Roadha Mihaaru
ނަހުލާ އަށް އޭޝިއާގެ ބިޒްނަސް އެކްސެލެންސް އެވޯޑް

ނަހުލާ އަށް ދެކުނު އޭޝިއާގެ ބިޒްނަސް އެކްސެލެންސް އެވޯޑް

14 ނޮވެމްބަރ 2019

ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އަށް ބޭރުގެ އެވޯޑެއް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އަށް ބޭރުގެ އެވޯޑެއް ލިބިއްޖެ އެވެ.

ފިލްމީ ދާއިރާ އިން އޭނާގެ މަސައްކަތްތައް ފާހަގަކޮށް ނަހުލާ އަށް ލިބިފައި ވަނީ ސައުތު އޭޝިއަން ބިޒްނެސް އެކްލެންސް އެވޯޑްސްގެ އައުޓްސްޓޭޑިން ވިމެން ލީޑަޝިޕް އެވޯޑެވެ.

މިރޭ ސްރީ ލަންކާގެ ހިލްޓަން ކޮލަމްބޯގައި ބާއްވާ އެވޯޑް ހަފުލާގައި ބައިވެރިވާން ނަހުލާ މި ވަގުތު ހުރީ ލަންކާގަ އެވެ.

އެވޯޑް ލިބޭ ވާހަކަ ފޭސްބުކްގައި ހިއްސާކުރަމުން ނަހުލާ ބުނީ މި އެވޯޑަކީ ސަޕްރައިޒެއް ކަމަށެވެ. އަދި މާދަމާ ރޭ ބާއްވާ 9 ވަނަ ދިވެހި ފިލްމު އެވޯޑްސް އަށް އިޝާރާތްކޮށް އޭނާ ބުނީ ޒާތީވެފައިވާ ދިވެހި ފިލްމު އެވޯޑަށް ވުރެ އޭނާ އަށް ލަންކާ އިން ލިބޭ އެވޯޑް މާ އަގުބޮޑު ކަމަށެވެ.

ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި ނަހުލާ އަކީ މިހާރު ދިވެހި ފިލްމީ ދާއިރާގައި ހުރި އެންމެ ނުފޫޒު ގަދަ އެކެކެވެ. އަދި އޭނާ ވަނީ މިހާތަނަށް ކާމިޔާބު އެތައް ފިލްމަކާއި ޑްރާމާ ސިލްސިލާތަކެއް ވެސް ބެލުންތެރިންނަށް ގެނެސް ދީފަ އެވެ. އަދި ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް ހެދި މީހަކީ ވެސް ނަހުލާ އެވެ. އެއީ ދާދި ފަހުން ބައިސްކޯފުން ސްޓްރީމްކުރި "ހުވާ" އެވެ.

ކްރިސްޓަލް އެންޓަޓައިމަންޓްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގަމުން އަންނަ ނަހުލާ އަކީ ފިލްމުތައް ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރަމުން އަންނަ ފަންނާނެކެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2016 ގެ "4426" އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު "ބޮސް" ގެނެސްދިން ޕްރޮޑިއުސަރުގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު އޭނާ ޕްރޮޑިއުސްކޮށް ގެނެސްދޭ "ސޮރީ" އެވެ. މީގެ އިތުރުން "ދަޅަ" ގެ ނަމުގައި އާ ވެބް ސީރީޒެއް ހަދަން ތައްޔާރުވަމުން އަންނަ އިރު، "ހުވާ" ގެ ދެވަނަ ސީޒަންގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.

ސައުތު އޭޝިއަން ބިޒްނެސް އެކްލެންސް އެވޯޑްސް އަކީ ސާކްގެ ހުރިހާ ގައުމުތަކުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މީހުންނަށް ދެވޭ އެވޯޑެކެވެ. މި އެވޯޑް މީގެ ކުރިން ވެސް ރާއްޖެ މީހަކަށް ލިބިފައިވެ އެވެ.

އެއީ 2017 ވަނަ އަހަރ އެމްޕީއެލްގެ އޭރުގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމަށެވެ. އޭނާ އަށް އެވޯޑް ލިބުނީ އިންފްރާންސްޓްރަކްޗާ އެންޑް ލޮޖިސްޓިކްގެ ބެސްޓް ސީއީއޯގެ އެވޯޑެވެ.

ސައުތު އޭޝިއަން ބިޒްނެސް އެކްލެންސް އެވޯޑަށް ހޮވޭ މީހުން ކަނޑައަޅަނީ ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިޒްނަސް އިން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އެ ޕެނަލްގައި ތިއްބަވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ ވިޔަފާރީގެ ތަޖުރިބާކާރުންނެވެ.