Roadha Mihaaru
އެޗްޑީއެފްސީން ލޯނު ދެނީ އެންމެ 11 ރަށަށް: އަސްލަމް

އެޗްޑީއެފްސީން ލޯނު ދެނީ ރާއްޖޭގެ އެންމެ 11 ރަށަށް: އަސްލަމް

09 ޑިސެމްބަރ 2019

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ލޯނު ދެނީ ރާއްޖޭގެ އެންމެ 11 ރަށަކަށް ކަމަށާއި އެކަހަލަ ތަފާތު ކުރުންތައް ނައްތާލެވޭނީ، ރަށްރަށާ ގުޅޭ މައުލޫމާތު އެންމެ ފުރިހަމައަށް އެއްކުރެވިގެން ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ލޯނު ދެނީ ރާއްޖޭގެ އެންމެ 11 ރަށަކަށް ކަމަށާއި އެކަހަލަ ތަފާތު ކުރުންތައް ނައްތާލެވޭނީ، ރަށްރަށާ ގުޅޭ މައުލޫމާތު އެންމެ ފުރިހަމައަށް އެއްކުރެވިގެން ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ޔޫއެންޑީޕީން ތައްޔާރުކުރި ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސްގެ ރިޕޯޓް ނެރެން ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ރަށްރަށުގެ ރައްޔިތުންނަށް ގެދޮރު އަޅަން ބޭނުންވާ ލޯނު ވެސް ނުލިބެނީ، ރަށްރަށުގެ ބިމުގެ އަގު ވަޒަން ނުކުރެވުމުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގައި ގެދޮރުގެ މައްސަލަ ހުރިހާ ހިސާބެއްގައި ވެސް އެބަ އޮތެވެ. ގެދޮރު އަޅަން ބޭނުންވާ ފައިސާ، ފަސޭހަކޮށް ނުލިބުމަކީ އޭގެ އެންމެ ބޮޑު ހުރަހެވެ.

ގެދޮރުގެ ކަންކަމަށް އެންމެ ގިނައިން ލޯނު ދޭ އެއް ބަޔަކީ އެޗްޑީއެފްސީ އެވެ.

މާލީ ގޮތުންނާއި އެހެން ދާއިރާތަކުން ރާއްޖޭގައި އެކި މީހުންގެ މެދުގައި ހުރި ތަފާތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، އަސްލަމް މިސާލު ނެންގެވީ ހަމައެކަނި އެޗުޑީއެފްސީގެ ލޯނުތަކުން އެކަންޏެއް ނޫނެވެ. އޭނާ ވަނީ ދަތަރުފަތުރުކުރުމާއި އަންހެނުންނަށް ލިބެން ހުރި ފުރުސަތުތަކުން ވެސް ބައެއް މިސާލުތައް ދައްކަވައިފަ އެވެ.

އަސްލަމް ވިދާޅުވީ އަންހެނުންނަށް މެނޭޖްމެންޓް ލެވެލްގައި ހުރި ފުރުސަތުތައް ވަރަށް ހަނި ކަމަށެވެ. ސިޔާސަތުތައް އެކުލަވާލުމުގައި އަންހެނުންގެ ބައިވެރިވުން އުޅެނީ 20 ޕަސެންޓަށް ވުރެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ރަށްރަށުގެ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދޭން ދަތުރުފަތުރުގެ ފުރިހަމަ ނިޒާމެއް ވެސް ގާއިމް ކުރަން ޖެހެ އެވެ. އެކަމަށްޓަކައި އަންނަ އަހަރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމާ ބެހޭ ގޮތުން އޭނާ ވާހަކަ ދެއްކެވި އެވެ.

ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސް ފޮތް ނެރެދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިއުމަން ޑިވެލޮޕްމެންޓް އިންޑެކްސް ފޮތް ނެރެދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިއީ މި ސަރުކާރުން ހިންގާނެ އެންމެ ބޮޑު އެއް ޕްރޮޖެކްޓް. މި ސިސްޓަމުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އެންމެ ޒަމާނީ ފެރީ ބޯޓުތަކުގައި ދަތުރުކުރެވޭނެ ގޮތް ހަދާނަން،" އޭނާ ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި މި ނިޒާމް ގާއިމްކުރާނީ، ދެން އަންނަ ސަރުކާރަކަށް "ނުހުއްޓުވޭހާ ފުރިހަމައަށެ"ވެ.