Roadha Mihaaru
އުޅެނީ އަގުވައްޓާލަން، ކޮރަޕްޝަނެއް ނުހިންގަން: ޝިފާ

އުޅެނީ އަގުވައްޓާލަން، ކޮރަޕްޝަނެއް ނުހިންގަން: ޝިފާ

30 އޮކްޓޯބަރ 2019

ލޮނުޒިޔާރަތް ކޮޅުގައި ސިޓީ ކައުންސިލުން ޕާކް ތަރައްގީ ކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް އެ ކައުންސިލްގެ ބައެއް މެމްބަރުން ކުރައްވާ ތުހުމަތުތައް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ދޮގުކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ލޮނުޒިޔާރަތް ކޮޅުގައި ސިޓީ ކައުންސިލުން ޕާކް ތަރައްގީ ކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް އެ ކައުންސިލްގެ ބައެއް މެމްބަރުން ކުރައްވާ ތުހުމަތުތައް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ދޮގުކުރައްވައިފި އެވެ.

އަންނަ މަހު 11 ގައި ހުޅުވުމަށް ހަމަޖައްސާފައިވާ އެ ޕާކްގައި ހަދާ ފާހާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްްރަކްޝަނުން ކުރަނީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީސް ކަމަށް ވިދާޅުވެ، ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަޒީން ވަނީ މީޑިއާގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ. އެ އިމާރާތުގެ އިތުރުން އެ ޕާކަށް ބޮޑެތި ހޭދަތަކެއް ސިޓީ ކައުންސިލުން ކޮށްފައި ވަނީ ކައުންސިލުން ފާސްނުކޮށް ކަމަށް އޭނާ ވިދާޅުވެ އެވެ.

ފަޒީންގެ އިތުރުން އެ ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީރާއި އެހެން ބައެއް ކައުންސިލަރުން ވެސް އަންނަނީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ. ބޮޑު ހޭދައެއް އެ ޕާކަށް ކޮށްފައިވަނީ، ބިޑް ކުރުމެއް ނެތި މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް އެބޭފުޅުން ވިދާޅުވި އެވެ. އަދި އެކަންކަން މީޑިއާގެ ސަމާލުކަމަށް ގެނައުމުން އެކަން ފޮރުވުމަށް ލިޔެކިޔުމަށް ބަދަލު ގެންނަ ކަމަށް އެބޭފުޅުން ތުހުމަތުކުރައްވަ އެވެ.

މި ތުހުމަތާ ގުޅޭ ޚަބަރު ޓްވީޓް ކުރައްވައި ޝިފާ ވިދާޅުވީ ސިޓީ ކައުންސިލް ހިންގުމަށް ދަތިކޮށް ހުއްޓުމަކަށް ގެނައުމަށް ތިން ކައުންސިލަރަކު، ފެށުނީންސުރެ މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް އެ ކައުންސިލަރުންގެ ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ސިޓީ ކައުންސިލްގެ ބޮލުގައި ބޮޑެތި އިލްޒާމުތައް އަޅުވައި ލިޔެކިޔުންތައް ބަދަލުކުރާ ވާހަކަ އާއި އެކަމުގެ އިލްޒާމުތައް އަޅުވަމުންދާތީ އެކަން ކުށްވެރިކުރަން،" އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މާލޭ ކައުންސިލްގެ މޭޔަރު ވިދާޅުވި އެވެ.

ތުހުމަތުތައް ދޮގުކުރައްވައި ޝިފާ ކުރެއްވި ޓްވީޓް.

މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި ޝިފާ ވިދާޅުވީ އޭނާ ނެތް ވަގުތު ބަލާފައި ކައުންސިލްގެ އަގުވައްޓާލުމަށް ބަޔަކު ފަހަތުގައި ތިބެގެން ކުރާ އަމަލުތައް ކުށްވެރި ކުރައްވާ ކަމަށެވެ.

ކައުންސިލަރުން ކުރައްވާފައިވާ ވަކިވަކި ތުހުމަތުތަކަކަށް ޝިފާގެ ޓްވީޓްތަކުގައި ޖަވާބެއް ނުދެއްވަ އެވެ. އޭގެ ބަދަލުގައި ޝިފާ ވަނީ މަސައްކަތްތައް ބިޑް ކޮމެޓީއާ ހަވާލުކުރިކަމެއް އަދި ބަޔަކާ ހަވާލުކުރިކަމެއް ނޭނގޭއިރު ކޮރަޕްޝަން ހިމެނެނީ ކިހިނެއްތޯ ސުވާލުކުރައްވައިފަ އެވެ.

ކައުންސިލަރު ފަޒީން ރޭ ވިދާޅުވީ ކައުންސިލް މެމްބަރުންނަށް އެންގުމެއް ނެތި، ގަވައިދާ ހިލާފަށް ޕާކްގެ މަސައްކަތްތައް ކުރިއަށް ގެންދާތީ އެކަން މީޑިއާގެ ސަމާލުކަމަށް ގެނައުމުން، މިހާރު އެކަން ގަވައިދުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ފަޒީން ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން މީގެ ކުރިން ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ފަޅާއެރުމުން ލިޔެ ކިޔުން "ގެއްލުވާލާފައި" ވެ އެވެ. އެގޮތުން، ބިޑް ޑޮކިއުމެންޓްތަކެއް މަދުވި މައްސަލައިގައި އިދާރީ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "އިދާރީ ހިންގުމުގެ ބާރު އޮތް ބަޔަކަށް ޑޮކިއުމެންޓްތައް ބަދަލު ކުރުމަކީ ފަސޭހަ ކަމެއް. މީގެ ކުރިން ވެސް އެކަން ކޮށްފައި އެބަހުރި،" ފަޒީން ވިދާޅުވި އެވެ. އޭރު އެކަންކަން ކަމާބެހޭ އިދާރާތަކަށް ހުށަނޭޅުއްވީ ކީއްވެގެންތޯ ސުވާލު ކުރުމުން ފަޒީން ވިދާޅުވީ، އެކަންކަން އިސްލާހު ކުރައްވާނެ ކަމަށް މޭޔަރު ވިދާޅުވި ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަންކަން އިސްލާހު ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.