Roadha Mihaaru
އާ ފެކްޓަރީއާ އެކު އެންސިސްއަށް ހިނިތުންވުން

އާ ފެކްޓަރީއާ އެކު އެންސިސްއަށް ހިނިތުންވުން

26 ނޮވެމްބަރ 2019

"މިހާރު"ގެ ނޫސްވެރިންނާ ވާހަކަ ދައްކަވަން އިށީންނެވި އިރު އަބްދުލް ވާހިދުގެ މޫނުމަތިން ވަރުބަލިކަމާއި އުފާވެރިކަން، އެކުއެކުގައި ފެނުނެވެ. ވަރުބަލިކަން އިހުސާސްކުރެއްވުނީ، އޭނާގެ ހިއްސާ އޮންނަ އަދި ރާއްޖޭގެ އަމިއްލަ އެންމެ ބޮޑު އެއް މަސް ކުންފުނި ކަމަށް ވާ އެންސިސްގެ އާ ފެކްޓަރީގެ އޯޕަން ޑޭގެ ކަންކަމުގައި ބިޒީކޮށް އުޅުއްވުމުންނެވެ. އުފާވެރިކަން ބޮޑުވީ، 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ)ގެ މަޝްރޫއު އެންމެ ފަހުން ނިންމާލެވުމުންނެވެ.

މޫސާ ލަތީފް މޫސާ ލަތީފް

"މިހާރު"ގެ ނޫސްވެރިންނާ ވާހަކަ ދައްކަވަން އިށީންނެވި އިރު އަބްދުލް ވާހިދުގެ މޫނުމަތިން ވަރުބަލިކަމާއި އުފާވެރިކަން، އެކުއެކުގައި ފެނުނެވެ. ވަރުބަލިކަން އިހުސާސްކުރެއްވުނީ، އޭނާގެ ހިއްސާ އޮންނަ އަދި ރާއްޖޭގެ އަމިއްލަ އެންމެ ބޮޑު އެއް މަސް ކުންފުނި ކަމަށް ވާ އެންސިސްގެ އާ ފެކްޓަރީގެ އޯޕަން ޑޭގެ ކަންކަމުގައި ބިޒީކޮށް އުޅުއްވުމުންނެވެ. އުފާވެރިކަން ބޮޑުވީ، 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ)ގެ މަޝްރޫއު އެންމެ ފަހުން ނިންމާލެވުމުންނެވެ.

"މިއީ އެންސިސްއަށް ނެގުނު ވަރަށް ބޮޑު ޖަމްޕެއް،" ފުރަތަމަ ވެސް ވާހިދު ވިދާޅުވި އެވެ.

އޭނާ އާއި މުހައްމަދު ވަސީމް އަދި އަބްދުﷲ ސައީދުގެ ހިއްސާ އޮންނަ އެންސިސް އިން ހުޅުމާލޭގައި، 50،000 އަކަފޫޓުގެ ބިމެއްގައި ހެދި، ދަޅުގައި މަސް ބަންދުކުރާ ފެކްޓަރީ އަކީ މަސްވެރިކަމުގައި ރާއްޖެ އަށް ގެނެސްދިން އިތުރު ތަރައްގީއެއް ކަމާ މެދު ޝައްކެއް ނެތެވެ. ފެކްޓަރީގެ ވަޒީފާގެ ފުރުސަތުތައް އާންމުންނަށް ކިޔައިދޭން މިދިއަ ހޮނިހިރުދުވަހު އޮތް އޯޕަން ޑޭ އިން އެކަނި ވެސް، އެ ފެކްޓަރީގެ ސަބަބުން އިގުތިސާދަށް ކުރާނެ ފައިދާ އެނގުނެވެ.

ފެކްޓަރީއަށް 400 މުވައްޒަފުން ބޭނުންވެ އެވެ. އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް އާންމުންނަށް ދެއްކީ މުޅި ފެކްޓަރީ ހިނގާނެ ގޮތް، ތަފްސީލުކޮށް ކިޔައިދެމުން، އެކި މީހުންނަށް ކުރެވިދާނެ ކަންކަން ދެނެގަނެވިދާނެ ގޮތަށެވެ. އެންމެ ހަތަރު ގަޑިއިރުގެ ތެރޭގައި، 700 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށް، 450 އަށް ވުރެ ގިނަ މީހުން، ވަޒީފާތަކަށް ނަން ނޯޓުކުރި އެވެ.

