Roadha Mihaaru
ފަނޑިޔާރު އާދަމްގެ ވަކީލަކަށް ޖަމީލް ބަލައެއް ނުގަތް

ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލަކަށް ޑރ. ޖަމީލް ބަލައެއް ނުގަތް

30 އޮކްޓޯބަރ 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ މައްސަލަތަކުގެ ތެރެއިން ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގުގައި ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ބަލައިނުގަންނަން ނިންމައި ތަހުގީގު މާދަމާ އަށް ފަސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ މައްސަލަތަކުގެ ތެރެއިން ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގުގައި ދިފާއީ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ބަލައިނުގަންނަން ނިންމައި ތަހުގީގު މާދަމާ އަށް ފަސްކޮށްފި އެވެ.

މިއަދު ޖޭއެސްސީގައި ތަހުގީގު ފެށުމުގެ ކުރިން ތަހުގީގު ކޮމިޓީެ ރިޔާސަތުގައި އިންނެވި އެ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ ޖަމީލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބެލުމުގައި ފަނޑިޔާރު އާދަމް މުހައްމަދު ބައިވެރިވެ ވަޑައިގަންނަވާ ކަމަށާއި އެހެންވެ ފަނޑިޔާރުގެ ދިފާއީ ވަކީލަކަށް ޖަމީލް ބަލައިނުގަންނަން ނިންމައި އެހެން ވަކީލަކު ހަމަޖައްސަން މާދަމާގެ ނިޔަލަށް ފުރުސަތު ދޭން ނިންމީ ކަމަށެވެ.

މަސްތޫރު ވިދާޅުވީ ޖަމީލް ޝާމިލްވާ މައްސަލަަތަކުން ފަނޑިޔާރު އާދަމް މުހައްމަދު ތަނާޒުލު ވެވަޑައިގެން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއެއްގެ ކޮޕީ ކޮމިޓީ އަށް މިއަދު ލިބިފަިއިވާ ކަމަށާއި ނަމަވެސް މި މައްސަލައިގައި ފަނޑިޔާރު އަމިއްލަ ފުޅަށް މަސްލަހަތު ފުށުއަރުވާފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"މީގެ ކުރިން މައްސަލަ ބަލަަމުން ދިޔައިރުގައި ވެސް އެގޮތަށް އަމިއްލަޔަށް، އެ ފަނޑިޔާރުު ފުށުއަރުުވާ، މަސްލަހަތު ފުށުއަރުވައިގެން ހުރި ކަމެއް ކަމަށް އަޅުގަނޑުމެންނަށް ބެލެވޭ. އެހެންވުމާ އެއްކޮށް ފަނޑިޔާރު އެދިވަޑައިގެންފައިވާ ގޮތުގެ މަތިން އިތުރު ވަކީލަކާ އެއްކޮށް ކުރިއަށް ގެންދިއުމަށްޓަކައި ފަނޑިޔާރުގެ މި ސުލޫކީ މައްސަލަ ބެލުމުގެ އަޑު އެހުމެއް މާދަމާ 31 އޮކްޓޯބަރު ބުރާސްފަތި ދުވަހުގެ 12:30 ގައި އޮންނާނެ ވާހަކަ ދަންނަވަން،" މަސްތޫރު ވިދާޅުވި އެވެ.

އަޑު އެހުން ނިންމައިލުމުން ފަނޑިޔާރު އާދަމް މުހައްމަދު ތަކުރާރުކޮށް ވިދާޅުވީ ވާހަކަ ދައްކަވަން ފުރުސަތެއް ދެއްވުމަށެވެ. ޖޭއެސްްސީގެ މެމްބަރުން މާލަން ދޫކުރައްވައި ވަޑައިގެންނެވުމުން ވެސް އޭނާ ވާހަކަ ކުރިއަށް ގެންދެވި އެވެ. އޭނާ ވިދާޅުވީ ޑރ. ޖަމީލް ޝާމިލްވާ ހުރިހާ މައްސަލަޔަކުން ތަނާޒުލްވެވަޑައިގެން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވާފައި ވާނެ ކަމަށާއި އެ ސިޓީ ބަލައިގަތް ކަމުގެ ލިޔުމެއް އެ ކޯޓުން ލިބިވަޑައިގެންފައި އެބަ އޮތް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެންމެ އެ ނިންމެވި ނިންމެވުމަކީ އެއީ އަޅުގަނޑުގެ އަސާސީ ހައްގެއްގެ ގޮތުގައި ގާނޫނު އަސާސީގައި ކަނޑައެޅިފައި ހުރި ކަންކަން އަޅުގަނޑަށް ފަހިކޮށް ނުދެއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

އާދަމް މުހައްމަދާއި ޖަމީީލު ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވުމުން ޖޭއެސްސީން ނޫސްވެރިންނަށް އެންގީ މާލަން ދޫކޮށް ދިއުމަށެވެ. ޖޭއެސްސީން ބުނީ "އެބޭފުޅުންގެ އަމިއްލަ ޕްރެސް ކޮންފަރެންސް ބާއްވަން ޖޭއެސްސީގެ ފެސިލިޓީ ބޭނުން ނުކުރެވޭނެ" ކަމަށެވެ.

ޖަމީލްގެ އިތުރުން ޖުޑީޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދު ވެސް ފަނޑިޔާރުގެ ވަކީލެއްގެ ގޮތުގައި އިންނެވި އެވެ.

ފަނޑިޔާރު އާދަމްގެ މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބާއްވަން އޭނާ އެދިވަޑައިގެންފައި ވާތީ މިއަދު ތަހުގީގު މަޖިލިސް ވެސް ޓީވީން ލައިވްކުރި އެވެ.

ކުރިން ޖޭއެސްސީގެ ރައީސް ކަން ވެސް ކުރެއްވި ފަނޑިޔާރު އާދަމްގެ މައްސަލައިގެ އިތުރުން ސުޕްރީމް ކޯޓުން އެ ކޯޓުގެ އިިހްތިސާސްގެ ބޭރުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެ މައްސަލަތައް ބެލުމުގެ ބާރު ޖޭއެސްސީ އަށް ނޯންނާނެ ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު ކުރިން ވަނީ ބަޔާނެއް ނެރުއްވައިފަ އެވެ. އަދި އެ ބަޔާން ނެރެއްވި މައްސަލަ ވެސް ބަލަން ޖޭއެސްސީން މިހާރު ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އޭނާ ފަނޑިޔާރުކަމުން ވަނީ ވަކިކޮށްފަ އެވެ.