Roadha Mihaaru
ކޮވިޑް-19އާ ހެދި "ތަޚުތު" ގެ ޝޫޓިން ފަސްކޮށްފި

ކޮވިޑް-19އާ ހެދި "ތަޚުތު" ގެ ޝޫޓިން ފަސްކޮށްފި

10 މާޗް 2020

މި މަހުގެ ތެރޭގައި ކަރަން ޖޯހަރުގެ ތާރީހީ ބޮޑު ފިލްމު "ތަޚުތު" ގެ ޝޫޓިން ފަށަން ތައްޔާރުމުން ދިޔަ ނަމަވެސް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުންދާތީ ފިލްމުގެ ޝޫޓިން ފަސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ ތެރޭގައި ކަރަން ޖޯހަރުގެ ތާރީހީ ބޮޑު ފިލްމު "ތަޚުތު" ގެ ޝޫޓިން ފަށަން ތައްޔާރުމުން ދިޔަ ނަމަވެސް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުންދާތީ ފިލްމުގެ ޝޫޓިން ފަސްކޮށްފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އޭ-ލިސްޓް ބޮޑު ކާސްޓަކާ އެކު ހަދާ ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލްތައް ކުރިއަށް ގެންދަން ނިންމާފައި އޮތީ ރާޖަސްތާނުގެ ޖެއިޕޫރާއި ޖެއިސަލްމާރްގަ އެވެ. ނަމަވެސް ކޮރޯނާވައިރަހާ ގުޅިގެން ދަތުރުފަތުރުކުރުމާއި ގިނަ ބަޔަކު އެއްތާކަށް ޖަމާނުވަން ސިއްހީ ތަޖުރިބާކާރުންނާއި ރަސްމީ އިދާރާތަކުން އިރުޝާދު ދެމުން އަންނާތީ "ތަޚުތު" ގެ މަސައްކަތް މި ވަގުތަށް ކުރިއަށް ނުގެންދަން ނިންމީ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ކަރަން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އޭނާ ހަދާ ފުރަތަމަ ތާރީހީ ފިލްމު "ތަޚުތު" އަކީ ޝޫޓިން ނުފެށި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި އޮތް ފިލްމެކެވެ. ދެހާސް އަށާރައިގައި އިއުލާންކުރި މި ފިލްމަކީ އެންމެ ފުރަތަމަ މި އަހަރު ސިނަމާތަކަށް ގެންނަން އަމާޒު ހިފި ފިލްމެކެވެ. ނަމަވެސް ތައްޔާރީތަކަށް ވަގުތު ނެގުމާއި ފިލްމުގެ ކާސްޓުން އެހެން ޕްރޮޖެކްޓަތަކުގައި ބިޒީވުމާއި މިދިޔަ އަހަރު ކަރަން ވަރަށް އުންމީދީ ފިލްމެއްގެ ގޮތުގައި ބޮޑު ބަޖެޓަކުން ގެނެސްދިން "ކަލަންކް" ބޮޑުތަނުން ފްލޮޕްވުމުން، "ތަޚުތު" އަށް ވެސް ބަދަލުތަކެއް ގެންނަން މަޖުބޫރުވުން ހިމެނެ އެވެ.

މި ފިލްމަކީ އިންޑިއާގައި ކުރިން އޮތް މުގާލް ރަސްކަމުގެ ތެރޭގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

"ތަޚުތު" ގެ މައިގަނޑު ކާސްޓުންނަކީ ރަންވީރު ސިންގް، ކަރީނާ ކަޕޫރް، ވިކީ ކޯޝަލް، އާލިއާ ބަޓް، އަނިލް ކަޕޫރް، ބޫމީ ޕެޑްނޭކަރް އަދި ޖާންވީ ކަޕޫރެވެ.

އަންނަ އަހަރުގެ ޑިސެމްބަރު 24 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ތަޚުތު" އަކީ އިންޑިއާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވެސް މަންޒަރުތަކެއް ނަގަން ހަމަޖެހިފައިވާ ފިލްމެކެވެ.

ރިޕޯޓްތައް ބުނާގޮތުން ކޮރޯނާވައިރަހާ ގުޅިގެން މި ވަގުތު ބޮލީވުޑްގައި މަސައްކަތްތައް ހުއްޓިފައިވާ ބޮޑެތި ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" އާއި ސަލްމާން ޚާންގެ "ރާދޭ" އާއި ކާތިކް އާރިޔަންގެ "ބޫލް ބުލައްޔާ 2" ހިމެނެ އެވެ. މި ފިލްމުތަކަކީ މި އަހަރު ސިނަމާތަކަށް ގެންނާނެ ފިލްމުތަކެވެ.