ވާހިދު ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އާ ފެކްޓަރީގެ ސަބަބުން ދިވެހިންނަށް އިގުތިސާދީ ގޮތުން ހުޅުވުނު ދޮރެއްކަން ދައްކައިދޭ މިސާލެކެވެ.

ކާމިޔާބު ތަނަކަށް ވާނެ

މީގެ 17 އަހަރު ކުރިން އުފެއްދި އެންސިސް އިން އެއް ފަހަރާ 25 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް މީގެ ކުރިން ހިންގާފައެއް ނުވެ އެވެ. އެވަރުގެ އިންވެސްޓްމަންޓަކަށް ދާން ކުންފުނިން ނިންމީ ރާއްޖޭގެ މަސްވެރިކަމުގެ ކުރިމަގު އޮތްކަން ގަބޫލުކުރެވިގެންނެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯ، ސަރުކާރުން ދޭ ބޮޑެތި ސަބްސިޑީޒްތަކާ އެކު ވެސް އަޑިއަށް ދާ އިރު، އެންސިސްގެ މަސް ފެކްޓަރީން ދައްކައިދެނީ، އަމިއްލަ ވިޔަފާރިވެރިންނަށް ފައިދާއާ އެކު އެކަން ކުރެވިދާނެ ކަމެވެ. ނުވަތަ އެ ޔަގީންކަމުގައި އާ އިންވެސްޓްމަންޓްތަކަށް ޖެހިލުންނުވާ ކަމެވެ.

އެކަމަކު ފެކްޓަރީއެއް ހެދުމަކީ އެއް ބަ އެވެ. ދެ ވަނަ ބަޔަކީ ދިގު މުއްދަތަކަށް ހިންގުމެވެ. ރާއްޖޭގެ މަސްވެރިކަމުގައި، އެހެން ކުންފުނިތަކުގެ ތަޖުރިބާއަށް ބަލާއިރު، އެއީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ވާހިދު ވެސް އެކަން ގަބޫލުކުރައްވަ އެވެ. އެކަމަކު ދުވާލަކު 25 ޓަނުގެ ދަޅުމަސް ބަންދުކުރުމުގެ ގާބިލްކަން ހުރި ފެކްޓަރީ ހިންގޭނެކަމާ މެދު އެންސިސްއަށް އެއްވެސް ޝަައްކެއް ނެތެވެ.

އެންސިސްގެ އެއް ޑައިރެކްޓަރު ވާހިދު: އޭނާ ވިދާޅުވަނީ އާ ފެކްޓަރީ ކާމިޔާބުވާނެ ކަމަށް -- ފޮޓޯ: ނިޝާން އަލީ /މިހާރު

އެންސިސްގެ އެއް ޑައިރެކްޓަރު ވާހިދު: އޭނާ ވިދާޅުވަނީ އާ ފެކްޓަރީ ކާމިޔާބުވާނެ ކަމަށް -- ފޮޓޯ: ނިޝާން އަލީ /މިހާރު

"މިއީ ވަރަށް ބޮޑު ޗެލެންޖެއް ވެސް މެ،" ވާހިދު ވިދާޅުވި އެވެ.

އެންސިސް އަކީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ހާއްސަ ކުންފުންޏެއް ނޫނެވެ. އެންސިސްގެ މައިގަނޑު ވިޔަފާރި އަކީ ކަންނެލި އެކްސްޕޯޓްކުރުމެވެ. އަދި މަހުގެ ތަފާތު އުފެއްދުންތައް ބާޒާރަށް ނެރުމެވެ.

އެކަމަކު ކަޅުބިލަމަސް ދަޅުގައި ބަންދުކުރާ ރާއްޖޭގެ ތިން ވަނަ ފެކްޓަރީ އެ ކުންފުނިން ގާއިމްކުރީ، ވާހިދު ވިދާޅުވި ގޮތުގައި، އެ މަސްވެރިކަމަށް "ރާއްޖޭގައި ވަރަށް ބޮޑު މުސްތަގުބަލެއް އޮތުމުންނެ"ވެ.

މަސް ބޭނުންކޮށްގެން "އެންމެ ބޮޑު ވެލިއު [އަގު] ނެރެވޭ ގޮތަށް އޮތީމާ އޭގެ ފިއުޗާ [މުސްތަގުބަލް] މި އޮންނަނީ،" ވާހިދު ވިދާޅުވި އެވެ.

