Roadha Mihaaru
މާރުކޭޓު ތިން ބުރިއަށް: ކައުންސިލަރުން ވާނުވާގައި!

މާރުކޭޓު ތިން ބުރިއަށް: ކައުންސިލަރުންނަށް ވާނުވާއެއް ނޭނގޭ!

05 ޑިސެމްބަރ 2019

ދަތުރުވެރިންގެ މާރުކޭޓު މަރަމާތު ކުރުމަށް ބަންދު ކުރިތާ ތިން މަސް ވެފައިވާއިރު މާރުކޭޓުގެ މަސައްކަތްތައް މިވަނީ މަޑުޖެހިފަ އެވެ. މިކަމާ ގުޅޭގޮތުން އާންމު ރައްޔިތުންނާއި މާރުކޭޓުގައި ކުރިން ވިޔަފާރި ކުރި މީހުން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު ސިޓީ ކައުންސިލް އަދިވެސް އޮތީ އެތެރޭގެ ހަމަނުޖެހުމެއްގެ ތެރޭގަ އެވެ. ކައުންސިލްގެ ނިންމުންތައް ކައުންސިލް މެމްބަރުންނަށް ވެސް ނޭނގެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދަތުރުވެރިންގެ މާރުކޭޓު މަރަމާތު ކުރުމަށް ބަންދު ކުރިތާ ތިން މަސް ވެފައިވާއިރު މާރުކޭޓުގެ މަސައްކަތްތައް މިވަނީ މަޑުޖެހިފަ އެވެ. މިކަމާ ގުޅޭގޮތުން އާންމު ރައްޔިތުންނާއި މާރުކޭޓުގައި ކުރިން ވިޔަފާރި ކުރި މީހުން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު ސިޓީ ކައުންސިލް އަދިވެސް އޮތީ އެތެރޭގެ ހަމަނުޖެހުމެއްގެ ތެރޭގަ އެވެ. ކައުންސިލްގެ ނިންމުންތައް ކައުންސިލް މެމްބަރުންނަށް ވެސް ނޭނގެ އެވެ.

ދެ ފަހަރެއްގެ މަތިން މާރުކޭޓުގެ ގޮޅިތަކުގެ އަދަދަށް ބަދަލު ގެނެސްފައިވާއިރު އަދިވެސް އެ ގޮޅިތަކުގެ އަދަދު ކައުންސިލް މެމްބަރުންނަށް ޔަގީނެއް ނުކުރެވެ އެވެ. ކައުންސިލް މެމްބަރު މުހައްމަދު ފަޒީން ވިދާޅުވާ ގޮތުގައި ގޮޅިތަކުގެ އަދަދު ނުނިންމިގެން އުޅެނީ މޭޔަރު ޝިފާ މުހައްމަދުގެ ސަބަބުންނެވެ. ޝިފާ ބޭނުންވަނީ ގިނަ ގޮޅިތައް ކަމަށާއި އެގޮތަށް ޕްލޭން ތައްޔާރުކޮށްފި ނަމަ ގޮޅިތައް ވަރަށް ބޮޑުތަން ކުޑަ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޮޅިތަކުގެ އަދަދުގެ ވާހަކަތަކުން އަރައިނުގެނެވެނީސް މިހާރު މިވަނީ މާރުކޭޓު ތިން ބުރިއަށް ހަދާ ވާހަކަ ފެންމަތިވެފަ އެވެ. ރައްޔިޔުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ހާޒިރުވި މެމްބަރުން ވިދާޅުވި ގޮތުގައި އެފަދަ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. ނަމަވެސް މިކަމުގެ ޔަގީންކަމެއް އެއްވެސް މެމްބަރަކު ދީފައެއް ނުވެ އެވެ. މި ޕްލޭން ހިޔާލީ ކުރެހުމެއްގެ ގޮތުގައި ފަޒީން ސިފަކޮށްފައިވާއިރު ގިނަ މެމްބަރުން މިކަމާ ދެކޮޅެވެ.

