Roadha Mihaaru
ލަންކާ އިންތިޚާބު: ޓާމިނޭޓާ އާއި ޕެޑްމޭންގެ ހިފުމެއް

ލަންކާ އިންތިޚާބު: "ޓާމިނޭޓާ" އާއި "ޕެޑް މޭން"ގެ ކުރިމަތިލުމެއް

15 ނޮވެމްބަރ 2019

ކޮލަމްބޯ (ނޮވެމްބަރު 15) - ސްރީ ލަންކާގައި މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުވެގެން ދާނީ، ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި، ސެނިޓަރީ ޕެޑް ހިލޭ ފޯރުކޮށްދޭ މީހަކާއި އާއިލާގެ ތެރޭގައި "ޓާމިނޭޓާ"ގެ ނަމުން މަޝްހޫރު ކުރީގެ ސިފައިންގެ މީހަކާ ދެމެދު ކުރާ ހަނގުރާމައަކަށެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 15) - ސްރީ ލަންކާގައި މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުވެގެން ދާނީ، ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުގައި، ސެނިޓަރީ ޕެޑް ހިލޭ ފޯރުކޮށްދޭ މީހަކާއި އާއިލާގެ ތެރޭގައި "ޓާމިނޭޓާ"ގެ ނަމުން މަޝްހޫރު ކުރީގެ ސިފައިންގެ މީހަކާ ދެމެދު ކުރާ ހަނގުރާމައަކަށެވެ.

ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރެފައިވާ އެމަނިކުފާނުގެ ކޮއްކޯފުޅު ގޯޓާބޭ ރާޖަޕަކްސާ، 70، އަކީ ރިޓަޔާޑް ލެފްޓިނެންޓް ކާނަލް އެކެވެ. ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ސްރީ ލަންކާގައި ކުރި 37 އަހަރުގެ ދިގު ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރުގެ މެއި މަހު ނިމުމަކަށް ގެނައިރު ރާޖަޕަކްސާ ސަރުކާރުގެ ޑިފެންސް ސެކްރެޓަރީ އަކީ ގޯޓާބޭ އެވެ.

ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

ސްރީ ލަންކާ އިން ކޮރަޕްޝަނާއި ހައްދުފަހަނަޅައިދިއުން ނައްްތާލުމަށް ގޯޓާބޭ ވެވަޑައިގެންނެވި ވައުދާ ގުޅިގެން އާއިލާ އިން އޭނާ އަށް ނިސްބަތް ކުރާނީ "ޓާމިނޭޓާ"ގެ ނަމުންނެވެ. އީސްޓާ ސަންޑޭ ބޮމުގެ ހަމަލާ އަށް ފަހު، ހައްދުފަހަޅައިދިއުމާއި ހަރުކަށި ފިކުރަކީ ސްރީ ލަންކާގައި ގައުމީ މައްސަލައެކެވެ. އެޕްރީލް މަހު ލަންކާގެ ލަގްޒަރީ ތިން ހޮޓަލާއި ފައްޅިތަކަށް ދިން ހަމަލާގައި 269 މީހުން މަރުވި އެވެ.

ގޯޓާބޭގެ ވާދަވެރި ސަޖިތު ޕްރަމަދާސަ، 52، އަކީ އާދައިގެ ސިޔާސީ ލީޑަރެކެވެ. ސަޖިތު ވަނީ އަންހެނުންގެ ހައްގުގައި ކަންކަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ސެނިޓަރީ ޕެޑް ހިލޭ ފޯރުކޮށް ދިނުން ހިމެނެ އެވެ. ސަޖިތުގެ މި މަސައްކަތާ ގުޅިގެން ގޯޓާބޭގެ ކެމްޕޭން ސަޖިތަށް ވަނީ "ޕެޑް މޭން"ގެ ނަމުން މުޚާތަބް ކުރަން ފަށައިފަ އެވެ.

ޔޫއެންޕީގެ ޑިޕިއުޓީ ލީޑަރު ސަޖިތު ޕްރަމަދާސަ. --ފޮޓޯ:އޭއެފްޕީ

ޔޫއެންޕީގެ ޑިޕިއުޓީ ލީޑަރު ސަޖިތު ޕްރަމަދާސަ. --ފޮޓޯ:އޭއެފްޕީ

"އަންހެނުންގެ ހައްގުގައި މަސައްކަތް ކުރުމަށް ހުއްޓުމެއް ނުގެންނާނަން،" ޓްވިޓާގައި ސަޖިތު ވިދާޅުވި އެވެ. "ޕެޑް މޭންގެ ލޭބަލް އުފަލާ އެކު އަޅުގަނޑު ބަލައިގަންނަން."

