Roadha Mihaaru
ސަލަފް ޖަމިއްޔާ އަށް ޓެރަރިޒަމްގެ ތުހުމަތު

ސަލަފް ޖަމިއްޔާ އަށް ޓެރަރިޒަމްގެ ތުހުމަތު

20 ނޮވެމްބަރ 2019

ޖަމިއްޔަތުއް ސަލަފަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ޓެރަރިޒަމްގެ ތުހުމަތު ކުރާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޖަމިއްޔަތުއް ސަލަފަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ޓެރަރިޒަމްގެ ތުހުމަތު ކުރާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. އެ ރިޕޯޓް އިތުރަށް ދިރާސާ ކުރުމަށް އެ ކޮމިޓީން ވަނީ ކުޑަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

އެ ކޮމިޓީ ގައި ހިމެނިވަޑައިގަންނަވަނީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފާއި ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި ހެންވޭރު ހުޅަނގު ދާއިިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައިި ނަޝީދު ވިދާޅުވީ، އެ ކޮމިޓީގެ މަސައްކަތްތައް ރޭ ނިންމާލާފައިވާ ކަމަށެވެ.

އަދި ވަރަށް އަވަހަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ފުރިހަމަ ރިޕޯޓް މަޖިލީހަށް ލިބޭނެ ކަމަށް ނަޝީދު އެމަނިކުފާނު އެވެ. އެ ރިޕޯޓްގައި، ޓެރަރިޒަމަށް ވާގިދޭ ޖަމާއަތްތަކާ މެދު ކަން ކުރާނެ ގޮތެއް މަޖިލީހުން ނިންމަން އެދޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ސަލަފް ޖަމިއްޔާ ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ކޮމިޓީ ދެކޭގޮތުގައި އެ ރިޕޯޓް ބަޔާން އެބަކުރޭ ސަލަފް ޖަމާއަތަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި. އެހެންވީމާ އެ ޖަމާއަތާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ސަބް ކޮމިޓީން އެ ކޮމިޓީ އަށް ފޮނުވާފައިވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބޭ،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ގައި ވެސް އެމްޑީޕީގެ ބައެއް މެމްބަރުންނާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ސަލަފް ޖަމިއްޔާ އުވާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެ ބޭފުޅުން ތުހުމަތު ކުރައްވާ ކުރާގޮތުގައި ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމަތަކަށް ދިވެހިން ފޮނުވަނީ ސަލަފުންނެވެ.

"އަޅުގަނޑަށް ފެނުނު ގޮތުގައި އެ ޖަމާއަތް އެ ދުވަހު ރަޖިސްޓަރީ ނުކޮށްދިން ނަމަ އެ ޖަމާއަތް އަންޑަ ގްރައުންޑް ގައި މަސައްކަތް ފެށީސް. މިއަދު ވެސް އެ ޖަމާއަތް އަޅުގަނޑުމެން ހުއްޓުވައިފިއްޔާ އަޑިއަށް ދާނެ،" ނަޝީދު

ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ މަގުސަދަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ ހިންގާ ފަރާތްތައް ހުއްޓުވުމެވެ. ދުނިޔޭގައި ހަމަނުޖެހުން ހިނގާހާ ތަނެއްގައި ދިވެހިން ހައްޔަރު ކުރާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ނިޒާމީ ނުކުތާއެއް ނަގައި ވިދާޅުވީ، ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅައި ދާ މީހުންނާއި ލާދީނީ މީހުން ވެސް އުޅޭ ކަމަށެވެ. ރާއްޖޭން އިސްލާމްދީން ފޮހެލަން އުޅޭ ބަޔަކަށް ނަޝީދު ޖާގަދޭ ކަމަށް ވެސް ޝިޔާމް ތުހުމަތުކުރެއްވި އެވެ. "ހައްދުފަހަނައަޅައި ދިއުން ކަމަށްވާ ނަމަ ދެ ފަރާތަށް ވެސް ކަންތައްތައް އެބަހުރޭ. ރާއްޖޭގެ ދީނީ އިލްމުވެރިންގެ މަސައްކަތްތަކަށް ހުރަސް އަޅާ އެބޭފުޅުންގެ އަނގައިގައި ޓޭޕް އެޅޭ ކަހަލަ ގޮތަކަށް މި މަޖިލީހުގެ މިސްރާބު ޖެހިފައި ހުރި ތަން މި ފެންނަނީ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ ރާއްޖޭގައި ފުރަތަމަ އިސްލާމިކް މިނިސްޓްރީއެއް ވެސް އުފެއްދީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. އަދި ސަލަފް ޖަމިއްޔާ، އެމަނިކުފާނުގެ ވެރިކަމުގައި ރަޖިސްޓަރީ ކޮށްދިނީ އެކަން ނުކުރަން ދޮށީ އުމުރުގެ ގިނަ ބަޔަކު އެދެމުން ދަނިކޮށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"ހައްދުފަހަނައަޅައި ދިއުން ކަމަށްވާ ނަމަ ދެ ފަރާތަށް ވެސް ކަންތައްތައް އެބަހުރޭ. ރާއްޖޭގެ ދީނީ އިލްމުވެރިންގެ މަސައްކަތްތަކަށް ހުރަސް އަޅާ އެބޭފުޅުންގެ އަނގައިގައި ޓޭޕް އެޅޭ ކަހަލަ ގޮތަކަށް މި މަޖިލީހުގެ މިސްރާބު ޖެހިފައި ހުރި ތަން މި ފެންނަނީ،" ޝިޔާމް

"އަޅުގަނޑަށް ފެނުނު ގޮތުގައި އެ ޖަމާއަތް އެ ދުވަހު ރަޖިސްޓަރީ ނުކޮށްދިން ނަމަ އެ ޖަމާއަތް އަންޑަ ގްރައުންޑް ގައި މަސައްކަތް ފެށީސް. މިއަދު ވެސް އެ ޖަމާއަތް އަޅުގަނޑުމެން ހުއްޓުވައިފިއްޔާ އަޑިއަށް ދާނެ،" ރާއްޖޭގެ ވެރިކަން ތިން އަހަރު ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް އެމަނިކުފާނުގެ ރިޔާސަތުގައި ޖާގައެއް ނުދެއްވާނެ އެވެ.