކެއް ނުކުރެ އެވެ. އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައި ވަނީ ފަސް އަހަރު ވަންދެން ޕާޓީގެ އެއްވެސް މަގާމެއްގައި އޭނާ އަށް ވާދަނުކުރެވޭނެ ކަމަށެވެ. އެއީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސ. ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އަލްހާނަށް ނާކާމިޔާބުވެފައި ވަނިކޮށް އަމިއްލަ ގޮތުން އެ ދާއިރާ އަށް ވާދަކުރެއްވި މައްސަލައިގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީ ހައިޖެކްކުރައްވާފައިވާ ކަމަށް މޫސަ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ޝިފާޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާ ގުޅިވަޑައިގެން މޫސަގެ ހަމައެކަނި މަގްސަދަކީ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ދިފާއުކުރެއްވުން ކަމަށެވެ. ޕީޕީއެމް، ރައީސް ޔާމީންގެ ފެކްޝަންގެ މެމްބަރުން ބޭނުންވާ އެޖެންޑާއަކާ ނުލައި، މޫސަ އަށް އެ މަގާމުގައި ދެމި ނުހުންނެވޭނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

"ހުރިހާ ކަމެއް ގުރުބާންކޮށްލެއްވުމަށް ފަހު ވެސް ނައިބު ރައީސްގެ މަގާމު ދިފާއުކުރެއްވުން އެއީ، މޫސަ ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް. އެމްޑީޕީއާ ދެކޮޅަށް ވާހަކަ ދައްކައިގެން ނަމަވެސް އެކަން އެބަ ކުރައްވަން ޖެހިވަޑައިގަންނަވާ،" ޝިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީގެ އާއްމު މެމްބަރުންނަކީ ތަސައްރަފު ފުދޭ، ޕާޓީގެ ކަންކަން އެނގޭ ބައެކެވެ. ޕާޓީ ހަލާކުކޮށްލަން އާއްމު މެމްބަރުން ފުރުސަތު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޫސަ އާއި އަލްހާން ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ އިންތިހާބީ ލީޑަޝިޕެއް އޮންނަން ޖެހެ އެވެ. އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ގާނޫނީ އިމުގެ ތެރެއިން ކުރައްވާނެ ކަމަށް ވެސް ދެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.