އޭނާ އެ ވިދާޅުވާ ވާހަކައިގެ ތަފްސީލަކީ، މިފްކޯ އިން މައިގަނޑު ގޮތެއްގައި ކަން ކުރަމުން އަންނަ ފިނިކުރި މަސް ރާއްޖެ އިން އެކްސްޕޯޓްކުރުމުގެ ބަދަލުގައި، މަހުން ތަފާތު އެހެން އުފެއްދުންތައް އުފައްދައިގެން ބޭރުގެ މާކެޓަށް ނެރުމެވެ. މިސާލަކަށް ތައިލެންޑަށް ހަމައެކަނި ރޯމެޓީރިއަލްގެ ގޮތުގައި މަސް އެކްސްޕޯޓްކޮށްގެން އޭގެ އަސްލު ފައިދާ ނުނެރެވޭނެ އެވެ. ތައިލެންޑުން ރާއްޖޭގެ މަސް ގަންނަނީ އެ ގައުމުގެ ފެކްޓަރީތަކަށެވެ.

"ފިނިޝިން ޕްރޮޑަކްޓަކަށް [މަހުން އެހެން ބާވަތެއް އުފެއްދުން] ބަދަލުކޮށްލުމުން އެބަ ވިއްކޭ ވަރަށް ގިނަ ގައުމުތަކަށް، ގިނަ ކަސްޓަމަރުންތަކަކަށް،" ވާހިދު ވިދާޅުވި އެވެ.

އެންސިސްއަކީ، އޭނާ ވިދާޅުވި ގޮތުގައި، މިހާރު ވެސް ރާއްޖެ އިން މަސް ބޭރުކުރާ ކުންފުނިތަކުގެ ތެރެއިން ބޭރުގައި އެންމެ ގިނަ ބަޔަރުން [ގަންނަ މީހުން] ތިބި ކުންފުންޏެވެ. އޭނާ ލަފާކުރައްވާ ގޮތުގައި ތަފާތު އެކި ގައުމުތަކުގައި އެންސިސްގެ އުފެއްދުން 50 ފަރާތަކުން ގަނެ އެވެ. އެހެންކަމުން މިއީ، ވާހިދު ގަބޫލުކުރައްވާ ގޮތުގައި، އާ ފެކްޓަރީގެ މަސައްކަތަށް އޮތް އެޑްވާންޓޭޖެކެވެ.

އެކަމަކު ހަމައެއާ އެކު އުފެއްދުންތައް ރަނގަޅުވާން ވެސް ޖެހޭނެ ކަމަށް ވާހިދު ވިދާޅުވި އެވެ.

"މަސްވެރިކަމަކީ ދުނިޔޭގައި ވާދަވެރިކަން އޮތް ދާއިރާއެއް،" އޭނާ ތަފްސީލު ދެއްވި އެވެ.

"މަސް ބާނާ އެހެން ގައުމުތަކުން ވެސް މާކެޓް ހޯދަން އުޅޭނެ ޔޫރަޕުން. އެހެންވީމާ މިކޮޅުގެ ޕްރޮޑަކްޓާއި ކޮލިޓީ ރަނގަޅުވެގެން މާކެޓް ލިބޭނީ."

އެކަން އެންސިސް އިން ކުރާނެކަމުގެ ޔަގީންކަން ވާހިދަށް އެބަ އޮތެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި 17 އަހަރުގެ ތެރޭގައި ކުންފުންޏަށް ކާމިޔާބު ލިބުނީ، މާކެޓް ދިރާސާކޮށް، މާކެޓަށް ބޭނުންވާ ގޮތަށް އުފެއްދުންތައް ވާސިލްކޮށްދެވިގެންނެވެ. އެހެންކަމުން އާ ފެކްޓަރީ ހިނގައިގަންނާނީ އެ ތަޖުރިބާގައި، ބޭރުން ވެސް ރަނގަޅު މާކެޓްތައް ހޯދައިގެން ކަމަށް ވިދާޅުވި އެވެ.

