Roadha Mihaaru
ޝަޒައިލް ސަސްޕެންޝަންގައި ހުންނަތާ އަހަރެއް!

ޝަޒައިލް ސަސްޕެންޝަންގައި ހުންނަތާ އަހަރެއް!

27 އޮކްޓޯބަރ 2020

ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތާ އެކު މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޑް ކޮށްފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތާ އެކު މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޑް ކޮށްފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މުސާރަ ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑްކުރީ، ރައީސް އޮފީހުން ހުޅުވާލާފައިވާ "ޒީރޯ ޓޮލެރެންސް ޓު ދަ ކޮރަޕްޝަން" އަށް ލިބިފައިވާ ސީރިއަސް ޝަކުވާތަކަކާ ގުޅިގެންނެވެ.

ޝަޒައިލަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު އޭސީސީން ފަށައި އޭނާގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ. އެކަމަކު މިހާތަނަށް އެއްވެސް އިދާރާއަކުން އެންގުމެއް އަންގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ޝަޒައިލަށް ތުހުމަތުކުރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަ ޕްރައިސަސް (އެސްއޯއީ) ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލުކުރި އެވެ. އެއީ، މޯލްޑިވް ގޭހަށް އަގުބޮޑުކޮށް ގޭސް ގަންނަ ކަމަށް ބުނެ މީހަކު ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ.

ކޮރަޕްޝަންގެ ތުހުމަތުކުރިއަސް އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށް ޝަޒައިލް ވަނީ ވިދާޅުވެފަ އެވެ.

ޝަޒައިލް ވަނީ 2013 ވަނަ އަހަރު ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަން ކުރައްވައިފަ އެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އެވެ. އޭޕްރީލް 12، 2017 ވަނަ ދުވަހު މަގާމުން ވަކިކުރެއްވިއިރު އޭނާ ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. އޭނާ އެ މަގާމުން ވަކިކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރެއްވުން ހުއްޓާލައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނާ ގުޅިވަޑައިގަތުމުންނެވެ. އޭނާ މަގާމަށް ވަޑައިގަތީ އެމްއާރުއެމްގެ ސްލޮޓެއްގަ އެވެ.

ޝަޒައިލަށް ތުހުމަތުކުރި ފަދަ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރެއްވުމުގެ ތުހުމަތު ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) އަށް ވެސް ވަނީ ކޮށްފަ އެވެ. ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓެއް ނެގުން، ޕާކަވަން ކުންފުންޏާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ބޯޓު ނެގުން، ދައުލަތަށް ގެއްލުންވާ ގޮތަށް ބަޔަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލަ އެސްއޯއީ ކޮމިޓީން ވެސް ވަނީ ބަލައިފަ އެވެ. ކޮމިޓީން ނިންމާފައި ވަނީ ބޯޓް ނައްތާލުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފައިނުވާ އިރު ގަވައިދާ ހިލާފަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބޫ އަމަލުކުރައްވާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައި އިހުމާލު ވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ޕީސީބީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓްރީ އަށް އެންގުމަށް ވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.