Roadha Mihaaru
އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކޮށްފި

މިފްކޯގެ ދަރަނި 300 މިލިއަން ރުފިޔާ!

29 ސެޕްޓެމްބަރ 2016

ހިންގެމުން ނުހިންގެމުން، އަބަދުވެސް ފައިސާގެ މައްސަލަތައް ދިމާވެ، ސަރުކާރަށް ބަރޯސާވުން ބޮޑު ދައުލަތުގެ މަސް ކުންފުނި، މިފްކޯ، އެންމެ ފަހުން އެސްޓީއޯގެ ދަށަށް މިއަދު ބަދަލުކޮށް، ކުންފުނީގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ހަވާލުވެއްޖެ އެވެ.

ހިންގެމުން ނުހިންގެމުން، އަބަދުވެސް ފައިސާގެ މައްސަލަތައް ދިމާވެ، ސަރުކާރަށް ބަރޯސާވުން ބޮޑު ދައުލަތުގެ މަސް ކުންފުނި، މިފްކޯ، އެންމެ ފަހުން އެސްޓީއޯގެ ދަށަށް މިއަދު ބަދަލުކޮށް، ކުންފުނީގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ހަވާލުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ކުއްލި ނިއުސް ކޮންފަރެންސެއްގައި އިކޮނޮމިކް ކައުންސިލުން އެކަން އިއުލާން ކުރައްވަމުން ހަތަރު މިނިސްޓަރަކު ވަނީ އެ ނިންމުމުގެ ފައިދާއާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

ދަރަނި ބޮޑުވެ، ބޭންކްތަކުން ލޯނު ދިނުން ވެސް ހުއްޓާލާފައިވާ މިފްކޯ، ސަރުކާރުގެ ފައިދާ ބޮޑު އެއް ކުންފުނި އެސްޓީއޯއާ ހަވާލުކުރުމަކީ ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި އިކޮނޮމިކް ކައުންސިލުން ދެކެ އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރަން ނިންމި މައިގަނޑު ސަބަބަކީ، އެ ކުންފުނީގެ ދަރަނި ބޮޑުވުން ކަމަށާއި އެއީ ހައްލެއް ބޭނުންވެފައިވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭންކްތަކާއި މަސްވެރިންނަށް ދައްކަން ޖެހޭ ބޮޑު ދަރަންޏެއް މިފްކޯގެ އެބަ އޮތެވެ.

އަދި މަސްވެރިންނަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ނުދެވި އޮތުން ސަރުކާރަށް ގަބޫލުނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިފްކޯގެ ދަރަނި މައްޗަށް ދަރަނި އަރަމުން މިދިޔައީ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ފާހަގަކުރާ ކަމެއް،" މުނައްވަރު ވިދާޅުވި އެވެ.

އިކޮނޮމިކް ކައުންސިލުން ބުނި ގޮތުގައި މަސްވެރިންނަށް ނުދެވި 2 މިލިއަން ރުފިޔާގެ ދަރަންޏެއް މިހާރު ވެސް އެބަ އޮތެވެ. އެ ފައިސާ ސަރުކާރުން މަސްވެރިންނަށް ދައްކާނެ ކަމަށް ކައުންސިލުން ބުންޏެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި މިހާރު ހިންގާ ގޮތުން، ކޮންމެ އަހަރަކު ސަބްސިޑީގެ ގޮތުގައި ވެސް ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް މިފްކޯ އަށް ދޭން ޖެހެ އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މިފްކޯ އަށް އެންމެ ބޮޑު ގެއްލުމެއް ވަނީ، ތެލަށް ކުރާ ހޭދައިން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ އިގްތިސާދީ ތަސައްވަރުގައި ހުރިހާ ކުންފުންޏަކީ ވެސް ފައިދާވާ ކުންފުނިތަކަކަށް ހެދުމުގެ ވިސްނުންފުޅުގެ ތެރެއިން ވެސް މިފްކޯ އަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެސްޓީއޯގެ ދަށަށް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަރަނި ވެސް ހަލާސްކޮށް އާ ފެށުމަކުން މިފްކޯގެ މަސައްކަތްތައް ފަށައިގަންނަން ވަނީ ނިންމާފައި. މަސްވެރިންނަށް ފެހި މާދަމާއަކަށް ނިންމި ނިންމުމެއް މިއީ،" ޝައިނީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދެ ކުންފުނި އެއްކޮށްލުމުން ފައިދާ ބޮޑުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. މިފްކޯ ތަރައްގީކޮށް އެ ކުންފުނިން ބޮޑު ފައިދާއެއް ނެރެވެން އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"އެސްޓީއޯ އަކީ ބޭރު ފައިސާ ބޭނުންވާ ކުންފުންޏެއް. އަނެއްކޮޅުން މިފްކޯ އަކީ ބޭރު ފައިސާ ލިބޭ ކުންފުންޏެއް،" ޒަމީރު ވިދާޅުވި އެވެ.

"އެސްޓީއޯ ކަހަލަ ރިސޯސްފުލް ކުންފުންޏަކުން މިފްކޯގެ އޮޕަރޭޝަންސްތައް ކުރިއަށް ގެންދަން ފެށީމަ ބޮޑު ފައިދާއެއް ވާނެ."

ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވި ގޮތުގައި މިފްކޯ އަށް ރާއްޖޭގެ އެއްވެސް ބޭންކަކުން ލޯނެއް ނުލިބޭ ހިސާބަށް އެ ކުންފުނީގެ ހާލަތު ވަނީ ގޮސްފަ އެވެ.

އޭނާ ވިދާޅުވީ މިފްކޯ އޮތީ، ރާއްޖޭގެ އެއްވެސް ބޭންކަކުން ލޯނެއް ވެސް ނުލިބޭ ހާލަތުގައި ކަމަށެވެ. އެކަމަކު މިހާރު ގެނައި ބަދަލާ އެކު ކުންފުނި ކޮޅަށް ޖެހި، ދައުލަތުން ދެމުން އަންނަ ސަބްސިޑީ ވެސް ދޭން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މިފްކޯ ހިންގާ ގޮތް ބެލުމަށް ފަހު، މަސްވެރިންނަށް ފައިދާ ނުވާ ކަންކަން ހުއްޓާލައި ހަރުދަނާ އޮނިގަނޑެއް އެކުލަވާލަން ވަނީ ނިންމައިފަ އެވެ. އެ ބަދަލު ގާތްގަނޑަކަށް 45 ދުވަހުގެ ތެރޭގައި ގެންނަން އަމާޒު ހިފާފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މިފްކޯ އަކީ ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތަށް ފަހު 1990ގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އުފެއްދި ދަރަންޏަށް ޒިންމާވާ ވަކި ކުންފުންޏެކެވެ. އޭގެ ކުރިން އެފްޕީއައިޑީ ހިންގަމުން އައީ ވެސް އެސްޓީއޯގެ ދަށުންނެވެ.