Roadha Mihaaru
ޗައިނާ ފްރީ ޓްރޭޑް މަޝްވަރާތަކުގެ ފަހު ބުރު ފަށައިފި

ޗައިނާ ފްރީ ޓްރޭޑް މަޝްވަރާތަކުގެ ފަހު ބުރު ފަށައިފި

27 ސެޕްޓެމްބަރ 2016

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް ކުރަމުން އަންނަ މަޝްވަރާތަކުގެ އެންމެ ފަހު ބުރު މިއަދު ފަށައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް ކުރަމުން އަންނަ މަޝްވަރާތަކުގެ އެންމެ ފަހު ބުރު މިއަދު ފަށައިފި އެވެ.

ހޮން ކޮންގުގައި ކުރިއަށް ގެންދާ މަޝްވަރާތައް ފެށީ މިއަދު ހެނދުނު އެވެ. މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދެވެ.

ޗައިނާއާ އެކު ކުރިއަށްގެންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭ މަޝްވަރާތަކުގެ ފަހު ބުރު ފެށުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ޗައިނާއާ އެކު ކުރިއަށްގެންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭ މަޝްވަރާތަކުގެ ފަހު ބުރު ފެށުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހޮން ކޮންގަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު ސައީދު ވިދާޅުވެފައިި ވަނީ ދެ ގައުމުން ބޭނުންވާ ކަންކަން ހުށަހަޅައި މިހާރު އެއްބަސްވުމަކާ ހަމައަށް ގާތްގަނޑަށް އާދެވިފައިވާ ކަމަށެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބުރުގައި އެ ކަންކަން ފައިނަލް ކުރުމުރުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ރާއްޖޭން ހުށަހެޅީ، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މައިގަނޑު ދެ ކަމެކެވެ. އެއީ ރާއްޖޭން ބޭރު ކުރާ މަހާއި ސީފުޑްގެ ބާވަތްތައް ޗައިނާ އަށް އެތެރެ ކުރާއިރު އެއްވެސް ވަރެއްގެ ޓެކްސްއެއް ނުނެގުމާއި މުދާ ތައްޔާރު ކުރާއިރު 30-40 ޕަސެންޓުގެ މިންވަރަކަށް ރާއްޖޭގެ ވަސީލަތްތައް ބޭނުންކޮށްފައި ވާނަމަ އޭގެ ތެރޭގައި ހިމެނޭ މަހާއި ސީފުޑްގެ ބާވަތްތަކުން ވެސް ޓެކްސް ނުނެގުމެވެ. އޭގެ މިސާލެއްގެ ގޮތުން މިނިސްޓަރު ނެންގެވީ އިންޑިއާ ނުވަތަ ލަންކާ އިން ޑިނގާ ގެނެސް، ރާއްޖޭގައި ބަންދުކޮށްގެން ޗައިނާ އަށް ވިއްކުމެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާ ގުޅޭ ގޮތުން ރާއްޖެ އާއި ޗައިނާ އިން މިިދިޔަ އަހަރުގެ ސެޕްޓެމްބަރު 8 ގައި ރަސްމީކޮށް ފެށި މަޝްވަރާތަކުގައި މީގެ ކުރިން ވަނީ ތިން ބުރެއް ބާއްވާފަ އެވެ. އަދި ރާއްޖެއާ އެކު މިފަދަ އެއްބަސްވުމެއް ހެދުމުން ކުރާނެ ފައިދާތައް ދެނެގަންނަން މި އަހަރުގެ ތެރޭގައި ޗައިނާ އިން ވަނީ ދިރާސާއެއް ވެސް ކޮށްފަ އެވެ.

ޗައިނާއާ އެކު ކުރާ މަޝްވަރާތަކުގައި ހޮން ކޮންގުން އޮބްޒާވަރެއްގެ ގޮތުން ބައިވެރިވެ އެވެ. އަދި ހޮން ކޮންގާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް ބާއްވާ މަޝްވަރާތައް ވެސް މި ދަތުރުގެ ތެރޭގައި ފެށުމަށް ހަމަޖައްސާފައިވެ އެވެ.

ޗައިނާގެ އިތުރުން ހޮން ކޮންގާ އެކު ކުރާ މިނިވަން ވިޔަފާރީގެ މަސައްކަތަކަކީ ވަކި ގައުމަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ރާއްޖޭން އެކުލަވައިލާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭން ބައިވެރިވެފައި ވަނީ ދެކުނު އޭޝިއާ ސަަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ސަފްޓާ)ގަ އެވެ. އެއީ ސާކުގެ ހުރިހާ ގައުމެއް ބައިވެރިވާ، ސަރަހައްދީ އެެއްބަސްވުމެކެވެ.