Roadha Mihaaru
މަސްތުވެ ހުރެ ފެރީ ދުއްވި ކައްޕިއާ ސުވާލުކޮށްފި

މަސްތުވެ ހުރެ ފެރީ ދުއްވި ކައްޕިއާ ފުލުހުން ސުވާލުކޮށްފި

12 ނޮވެމްބަރ 2019

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ މާލެއާ ދެމެދު ދަތުރުކުރާ ފެރީއެއް ދުއްވަން ހުރި ކެޕްޓަނަކު މަސްތުގެ ހާލަތުގައި ހުރެގެން ފެރީ ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމުން ފުލުހުން އޭނާއާ ސުވާލުކޮށް މައްސަލަ ބަލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ މާލެއާ ދެމެދު ދަތުރުކުރާ ފެރީއެއް ދުއްވަން ހުރި ކެޕްޓަނަކު މަސްތުގެ ހާލަތުގައި ހުރެގެން ފެރީ ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމުން ފުލުހުން އޭނާއާ ސުވާލުކޮށް މައްސަލަ ބަލައިފި އެވެ.

ޓްވިޓާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުން ފެރީ ދުއްވަން ހުރި ކެޕްޓަނަށް ރަނގަޅަށް ކޮޅަކަށް ނުހުރެވެ އެވެ. އަދި އެ ވީޑިއޯ ކުރި ވަގުތު އޭނާ ދިޔައީ ދުންފަތުގެ އިސްތިއުމާލް ވެސް ކުރަމުންނެވެ. ފެރީތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ ވެސް މަނާ ކަމެކެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ އެ ވީޑިއޯއިން ފެންނަ މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށާއި އޭނާއާ ސުވާލުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާ އިއްޔެ ހޯދުމަށް ފަހު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށާއި އޭނާއަކީ ކުރިން މަސްތުވާތަކެތި ބޭނުންކުރި މީހެއް ކަމާއި އެ ވީޑިއޯ އަކީ ތަންކޮޅެއް ކުރީގެ ވީޑިއޯއެއް ކަަމަށް މައުލޫމާތު ލިބިފައިވާ ކަަމެވެ. އެކަމަކު އޭނާ ހައްޔަރުކޮށްފައެެއް ނުވެ އެވެ.

"މިކަން ފުލުހުން ވާނީ އޮޑިވެރި ފަރާތުގެ ސަމާލުކަމަށް ގެނެސްފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާ އަތުގައި ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށާއި އުޅަނދުގެ ވެސް ހުރިހާ ލިޔެކިއުމެއް ހަމައަށް އެބަހުރި ކަމަށެވެ.