މާރުކޭޓުގެ އެތެރެ: މަސައްކަތް މަޑު ޖެހިފައިވަނީ ކައުންސިލްގެ ދެބަސްވުންތަކާ ގުޅިގެން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މާރުކޭޓުގެ އެތެރެ: މަސައްކަތް މަޑު ޖެހިފައިވަނީ ކައުންސިލްގެ ދެބަސްވުންތަކާ ގުޅިގެން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ގިނަ މެމްބަރުން ދެކޭގޮތުގައި މާރުކޭޓުގެ މަސައްކަތް އެންމެ އަވަހަށް ނިމޭނީ ކައުންސިލްގެ މެޖޯރިޓީ މެމްބަރުންގެ ނިންމުމާ އެއްގޮތަށް ކަންތައް ކުރުމުންނެވެ. ތިން ބުރިއަށް މާރުކޭޓު ނެގުމަކީ ބޭކާރު ހަރަދުތަކެއް ކަމަށް ވެސް ބައެއް މެމްބަރުން ދެކެ އެވެ.

"އަންނަ އަހަރުގެ ތެރޭގައި ލޯކަލް މާރުކޭޓު ހުންނަތާގައި ޒަމާނީ ފެންވަރުގެ މާރުކޭޓެއް އަޅަން ވަނީ ނިންމާފައި. ދެން ހުރި ހުރިހާ މާރުކޭޓަކީ ވެސް ވަގުތީ ތަންތަން. މި ތަންތަނަށް އެހާ ބޮޑެތި ހަރަދުނުކޮށް ބަލަންވީ ވީހާވެސް އަވަހަށް މަސައްކަތް ނިންމާ ރައްޔިތުންނަށް ހިދުމަތް ދެވޭތޯ،" ކައުންސިލް މެމްބަރު ފަޒީން ވިދާޅުވި އެވެ.

ފަޒީން ވިދާޅުވި ގޮތުގައި މާރުކޭޓުން ގޮޅި ދޫކުރުމުގައި ޕޮއިންޓް ދޭ އުސޫލަށް ވެސް ވަނީ ބަދަލުތައް ގެނެސްފަ އެވެ. މި ބަދަލުތައް ގެނެސްފައި ވަނީ އޭނާ ރަށުން ބޭރުގައި ހުއްޓާކަމަށް ވިދާޅުވި އެވެ. މިި ވާހަތަކަށް ބާރުދީ ކައުންސިލް މެމްބަރު އަހުމަދު ނިޔާޒު ވެސް ވަނީ ކައުންސިލުން ނިންމާ ބައެއް ނިންމުންތައް ތަންފީޒު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ މަޖިލިސް ކޮމިޓީ އަށް މޭޔަރު ޝިފާ ވަޑައިގެންފައި ނުވާއިރު އެންމެ ފަހުން ސިޓީ ކައުންސިލާއި މަޖިލިސް މެމްބަރުން ބައްދަލު ކުރެއްވި ދުވަހު ވެސް މޭޔަރާއި އެހެން ބައެއް މެމްބަރުންނާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.

މާރުކޭޓަށް ބޮޑެތި ބަދަލުތައް ގެންނަން ކައުންސިލުން ނިންމާފައިވާއިރު އެ ޕްލޭން ތައްޔާރު ކުރެވޭނެ ދުވަހެއް ވެސް އަދި އެ ޕްލޭނަށް ފަންޑު ހަމަޖެހޭނެ ގޮތެއް ވެސް ނުހޯދޭ ކަމަށް ކައުންސިލް މެމްބަރުން ވިދާޅުވި އެވެ. މާރުކޭޓު ހުޅުވާނެ ދުވަހެއް ވެސް އަދި ކައުންސިލަށް ޔަގީނެއް ނޫނެވެ.