Roadha Mihaaru
ކަރަންގެ "ތަޚުތު" ގެ ކާސްޓަށް ޖާވިދު ޖެފްރީ

ކަރަން ޖޯހަރްގެ "ތަޚުތު" ގެ ކާސްޓަށް ޖާވިދު ޖެފްރީ

11 އެޕްރީލް 2020

މިދިޔަ މަހު ޝޫޓިން ފަށަން ނިންމާފައި ވަނިކޮށް ކޮރޯނާވައިރަހާ ހެދި މަސައްކަތް ފަސްކުރި ކަރަން ޖޯހަރުގެ ފިލްމު "ތަޚުތު" ގެ ރޯލަކަށް ޖާވިދު ޖެފްރީ ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހު ޝޫޓިން ފަށަން ނިންމާފައި ވަނިކޮށް ކޮރޯނާވައިރަހާ ހެދި މަސައްކަތް ފަސްކުރި ކަރަން ޖޯހަރުގެ ފިލްމު "ތަޚުތު" ގެ ރޯލަކަށް ޖާވިދު ޖެފްރީ ސޮއިކޮށްފި އެވެ.

އޭ-ލިސްޓް ބޮޑު ކާސްޓެއް ހިމެނޭ ފިލްމަށް ސޮއިކުރިކަން ކަށަވަރުކޮށް ދެމުން މީޑިއާއަކަށް ޖާވިދު ބުނީ ލިބުނު ރޯލާ ދޭތެރޭ ވަރަށް ހިތްހަމެޖެހޭ ކަމަށެވެ. މިއީ ކުރީގެ މަޝްހޫރު ރަސްކަމެއް ކަމަށްވާ ޝާހް ޖަހާންގެ ރަސްކަން އިންޑިއާގައި އޮތް ދުވަސްވަރު ރަސްކަމުގެ ބޭނުމުގައި އާއިލާ ތެރޭގައި ހިނގާ ކޯޅުންތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.

ޖާވިދު ބުނިގޮތުގައި އޭނާ އަށް ފިލްމުން ލިބުނީ ޝާހް ޖަހާންގެ ދަރުބާރުގެ ގާޒީއެއްގެ ރޯލެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ. "ތަޚުތު" ގައި ޝާހް ޖަހާންގެ ރޯލް ކުޅޭނީ އަނިލް ކަޕޫރެވެ.

މި ފިލްމުވެގެން ދާނީ ކަރަން ޑައިރެކްޓްކުރާ ފިލްމެއްގެ އިތުރުން އޭނާގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންސްގެ ފިލްމެއްގައި ޖާވިދު މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ.

"ތަޚުތު" ގެ ކާސްޓުންގެ ތެރޭގައި އަނިލްއާ އެކު ރަންވީެރު ސިންގް، ކަރީނާ ކަޕޫރް، ވިކީ ކޯޝަލް، އާލިއާ ބަޓް، ޖާންވީ ކަޕޫރް އަދި ބޫމީ ޕެޑްނޭކަރު ހިމެނެ އެވެ.

މި ފިލްމުގެ ޝޫޓިން ފަށާނެ އިރެއް ނޭނގުމެއްގެ ތެރޭގައި އޮތް ނަމަވެސްސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ގަ އެވެ.

"ތަޚުތު" އަކީ 2016 ގައި ގެނެސްދިން "އޭ ދިލް ހެ މުޝްކިލް" އަށް ފަހު، ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. އަދި މިއީ އޭނާގެ ހަތް ވަނަ ފިލްމުގެ އިތުރުން އަލަށް ހަދާ ތާރީހީ ފިލްމު ވެސް މެ އެވެ.