Roadha Mihaaru
ކަރަންގެ "ތަޚުތު" ބޮއިކޮޓްކުރަން ގޮވައިލަން ފަށައިފި

ކަރަން ޖޯހަރްގެ "ތަޚުތު" ބޮއިކޮޓްކުރަން ގޮވައިލަން ފަށައިފި

26 ފެބުރުއަރީ 2020

ކަރަން ޖޯހަރްގެ ތާރީހީ ބޮޑު ފިލްމު "ތަޚުތު" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަނިކޮށް މި ފިލްމާ ދެކޮޅަށް ބަޔަކު އަޑުއުފުލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރްގެ ތާރީހީ ބޮޑު ފިލްމު "ތަޚުތު" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަނިކޮށް މި ފިލްމާ ދެކޮޅަށް ބަޔަކު އަޑުއުފުލަން ފަށައިފި އެވެ.

މީޑިއާތަކުން ބުނިގޮތުގައި މައްސަލައަކަށްވެގެން އުޅެނީ އެ ފިލްމުގެ ޑައިލޮގްތަކުގައި ހިއްސާވާ ލިޔުންތެރިޔާ ހުސައިން ހައިދަރީ ހިންދޫންނާ ދެކޮޅަށް ކުރި ޓްވީޓެއްގެ މައްސަލާގައި ހިންދޫން ރުޅިގަދަވުމެވެ. އެ ޓްވީޓްގައި ހުސައިން ވަނީ ދެ ލަފުޒެއް ވަރަށް މުހިއްމު ކަމަށާއި ކިޔަންވީހާ ވެސް އެއްޗަކީ "ހިންދޫ ޓެރިސްޓް" ކަމަށް ބުނެ އެ ލަފުޒު ތަކުރާރުކޮށް އޭނާގެ ޓްވީޓްގައި ލިޔެފަ އެވެ.

މި މައްސަލާގައި ރުޅި ގަދަވި ގިނަ ބަޔަކު ވަނީ ކަރަންގެ ފިލްމުން ހުސައިން ވަކިކުރުމަށާއި އެހެން ނޫން ނަމަ އެ ފިލްމު ބޮއިކޮޓްކުރަން ގޮވައިލާ އަޑުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. ޓްވީޓްގެ މައްސަލަ ހޫނުވުމުން ހުސައިން އެ ޑިލީޓްކުރި ނަމަވެސް މިކަމާ ބެހޭ ގޮތުން ކަރަން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު ވަރަށް ގިނަ ބަޔަކު ހުސައިންގެ ޓްވީޓާ ދޭތެރޭ ހިތްހަމަނުޖެހިގެން ޓްވިޓާގައި ޝުއޫރުތައް ފާޅުކުރަމުންދާ އިރު އެ މީހުން އަންނަނީ "ތަޚުތު" އާ ދެކޮޅަށް #ބޮއިކޮޓްގެ ނަމުގައި ކެމްޕޭން ކުރަމުންނެވެ.

މި ފިލްމަކީ އިންޑިއާގައި ކުރިން އޮތް މުގާލް ރަސްކަމަށް ބިނާކޮށް ހަދާ ފިލްމެކެވެ. ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ތާރީހީ ފިލްމު "ތަޚުތު" ގެ ތަރިންނަކީ ކަރީނާ ކަޕޫރާއި ރަންވީރު ސިންގާއި އަނިލް ކަޕޫރާއި އާލިއާ ބަޓާއި ވިކީ ކޯޝަލާއި ޖާންވީ ކަޕޫރްގެ އިތުރުން ބޫމީ ޕެޑްނޭކަރެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ސުމިތު ރޯއި ލިޔެފައިވާ އިރު، ޑައިލޮގްތައް ލިޔެފައި ވަނީ އޭނާ އާއި ހުސައިން ގުޅިގެންނެވެ.

"ތަޚުތު" އަކީ އަންނަ އަހަރުގެ ޑިސެމްބަރު 21 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމެކެވެ.