Roadha Mihaaru
ޓޫރިޒަމްގެ އިންވެސްޓްމަންޓް ފަންޑެއް ތައާރަފްކޮށްފި

ޓޫރިޒަމް ދާއިރާ އަށް ހާއްސަ އިންވެސްޓްމަންޓް ފަންޑެއް ތައާރަފްކޮށްފި

01 ޑިސެމްބަރ 2019

ޓޫރިޒަމް ދާއިރާ އަށް ހާއްސަކޮށްގެން "މޯލްޑިވްސް ހޮސްޕިޓަލިޓި އިންކަމް ފަންޑް 1" (އެމްއެޗްއައިއެފް1 ގެ ނަމުގައި މޯޓީޒާ ކެޕިޓަލް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންވެސްޓްމަންޓް ފަންޑެއް ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޓޫރިޒަމް ދާއިރާ އަށް ހާއްސަކޮށްގެން "މޯލްޑިވްސް ހޮސްޕިޓަލިޓި އިންކަމް ފަންޑް 1" (އެމްއެޗްއައިއެފް1 ގެ ނަމުގައި މޯޓީޒާ ކެޕިޓަލް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންވެސްޓްމަންޓް ފަންޑެއް ހުޅުވައިފި އެވެ.

މި ފަންޑުގެ މައިގަނޑު އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ މެޒަނީން ފައިނޭންސްގެ ބާވަތްތަކެވެ. މިއީ ބޭންކް ލޯނުގެ ބަދަލުގައި ޕްރޮޖެކްޓުތަކަށް އަމާޒުކޮށްގެން ދޫކުރާ ލޯނުގެ ބާވަތެކެވެ. މި ފަންޑު ބޭނުންކޮށްގެން ރިސޯޓުތައް މަރާމާތު ކުރުމަށާއި ކޮޓަރިތަކާއި ވަސީލަތްތައް އިތުރު ކުރުމަށާއި ރިސޯޓުތައް ނިންމުމަށާއި ގެއްލުމުގައި ހިންގާ ރިސޯޓްތަކުގެ ފައިދާ އިތުރުކުރުމަށް ކުރެވޭނެ ކަންތައްތައް ކުރުމަށް އެހީތެރިކަން ފޮރުކޮށްދޭނެ އެވެ.

މި އިންވެސްޓްމަންޓް ފަންޑަކީ އަމިއްލަ އިންވެސްޓަރުންނަށާއި މުއައްސަސާތަކަށް ހުޅުވާލެވޭ މިފަދަ ފުރަތަމަ ފުރުސަތު ކަމަށް މޯޓީޒާއިން ބުނެ އެވެ. އަދި މި އިންވެސްޓްމަންޓަކީ ހިއްސާ ގަނެގެން ކުރާ އިންވެސްޓްމަންޓުތަކާ އަޅާ ބަލާއިރު ރިސްކު ކުޑަ އިންވެސްޓްމަންޓެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މިހާތަނަށް ބައިވެރިވެވެން އޮތީ ހަމައެކަނި ރިސޯޓެއްގެ ހިއްސާ ގަނެގެން. މި އިންވެސްޓްމަންޓުތަކުގައި ރިސްކު ބޮޑުވާނެ. ނަމަވެސް އަޅުގަނޑުމެން ތައާރަފު ކުރި މި ފަންޑުގައި އިންވެސްޓްކޮށްގެން ރިސްކު ކުޑަވާނެ،" މޯޓީޒާގެ މެނޭޖިން ޑިރެކްޓަރު ޣާލީ މުރުތަލާ ވިދާޅުވި އެވެ.

މީގެ އިތުރުން މި ފަންޑުގައި އިންވެސްޓުމަންޓުތައް މެނޭޖުކުރާނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފުންނާބު އުސް މީހުންގެ ޓީމަކުން ކަމަށް ވެސް މުރުތަލާ ވިދާޅުވި އެވެ. އަދި މި ދާއިރާގައި ލިބިފައިވާ ތަޖުރިބާގެ އަލީގައި ހުރިހާ ޕްރޮޖެކްޓުތައް ފަރުމާކުރުމުގައި އެ ޓީމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ސެކިއުރިޓިޒްއާ ބެހޭ ގާނޫނުގެ ދަށުން ހުޅުވާފައިވާ މި ފަންޑަކީ ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ރެގިއުލޭޓް ކުރާ ފަންޑެކެވެ.