Roadha Mihaaru
އިގްތިސާދަށް އަމާޒުކޮށް ގޯޓާބޭގެ މެނިފެސްޓޯ ނެރެފި

އިގްތިސާދަށް އަމާޒުކޮށް ގޯޓާބޭގެ މެނިފެސްޓޯ ނެރެފި

25 އޮކްޓޯބަރ 2019

ކޮލަމްބޯ (އޮކްޓޯބަރު 25) - ގައުމުގެ އިގްތިސާދާއި ގައުމީ ސަލާމަތަށް ޚާއްސަ އިސްކަމެއް ދީގެން، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާގެ މެނިފެސްޓޯ މިއަދު ނެރެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 25) - ގައުމުގެ އިގްތިސާދާއި ގައުމީ ސަލާމަތަށް ޚާއްސަ އިސްކަމެއް ދީގެން، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާގެ މެނިފެސްޓޯ މިއަދު ނެރެފި އެވެ.

މެނިފެސްޓޯ ނެރުމަށް މަހިންދާ ރާޖަޕަކްސާ ތިއޭޓާގައި ބޭއްވި އިވެންޓެއްގައި ގޯޓާބޭ ވިދާޅުވީ އޭނާގެ ސިޔާސަތަކަށް ވާނީ ގައުމު އެކަތި ގަނޑަކަށް ހެދުމާއި އެންމެހާ ރައްޔިތުންނަށް ހަމަހަމަ ކަމާ އެކު ގާނޫނު ހިންގުން ކަމަށެވެ. އަދި ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒް ފޯރުވަން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވި އެވެ.

ގޯޓާބޭ ވިދާޅުވީ އޭނާ އެންމެ އަވަހަށް އިސްކަން ދެއްވާނެ ކަމަކީ ގައުމުގެ އިގްތިސާދު ރަނގަޅު ކުރުމާއި ޒަމާނަަށް ނުފެތޭ މާލީ ގާނޫނުތައް ބަދަލު ކުރުން ކަމަށެވެ. އަދި ލޯކަލް ވިޔަފާރި އާއި ޓޫރިޒަމަށް ވެސް ސަމާލުކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މެނިފެސްޓޯ ނެރުމުގެ އިވެންޓުގައި ކުރީގެ ރައީސް އަދި އެސްއެލްޕީޕީގެ ލީޑަރު މަހިންދާ ރާޖަޕަކްސާ ވިދާޅުވީ އާއްމުންނަށް އެތައް ލުއިތަކެއް ލިބިގެންދާނެ ޕެކޭޖެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ. އަދި ތަމަޅައިންނާއި މުސްލިމުންގެ ވޯޓު ހޯދުމަށް ދޮގު ވައުދުތަކެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

ރާޖަޕަކްސާ ވިދާޅުވީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބަކީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، އަންނަ އަހަރު ބާއްވާ ޕާލަމެންޓަރީ އިންތިޚާބުގެ ޚިޔާލު ހޯދުމުގެ ވޯޓެއް ކަމަށެވެ.