ސަޖިތުގެ ކޭމްޕުން ގޯޓާބޭ އަށް ވެސް ކުރާ ތުހުމަތުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ބޭބޭފުޅު ރާޖަޕަކްސާގެ 10 އަހަރުގެ ވެރިކަމުގައި ހިންގި، މީހުން މެރުން ފަދަ ޖަރީމާތަކުގެ ތުހުމަތު ގޯޓާބޭގެ އިސްތަށިފުޅުގައި ވެސް ވަނީ އަޅުވައިފަ އެވެ.

ޔޫއެންޕީގެ ޑިޕިއުޓީ ލީޑަރު ސަޖިތު ޕްރަމަދާސަ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ޔޫއެންޕީގެ ޑިޕިއުޓީ ލީޑަރު ސަޖިތު ޕްރަމަދާސަ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ގޯޓާބޭގެ ކެމްޕޭނުގައި ރާޖަޕަކްސާ ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ. އެކަމަކު ކޮރަޕްޝަނާއި ހުދުމުޚްތާރުވެރިކަމުގެ ސަބަބުން ރާޖަޕަކްސާ އަށް ވަނީ 2015 ވަނަ އަހަރުގެ އިންތިޚާބު ގެއްލި ތިން ވަނަ ދައުރަކަށް ވެރިކަން ކުރެއްވުމަށް ކުރެއްވި އުއްމީދުތައް ހަގީތަކަށް ނުވެފަ އެވެ. އަދި އެ އަހަރު ފަހުކޮޅު ބޮޑު ވަޒީރަކަށް ވެވަޑައިގަތުމަށް ކުރެއްވި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

ރާޖަޕަކްސާ އަށް މި ފަހަރު ވެރިކަމަށް ކުރިމަތިނުލެއްވުނީ ދެ ދައުރު ވެރިކަން ކުރައްވާފައިވާތީ އެވެ. އެހެންވެ ރާޖަޕަކްސާ ވަނީ ކޮއްކޯފުޅަށް ފުރުސަތު ދެއްވައިފަ އެވެ. އަދި ގޯޓާބޭ އަށް ކާމިޔާބު ލިބިއްޖެ ނަމަ ބޮޑު ވަޒީރަކަށް ވާނީ ރާޖަޕަކްސާ އެވެ.

ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަދި ގޯޓާބޭ.

ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަދި ގޯޓާބޭ.

އިންތިޚާބަށް ކުރިމަތިލައްވަން ތައްޔާރުވި އިރު ގޯޓާބޭ އަށް ދިމާވި މައްސަލައަކީ އެމެރިކާގެ ރަށްވެހިކަން އޮތުމެވެ. ނަމަވެސް ގޯޓާބޭ ފަހުން ވަނީ އެމެރިކާ ރަށްވެހިކަން ދޫކޮށްލައްވައިފަ އެވެ.

ސަޖިތަކީ ވެސް ސިޔާސީ އާއިލާއެއްގެ ބޭފުޅެކެވެ. ބައްޕާފުޅު ކުރީގެ ރައީސް ރަނަސިންހަ ޕްރަމަދާސާ އަވަހާރަކޮށްލީ 1993 ވަނަ އަހަރުގެ މެއި ޑޭގެ އެއްވުމެއްގައި ތަމަޅަ ޓައިގަރުން ދިން އަމިއްލަ އަށް މަރުވުމުގެ ހަމަލާއެއްގަ އެވެ. ދެ ބެންގެ އާއިލާގައި ހުރި ހަމައެކަނި ފިރިހެން ބޭފުޅާ ކަމަށްވާ ސަޖިތު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު މެދުފަންތީގެ އާއިލާތަކަށް ގެ އަޅުއްވައިގެން ވަނީ އެތައް ބައެއްގެ ލޯބި ހޯއްދަވައިފަ އެވެ. ރާޖަޕަކްސާ އާއި ގޯޓާބޭ އަށް ސިންހަޅައިން ތާއިދު ކުރަނީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައި މޭސްތިރިންނަކީ އެއީ ކަމަށްވާތީ އެވެ.

މާދަމާ ބާއްވާ އިންތިޚާބުގައި 35 ކެންޑިޑޭޓުން ވާދަކުރެ އެވެ. މިއީ ލަންކާގެ ތާރީޚުގައި ވެސް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިޚާބެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 16 މިލިއަން މީހުންނަށެވެ.