Roadha Mihaaru
ކަރަންގެ "ތަޚުތު" ގެ ޝޫޓިން އަށް 170 ދުވަސް

ކަރަން ޖޯހަރުގެ "ތަޚުތު" ގެ ޝޫޓިން އަށް 170 ދުވަސް

04 ޑިސެމްބަރ 2019

ކަރަން ޖޯހަރު ޑައިރެކްޓްކުރާ ފުރަތަމަ ތާރީހީ ފިލްމު "ތަޚުތު" ގެ ޝޫޓިން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ އިރު، ފިލްމުގެ ޝޫޓިން އަށް ނަގާނީ 170 ދުވަސް ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރު ޑައިރެކްޓްކުރާ ފުރަތަމަ ތާރީހީ ފިލްމު "ތަޚުތު" ގެ ޝޫޓިން އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ އިރު، ފިލްމުގެ ޝޫޓިން އަށް ނަގާނީ 170 ދުވަސް ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ބޮޑު ކާސްޓަކާ އެކު ހަދާ މި ފިލްމުގެ ޝޫޓިން ފަށާ ގޮތަށް، އެއްވާނެއްގައި ކުރިއަށް ގެންދަން ރާވައި، ކަރަން މިހާރު އަންނަނީ ހުރިހާ ތަރިންގެ ތާރީހުތައް ފިލްމަށް ހުސްކުރަމުންނެވެ.

އިންޑިއާގެ މުގާލް ރަސްކަމުގެ ތެރޭގައި ހިނގާ ހާދިސާތަކެއް ކިޔައިދޭ "ތަޚުތު" ގެ މައިގަނޑު ތަރިންނަކީ ކަރީނާ ކަޕޫރާއި ރަންވީރު ސިންގް އާއި އާލިއާ ބަޓާއި ވިކީ ކޯޝަލް އާއި ބޫމީ ޕެޑްނޭކަރާއި އަނިލް ކަޕޫރާއި އޭނާ އަށް ބޮޑުބޭބެ ކިޔާ ޖާންވީ ކަޕޫރެވެ.

ފިލްމުގެ ކާސްޓަށް ބަލާ އިރު ކަރީނާ އާއި އާލިއާ ފިޔަވައި މީގައި ދެން ތިބީ މުޅިން ވެސް ކަރަން ޑައިރެކްޓްކުރާ ފިލްމެއްގައި މުޅިން އަލަށް މަސައްކަތްކުރާ ތަރިންނެވެ.

ރިޕޯޓްތައް ބުނާގޮތުން ފިލްމުގެ ޝޫޓިން ފެބްރުއަރީ މަހުގެ ތެރޭގައި ފަށަން ނިންމާފައިވާތީ ފިލްމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީވަމުންނެވެ. އެގޮތުން ކަރަން "ތަޚުތު" ގެ ސްކްރިޕްޓް އިރުރަށް ޕޮލިޝްކުރަމުންދާ ކަމަށް ހަންގާމާ އިން ބުންޏެވެ.

ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމުގެ ގިނަ އައުޓްޑޯ މަންޒަރުތައް ނަގާނީ އިޓަލީގަ އެވެ. ނަމަވެސް ފިލްމާ ބެހޭ ގޮތުން ކަރަން މިހާތަނަށް މާ ގިނަ ވާހަކަތަކެއް ނުދައްކާތީ، "ތަޙުތު" ގެ މަސައްކަތްކުރިއަށް ދާނެ ގޮތެއް މުޅިއަކުން ސާފެއް ނުވެ އެވެ. އެކަމަކު މިއީ އޭނާ ޑައިރެކްޓްކުރާ ތާރީހީ ފުރަތަމަ ފިލްމަށްވާތީ ކަރަން ވަނީ ފިލްމަށް ވަރަށް ބޮޑަށް ދުރާލައި ތައްޔާރުވާނެ ކަމަށް ބުނެފަ އެވެ.

އޭނާ ބުނިގޮތުގައި މި ޖޯންރާގެ ފިލްމެއް ހެދުމަކީ ކޮނޑުގައި އެޅޭ ވަރަށް ބޮޑު ޒިންމާއެކެވެ. އެހެންވެ ތާރީހާ އެއްވެސް ވަރަކަށް ފުށުނާރާ ގޮތަށް "ތަޙުތު" ގެނެސްދޭން ވަރަށް މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ސުމިތު ރޯއި އެވެ.

"ތަޚުތު" އަކީ "އޭ ދިލް ހޭ މުޝްކިލް" އާއި "ކުޗް ކުޗް ހޯތާ ހޭ" ފަދަ ރީތި ފިލްމުތަކެއް ގެނެސްދިން ކަރަންގެ 7 ވަނަ ޑައިރެކްޝަނެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު އިއުލާންކުރި މި ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި ހަމައެއްނުޖައްސަ އެވެ.