Roadha Mihaaru
މިއަހަރު މިހާތަނަށް 4،420 މީހަކަށް ޑެންގީ ޖެހިއްޖެ

މިއަހަރު މިހާތަނަށް 4،420 މީހަކަށް ޑެންގީ ޖެހިއްޖެ

06 ނޮވެމްބަރ 2019

މިދިޔަ ތިން އަހަރާ އަޅާބަލާއިރު މި އަހަރު ޑެންގީ ޖެހުނު މީހުންގެ އަދަދު ގިނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މިދިޔަ ތިން އަހަރާ އަޅާބަލާއިރު މި އަހަރު ޑެންގީ ޖެހުނު މީހުންގެ އަދަދު ގިނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މި އަހަރުގެ މިހާތަނަށް 4،420 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް އެ އޭޖެންސީން އާންމުކުރި ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް މިދިޔަ ތިން އަހަރު ޑެންގީ ޖެހުނު މީހުންގެ އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ.

މި އަހަރުގެ ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މީހުންނަށް ޑެންގީ ޖެހިފައި ވަނީ އޭޕްރިލް މަހު އެވެ. އެ މަހު 555 މީހަކު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ އިރު، އެންމެ މަދުން ޑެންގީ ޖެހުނު ކަމަށް ރިޕޯޓުކޮށްފައި ވަނީ ޖޫން މަހު އެވެ.

އެޗްޕީއޭ ޑެންގީ އާއި ޗިކުންގުންޔާގެ ހާލަތާ ބެހޭ ގޮތުން ކުރި ޓްވީޓް

މާލެ އާއި އަތޮޅުތަކުގައި ވެސް ޑެންގީ ފެތުރެމުން ދާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް މިދިޔަ ދެ މަހު ވ. އަތޮޅާއި ފ. އަތޮޅުން މި ބަލި ރިޕޯޓްކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން މިދިޔަ ތިން އަހަރު ރާއްޖޭން ފެނިފައި ނުވާ ޗިކުންގުންޔާ ވެސް މި އަހަރު ފެންނަން ފަށާފައިވެ އެވެ. މި އަހަރުގެ މިހާތަނަށް 1،460 މީހަކަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓުކޮށްފައިވާ އިރު، މި ބަލި އެންމެ ގިނައިން ފެނިފައި ވަނީ މޭ މަހު އެވެ. މާލެ އަށް ފަހު މި ބަލި އެންމެ ގިނައިން ފެނިފައި ވަނީ ރ. އަތޮޅުންނެވެ. އެ އަތޮޅުން 333 މީހަކު ޗިކުންގުންޔާ ޖެހިގެން ރިޕޯޓުކުރި ނަމަވެސް ލ. އަތޮޅުން މި ބަލި ފެނިފައެއް ނުވެ އެވެ.

އެހެން އަހަރުތަކަށް ވުރެ މި އަހަރު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު ގިނަ ނަމަވެސް، ސެޕްޓެމްބަރު މަހަށް ވުރެ އޮކްޓޯބަރު މަހު އެ ބަލި ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދު މަދެވެ.