Roadha Mihaaru
ކޮންމެ ހަތަރު ޒުވާނަކުން އެކަކު ފޯނަށް އެޑިކްޓްވެފައި

ކޮންމެ ހަތަރު ޒުވާނަކުން އެކަކު ފޯނަށް އެޑިކްޓްވެފައި

30 ނޮވެމްބަރ 2019

ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ތެރެއިން ކޮންމެ ހަތަރު މީހަކުން އެކަކީ ސްމާޓްފޯނަށް ދެވިހިފާފައިވާ މީހެއް ކަމަށާއި އެކަމުގެ ސަބަބުން އެ މީހުންނަށް އެކި ކަހަލަ ނަފުސާނީ މައްސަލަތައް ކުރިމަތިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ތެރެއިން ކޮންމެ ހަތަރު މީހަކުން އެކަކީ ސްމާޓްފޯނަށް ދެވިހިފާފައިވާ މީހެއް ކަމަށާއި އެކަމުގެ ސަބަބުން އެ މީހުންނަށް އެކި ކަހަލަ ނަފުސާނީ މައްސަލަތައް ކުރިމަތިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ބީއެމްސީ ސައިކޭޓްރީ ޖާނަލްގައި ޝާއިއުކޮށްފައިވާ ކިންގްސް ކޮލެޖް ލަންޑަންގެ ދިރާސާގައި ބުނީ ސްމާޓްފޯނަށް ފުރާވަރު ކުދިންނާއި ޒުވާނުން އެޑިކްޓްވާ މައިގަނޑު ސަބަބަކީ ފޯނާއި އިންޓަނެޓް ބޭނުންކުރަން ޖެހޭ ގޮތް ރަނގަޅަށް ނޭނގުން ކަމަށެވެ. މި ދިރާސާ ހަދާފައި ވަނީ ސްމާޓްފޯނުތައް 2011 ގެ ފަހުން ވުޖޫދަށް އައި ފަހުން ފޯނު ބޭނުންކުރާ މިންވަރާއި އެކަމުގެ ސަބަބުން ކުރިމަތިވާ ނަފުސާނީ މައްސަލަތަކާ ގުޅޭ ގޮތުން ކުރިން ހަދާފައިވާ 41 ދިރާސާއެއް އެނަލައިޒްކޮށްގެންނެވެ.

އެގޮތުން ފާހަގަކުރެވުނީ ސްމާޓްފޯނު ބޭނުންކުރާ ޒުވާނުންނާއި ފުރާވަރުކުދިންގެ ތެރެއިން 10-30 ޕަސަންޓް މީހުން ފޯނު ބޭނުން ކުރަނީ އެއްޗެހީގެ ބޭނުން ހިފަން ޖެހޭ ގޮތަށް ނޫން ކަަމަށެވެ. އަދި އެކަމުގެ ސަބަބުން އެފަދަ މީހުންގެ ތެރެއިން 23 ޕަސެންޓް މީހުންނަށް ޕްރޮބްލެމެޓިކް ސްމާޓްފޯން ޔޫޒޭޖް (ޕީއެސްޔޫ) ކުރިމަތިވެ، އެންޒައިޓީ ފަދަ މައްސަލަތައް ދިމާވާ ކަމަށް ދައްކަ އެވެ.

ދިރާސާގައި ބުނިގޮތުގައި ފޯނު ނެތް ނަމަ ފުރާވަރުގެ ކުދިންނާއި ޒުވާނުންނަށް ހާސްކަމާއި ނުތަނަވަސްކަން ކުރިމަތިވެ، ކުރަން ހުންނަ މުހިއްމު ކަންކަމަށް ވެސް ފަރުވާކުޑަކުރެ އެވެ. އަދި މީގެ ސަބަބުން އެ މީހުންނަށް ޑިޕްރެޝަނާއި ސްޓްރެސްވުމާއި މޫޑް ހަރާބުވުމާއި ހަމަނިދި ނުލިބުން ފަދަ މައްސަލަތައް ކުރިމަތިކުރުވަ އެވެ.

ފުރާވަރުގެ ކުދިންތަކެއް ފޯނާ ކުޅެނީ.

ފުރާވަރުގެ ކުދިންތަކެއް ފޯނާ ކުޅެނީ.

ދިރާސާ ޓީމްގައި ހިމެނޭ އިންސްޓިޓިއުޓް އޮފް ސައިކެޓްރީ އެންޑް ނިއުރޯސައިންސް (އައިއޯޕީޕީއެން) ގެ ޑރ. ނިކޮލާ ކާލްކް ވިދާޅުވި ގޮތުގައި ސްމާޓްފޯނަކީ މި ޒަމާނުގައި ކޮންމެހެން ވެސް ބޭނުން ކުރަން ޖެހޭ އެއްޗަކަށްވާތީ ފޯނަށް އެޑިކްޓްވާ ސީދާ ސަބަބުތައް ދެނެގަތުން ވަރަށް މުހިއްމު ކަމަށެވެ.

"ސްމާޓްފޯނަކަށްވީމަ ދެވިހިފަނީތޯ ނޫނީ އޭގައި ހުންނަ އެކި ކަހަލަ އެޕްލިކޭޝަންތަކުގެ ސަބަބުން ފޯނަށް ދެވިހިފަނީތޯ އެބަޖެހޭ ސާފުވާން،" އޭނާ ވިދާޅުވި އެވެ. "ހަމައެއާ އެކު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ފޯނު ބޭނުންކުރުމުގައި ކުދިންނާއި ޒުވާނުން ގެންގުޅޭ އުސޫލުތަކަށް ފަރުވާތެރިވާން ޖެހޭކަން. އެގޮތުން ފޯނަށް ވަގުތު ހޭދަކުރާ މިންވަރާއި އެ ބޭނުން ކުރަނީ ކޮން ކަހަލަ ކަންކަމަކަށްތޯ ބެލެނިވެރިން ވެސް އެބަޖެހޭ ދެނެގަނަން."