އެންސިސް ހާހެއްހާ މުވައްޒަފުންނާ އެކު

މިހާރު ހަމަޖެހިފައިވާ ގޮތުން ފެކްޓަރީ ރަސްމީކޮށް ހުޅުވާނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ކަމަށް ވާ ޑިސެމްބަރު 10 ގަ އެވެ. އޭރަށް ވާ އިރު އެންސިސްގައި، މިހާރު ތިބި ގާތްގަނޑަކަށް 600 މުވައްޒަފުންގެ ތެރެއަށް 350 އާއި 400އާ ދެމެދުގެ އަދަދަކަށް އާ މުވައްޒަފުން އިތުރުވާނެ އެވެ. އޭގެ މާނައަކީ ހާހެއްހާ މުވައްޒަފުން ގެންގުޅޭ ބޮޑު ކުންފުންޏަކަށް އެތަން ބަދަލުވުމެވެ.

ވާހިދުގެ އުއްމީދަކީ ވީހާ ވެސް ގިނަ ދިވެހިން، ފެކްޓަރީގައި މަސައްކަތްކުރާ ތަން ފެނުމެވެ. އެކަމަށްޓަކައި، އާ ފެކްޓަރީން ވަޒީފާގެ ފުރުސަތު ދޭނެ ތަފާތު ގޮތްތައް ވަނީ ރާވައިފަ އެވެ. އެއް ކަމަކީ، ފުލްޓައިމް ނޫނަސް، ޕާޓް ޓައިމްކޮށް މަަސައްކަތްކުރުމުގެ ފުރުސަތު ދިނުމެވެ.

ފެކްޓްރީން ވަޒީފާ ހޯދަން ބަޔަކު ރަޖިސްޓްރީ ކުރަނީ-- ފޮޓޯ: މިހާރު

ފެކްޓްރީން ވަޒީފާ ހޯދަން ބަޔަކު ރަޖިސްޓްރީ ކުރަނީ-- ފޮޓޯ: މިހާރު

"މިސާލަކަށް ގޭގައި އުޅޭ އަންހެނަކު ހެނދުނު ދާންވީ ދެ ގަޑިއިރު މަސައްކަތްކޮށްލަން، އެ ފުރުސަތު އޮންނާނެ،" ވާހިދު ވިދާޅުވި އެވެ.

މިއީ މާލެ ސަަރަހައްދުގައި ހެދި ފުރަތަަމަ ކޭނަރީ ކަމުން، ފަސޭހަކަމާ އެކު ވަޒީފާގެ ފުރުސަތު ލިބުމުގެ ފައިދާ އާންމުންނަށް ނެގެން އެބަ އޮތެވެ. އެހެންކަމުން އެންސިސްގެ އާ ފެކްޓަރީއަކީ މަސްވެރިންގެ އިތުރުން، އާންމުންނަށް ވެސް ހުޅުވޭ އިގުތިސާދީ ދޮރަކަށް ވާނެ އެވެ.

"ދުރު މުސްތަގުބަލަށް ބަލާއިރު ދިވެހިން ވަޒީފާގައި ތިބުން ރަނގަޅީ،" ވާހިދު ވިދާޅުވި އެވެ.

"ރަނގަޅު އާމްދަނީއެއް ލިބޭނެ. ވަރަށް ގިނަ ތަފާތު ޖޮބް އެބަ ހުރި."

މިއަދު އެންސިސް އަށް އަނެއްކާވެސް އެވަނީ، ވާހިދު ވިދާޅުވި ގޮތަަށް، މަސްވެރިކަމުގެ ދާއިރާ އިން ބޮޑު ފިޔަވަޅެއް އެޅިފަ އެވެ. ކުންފުނީގެ މާޒީއަށް ބަލާއިރު ދައްކައިދީފައި ވަނީ ތަަރައްގީ އެވެ. އުފެއްދުންތައް އިތުރުކުރަމުން އަންނަ ތަނެވެ.

"އެންސިސް ފެކްޓަރީ ވަރަށް ކާމިޔާބު ވާނެ ކަމަށް ގަބޫލުކުރެވެނީ،" ވާހިދު ވިދާޅުވި އެވެ.

"އެންސިސް އިން މިހާތަނަށް ތަފާތުވާ [ސަބަބަކީ] އެފިސެންސީ. އަހަރެމެންގެ އެފިސެންސީ ޑިވެލޮޕްކޮށްފައި އޮތީ ތަފާތު މާކެޓްތަކަށް."

އެކަން އާ ފެކްޓަރީއާ އެކު އަނެއްކާވެސް ވާނީ ފުޅަލެވެ.