Roadha Mihaaru
ޗައިނާ ފްރީ ޓްރޭޑްގައި 2017 ކުރީކޮޅު ސޮއިކުރަނީ

މަހުން ޑިއުޓީ ނުނަގާ ގޮތަށް ފްރީ ޓްރޭޑް އެއްބަސްވުމުގައި ރާއްޖެ އާއި ޗައިނާ އިން އަންނަ އަހަރު ކުރީކޮޅު ސޮއިކުރަނީ

26 ސެޕްޓެމްބަރ 2016

ރާއްޖޭން ބޭރު ކުރާ މަހާއި ސީފުޑްގެ ބާވަތްތަކުން އެއްވެސް ވަރަކަށް ޓެކްސް ނުނަގާ ގޮތަށް ބައްޓަންކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާ އެކު އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ސޮއި ކުރެވޭނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭން ބޭރު ކުރާ މަހާއި ސީފުޑްގެ ބާވަތްތަކުން އެއްވެސް ވަރަކަށް ޓެކްސް ނުނަގާ ގޮތަށް ބައްޓަންކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާ އެކު އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ސޮއި ކުރެވޭނެ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގެ އެންމެ ފަހު ބުރުގައި ބައިވެރިވެވަޑައިގަތުމަށް ހޮން ކޮންގަށް ފުރާވަޑައިގަތުމުގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ދެ ގައުމުން ބޭނުންވާ ކަންކަން ހުށަހަޅައި މިހާރު ވަނީ އެއްބަސްވުމަކާ ހަމައަށް ގާތްގަނޑަށް އާދެވިފަ އެވެ. އަންނަ އަންގާރަ ދުވަހު ފަށާ މަޝްވަރާތަކުގެ ހަތަރު ވަނަ ބުރުގައި އޮންނާނީ އެ ކަންކަން ފައިނަލްކޮށް، އެއްބަސްވުން ރަސްމީ ކުރަން ކުރަންޖެހޭ ކަންކަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭން ހުށަހެޅީ، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މައިގަނޑު ދެ ކަމެކެވެ. އެއީ ރާއްޖޭން ބޭރު ކުރާ މަހާއި ސީފުޑްގެ ބާވަތްތައް ޗައިނާ އަށް އެތެރެ ކުރާއިރު އެއްވެސް ވަރެއްގެ ޓެކްސްއެއް ނުނެގުމާއި މުދާ ތައްޔާރު ކުރާއިރު 30-40 ޕަސެންޓުގެ މިންވަރަކަށް ރާއްޖޭގެ ވަސީލަތްތައް ބޭނުންކޮށްފައި ވާނަމަ އޭގެ ތެރޭގައި ހިމެނޭ މަހާއި ސީފުޑްގެ ބާވަތްތަކުން ވެސް ޓެކްސް ނުނެގުމެވެ. އޭގެ މިސާލެއްގެ ގޮތުން މިނިސްޓަރު ނެންގެވީ އިންޑިއާ ނުވަތަ ލަންކާ އިން ޑިނގާ ގެނެސް، ރާއްޖޭގައި ބަންދުކޮށްގެން ޗައިނާ އަށް ވިއްކުމެވެ.

"މި ހުރިހާ މަސައްކަތެއް މި ގޮތަށް ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ތަރައްގީގެ ދަރަޖަ މިޑްލް އިންކަމް ގައުމަކަށް ބަދަލުވުމާ ގުޅިގެން، ޖީއެސްޕީ، ކުރިން ލިބެމުން ދިޔަ އިނާޔަތްތައްކެއް މިހާރަކު ނުލިބޭ. އެހެންވީމަ، ރައީސުލްޖުމްހޫރިއްޔާ ހާއްސަކޮށް އިސް ނަންގަވައިގެން ބެއްލެވީ ދިވެހި މަސްވެރިން ބާނާ މަސް ބޭރުގެ މާކެޓުތަކަށް ފަސޭހަ އިން ވިއްކޭނެ ގޮތެއް ހޯދުން،" ސައީދު ވިދާޅުވި އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެކު މުދާ އެތެރެކޮށް ބޭރުކުރުމުގައި ކަސްޓަމްސްގެ ތެރެއިން ވެސް ފަސޭހަ ވާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އިލެކްޓްރޯނިކްސް އުފެއްދުންތަކުގެ އިތުރަށް އިމާރާތް ކުރުމާއި ރިސޯޓު ހަދަން ބޭނުންކުރާ ގިނަ އަދަދެއްގެ ތަކެތި ވެސް ޗައިނާ އިން ރާއްޖެ އެތެރެ ކުރާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މި އެއްބަސްވުމާ އެކު އެ ދާއިރާތައް ވެސް ކުރިއަރާނެ ކަމަށެވެ.

"ރާއްޖެ އަކީ ހަމަ ގައިމު ވެސް އެންމެ ކުޑަ ކޮންޒިއުމާ މާކެޓަށް ވާނެ. ޗައިނާ އަކީ އެންމެ ބޮޑު ކޮންޒިއުމާ މާކެޓު. ދުނިޔޭގެ އެންމެ ބޮޑު މާކެޓާއި އެންމެ ކުޑަ މާކެޓު މި ގުޅާލެވެނީ. އޭގެ ސަބަބުން އެހެން ގައުމުތަކަށް ވެސް ވަރަށް ބޮޑު ސްޓޭންޑާޑެއް މި ސެޓް ކުރެވެނީ،" އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވި އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމާ ގުޅޭ ގޮތުން ރާއްޖެ އާއި ޗައިނާ އިން މިިދިޔަ އަހަރުގެ ސެޕްޓެމްބަރު 8 ގައި ރަސްމީކޮށް ފެށި މަޝްވަރާތަކުގައި މިހާތަނަށް ވަނީ ތިން ބުރެއް ބާއްވާފަ އެވެ. އަދި ރާއްޖެއާ އެކު މިފަދަ އެއްބަސްވުމެއް ހެދުމުން ކުރާނެ ފައިދާތައް ދެނެގަންނަން މި އަހަރުގެ ތެރޭގައި ޗައިނާ އިން ވަނީ ދިރާސާއެއް ވެސް ކޮށްފަ އެވެ.

މިއީ ވަކި ގައުމަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ރާއްޖޭން އެކުލަވާލާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭން ބައިވެރިވެފައި ވަނީ ދެކުނު އޭޝިއާ ސަަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ސަފްޓާ)ގަ އެވެ. އެއީ ސާކުގެ ހުރިހާ ގައުމެއް ބައިވެރިވާ، ސަރަހައްދީ އެެއްބަސްވުމެކެވެ.

ރާއްޖޭން އަންނަނީ ޗައިނާއާ އެކު ވަރަށް ބޮޑަށް ގުޅުން ބަދަހިކުރަމުންނެވެ. ހާއްސަކޮށް، ސަރުކާރުން ހިންގާ އިގްތިސާދީ ބޮޑެތި މަޝްރޫއުތަކުގެ ބޮޑު ބައެއް ކުރިއަށް ގެންދަނީ ޗައިނާ އިން ދޭ އެހީ އާއި ލޯނުންނެވެ. އޭގެ ތެރޭގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީކުރުމާއި އެ ނޫން ވެސް ބައެއް މަޝްރޫއުތަކެއް ހިމެނެ އެވެ.