Roadha Mihaaru
ލަންކާގެ އިންތިޚާބު ގޯޓާބޭ ކާމިޔާބު ކުރައްވައިފި

ލަންކާގެ އިންތިޚާބު ގޯޓާބޭ ކާމިޔާބު ކުރައްވައިފި

17 ނޮވެމްބަރ 2019

ކޮލަމްބޯ (ނޮވެމްބަރު 17) - ސްރީ ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އެސްއެލްޕީޕީގެ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާ ކާމިޔާބު ކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 17) - ސްރީ ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އެސްއެލްޕީޕީގެ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާ ކާމިޔާބު ކުރައްވައިފި އެވެ.

މިއަދު މެންދުރާ ހަމައަށް ހަ މިލިއަން ވޯޓު ގުނިއިރު ގޯޓާބޭ ވަނީ 49.6 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވައިފަ އެވެ.

ގޯޓާބޭގެ ތަރުޖަމާން ވިދާޅުވީ ކެހެލިޔާ ރަމްބުކްވެއްލާ ރިޓަޔާޑް ލެފްޓިނެންޓް ކާނަލް 53-54 ވޯޓު ހޯއްދަވާނެ ކަމަށެވެ.

ގޯޓާބޭއާ ވާދަވެރި ކެންޑިޑޭޓް ހައުސިން މިނިސްޓަރު ސަޖިތު ޕްރަމަދަސާ، 52، މިހާރު ވަނީ ބަލި ގަބޫލް ކުރައްވައި ގޯޓާބޭ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

ޔޫއެންޕީގެ ޑިޕިއުޓީ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ސަޖިތު (މ) ވޯޓުލާން ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ޔޫއެންޕީގެ ޑިޕިއުޓީ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ސަޖިތު (މ) ވޯޓުލާން ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

"ވަރަށް ވާދަވެރި ކެމްޕޭނަކަށް ފަހު ރައްޔިތުންގެ ނިންމުމަށް އަޅުގަނޑު އިހްތިރާމް ކުރަން. ސްރީ ލަންކާގެ ހަތް ވަނަ ރައީސްގެ ގޮތުގައި އިންތިޚާބު ކާމިޔާބު ކުރެއްވި ގޯޓާބޭ އަށް މަރުހަބާ ދަންނަވަން،" ސަޖިތު ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

މެންދުރާ ހަމައަށް ގުނި ވޯޓުން ސަޖިތަށް ލިބިވަޑައިގެންނެވީ 44.4 ޕަސެންޓް ވޯޓެވެ. ސަޖިތަށް ބޮޑަށް ތާއީދު އޮތީ ތަމަޅައިންގެ ސަރަހައްދުތަކުގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ޗެއާމަން މަހިންދާ ޑެޝަޕްރިޔާ ވިދާޅުވީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ 15.99 މިލިއަން މީހުންގެ ތެރޭން 80 ޕަސެންޓް މީހުން ވޯޓު ދިން ކަމަށެވެ.

އެސްއެލްޕީޕީގެ ކެންޑިޑޭޓް ގޯޓާބޭ (ވ) އާއި ޔޫއެންޕީގެ ކެންޑިޑޭޓް ސަޖިތު. --ފޮޓޯ: އޭއެފްޕީ

އެސްއެލްޕީޕީގެ ކެންޑިޑޭޓް ގޯޓާބޭ (ވ) އާއި ޔޫއެންޕީގެ ކެންޑިޑޭޓް ސަޖިތު. --ފޮޓޯ: އޭއެފްޕީ

ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގޯޓާބޭގެ ކެމްޕޭން އަމާޒުކޮށްފައި ވަނީ ގައުމުގެ ސަލާމަތީ ހާލަތު ވަރުގަދަ ކުރުމުގެ މައްޗަށެވެ. އެޕްރީލް މަހު ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު، ޖިހާދީ ޖަމާއަތްތަކުގެ ނުރައްކާ ބޮޑު ކަމަށް ތަޖްރިބާކާރުން ދިޔައީ ބުނަމުންނެވެ. އިސްޓާ ސަންޑޭގައި ތިން ލަގްޒަރީ ހޮޓަލާއި ތިން ފައްޅިއަށް ދިން ހަމަލާގައި 269 މީހުން މަރުވި އެވެ.

ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ސްރީ ލަންކާގައި ކުރި 37 އަހަރުގެ ދިގު ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރުގެ މެއި މަހު ނިމުމަކަށް ގެނައިރު ރާޖަޕަކްސާ ސަރުކާރުގެ ޑިފެންސް ސެކްރެޓަރީ އަކީ ގޯޓާބޭ އެވެ. ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ސަބަބުން، ލަންކާގެ އާބާދީގައި 15 ޕަސެންޓް ހިއްސާ ކުރާ ތަމަޅައިންގެ ނުރުހުން ގޯޓާބޭ އަށް ވަނީ އަމާޒުވެފަ އެވެ.