Roadha Mihaaru
ފްރީޓްރޭޑަށް ރާއްޖޭގެ ދައުވަތު ޔޫއެސް، ޔޫކޭ، ޖަޕާނަށް

އެމެރިކާ، އިނގިރޭސިވިލާތް އަދި ޖަޕާނާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލަން ރާއްޖޭން ދައުވަތު ދީފި

25 އޮކްޓޯބަރ 2016

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޖަޕާނާ އެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއް އެކުލަވާލަން ރާއްޖޭން ދައުވަތު ދީފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޖަޕާނާ އެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއް އެކުލަވާލަން ރާއްޖޭން ދައުވަތު ދީފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވި ގޮތުގައި ޗައިނާ އާއި ހޮން ކޮންގާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން ކުރާ މަޝްވަރާތަކުގެ އިތުރަށް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޖަޕާނާ އެކު ވެސް އެފަދަ މަޝްވަރާތަކެއް ކުރަން ވަނީ ދައުވަތު ދީފަ އެވެ. އެކަމަކު، އޭގެ ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

"އަޅުގަނޑުމެން އަބަދު ވެސް އެންމެ ބޮޑަށް ވަކާލާތު ކުރަނީ މި އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ފައިދާ ދިވެހި ކުންފުނިތަކުން ނެގުން،" ދިވެހި އިންޝުއަރެންސް ކުންފުނީގެ ހިދުމަތް ފެށުމަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އެމެރިކާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދާން ނިންމާފައި ވާއިރު، ރާއްޖެ އާއި އެމެރިކާ އިން ވަނީ ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި އޮކްޓޯބަރު 2014 ގައި ސޮއިކޮށްފަ އެވެ. އަދި އެެމެރިކާ އިން ގެންގުޅޭ ޖެނެރަލައިޒްޑް ސިސްޓަމް އޮފް ޕްރިފަރެންސް (ޖީޕީއެސް)ގެ ދަށުން ރާއްޖެ އަކީ ހާއްސަ އިނާޔަތްތަކެއް ދޭ ގައުމެކެވެ. އެހެންވެ، ރާއްޖޭގައި އުފައްދާ ބައެއް ތަކެތި ޑިއުޓީއަކާ ނުލާ އެމެރިކާ އަށް އެތެރެ ކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް މިހާރު ވެސް ލިބެ އެވެ.

ދިވެހި އިންޝުއަރެންސް ކުންފުނީގެ ހިދުމަތް ފެށުމަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ދިވެހި އިންޝުއަރެންސް ކުންފުނީގެ ހިދުމަތް ފެށުމަށް ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ރާއްޖޭން އެންމެ ގިނައިން މުދާ ބޭރުކުރާ ފަސް ގައުމުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެ އެވެ. އެ ގޮތުން، ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތަކުގެ ވަރަށް ބޮޑު ބައެއް އިނގިރޭސި މާކެޓަށް ގެންދާއިރު، މިދިޔަ އޮގަސްޓް މަހު އެކަނި ވެސް 15 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން އިނގިރޭސިވިލާތަށް ވިއްކާފައިވެ އެވެ.

އިގްތިސާދީ ގޮތުން ރާއްޖެ އަށް ގިނަ އެހީތަކެއް ވެފައިވާ ޖަޕާނާ އެކު ވިޔަފާރީގެ ރޮނގުން ރާއްޖޭން ބަދަހި ގުޅުމެއް އޮވެ އެވެ. ޖަޕާނުގެ އެމްބަސީއެއް މި އަހަރުގެ ތެރޭގައި ރާއްޖޭގައި ހުޅުވާފައި ވާއިރު، މަހާއި މަހުގެ ބާވަތްތައް ބޮޑަށް ހިމެނޭ ގޮތަށް މިދިޔަ އަހަރު ރާއްޖޭން ވަނީ 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ)ގެ މުދާ ޖަޕާނަށް ބޭރުކޮށްފަ އެވެ. އަދި މިދިޔަ އަހަރު ޖަޕާނުން 20 މިލިއަން ޑޮލަރު (315 މިލިއަން ރުފިޔާ)ގެ މުދާ ރާއްޖެ އެތެރެކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކާރާއި ކަނޑުއުޅަނދުގެ އިންޖީނު ފަދަ ތަކެއްޗެވެ.

ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން ރާއްޖޭން ވަނީ މިދިޔަ އަހަރު މަޝްވަރާތައް ފަށާފަ އެވެ. އެ މަޝްވަރާތައް ނިމި އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރުވަމުން އަންނައިރު، މި އެއްބަސްވުމުގެ އެންމެ ހާއްސަ ކަމަކީ ރާއްޖޭން ބޭރު ކުރާ މަހާއި ސީފުޑްގެ ބާވަތްތަކުން އެއްވެސް ވަރަކަށް ޓެކްސް ނުނަގާ ގޮތަށް ބައްޓަންކޮށްފައިވުމެވެ.

ރާއްޖޭން ޗައިނާ އަށް ހުށަހެޅީ މައިގަނޑު ދެ ކަމެކެވެ. އެއީ ރާއްޖޭން ބޭރު ކުރާ މަހާއި ސީފުޑްގެ ބާވަތްތައް ޗައިނާ އަށް އެތެރެ ކުރާއިރު އެއްވެސް ވަރެއްގެ ޓެކްސްއެއް ނުނެގުމާއި މުދާ ތައްޔާރު ކުރާއިރު 30-40 ޕަސެންޓުގެ މިންވަރަކަށް ރާއްޖޭގެ ވަސީލަތްތައް ބޭނުންކޮށްފައިވާ ނަމަ އޭގެ ތެރޭގައި ހިމެނޭ މަހާއި ސީފުޑްގެ ބާވަތްތަކުން ވެސް ޓެކްސް ނުނެގުމެވެ. މިސާލަކަށް، އިންޑިއާ ނުވަތަ ލަންކާ އިން ޑިނގާ ގެނެސް، ރާއްޖޭގައި ބަންދުކޮށްގެން ޗައިނާ އަށް ވިއްކާ ނަމަ، އޭގެން ވެސް ޓެކްސްއެއް ނުނަގާނެ އެވެ.

ޗައިނާގެ އިތުރުން، ހޮން ކޮންގާ އެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން ރާއްޖޭން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މަޝްވަރާތައް މިދިޔަ މަހު ފަށާފައި ވާއިރު، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ.

ޗައިނާގެ އިތުރުން ހޮން ކޮންގާ އެކު ކުރާ މިނިވަން ވިޔަފާރީގެ މަސައްކަތަކީ ވަކި ގައުމަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ރާއްޖޭން އެކުލަވައިލާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭން ބައިވެރިވެފައި ވަނީ ދެކުނު އޭޝިއާ ސަަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން (ސަފްޓާ)ގަ އެވެ. އެއީ ސާކުގެ ހުރިހާ ގައުމެއް ބައިވެރިވާ، ސަރަހައްދީ އެެއްބަސްވުމެކެވެ.