Roadha Mihaaru
ރާއްޖެ-އިންޑިއާގެ މަޝްރޫއުތައް އަވަސް ކުރުމުގެ މަޝްވަރާ

ރާއްޖެ އާއި އިންޑިިއާ ގުޅިގެން ހިންގާ މަޝްރޫއުތައް އަވަސްކުރަން މަޝްވަރާ ކޮށްފި

12 ޑިސެމްބަރ 2019

ރާއްޖެ އާއި އިންޑިއާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތައް އަވަސްކުރުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލްއާ އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖެ އާއި އިންޑިއާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތައް އަވަސްކުރުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލްއާ އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.

ޝާހިދު، މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވީ ރާއްޖެ-އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަށް އިންޑިއާ އަށް އިއްޔެ ފެއްޓެވި ދަތުރުގައި ފޮރިން ސެކްރެޓަރީއާ އެކު ބޭއްވި މަޝްވަރާތަކުގަ އެވެ.

ނިއު ދިއްލީގައި ދެބޭފުޅުން ބޭއްވި މި ބައްދަލުވުމުގައި، އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވި އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ކުރި ޓްވީޓެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވެރިކަމާ ހަވާލުވެޑައިގެންނެވި ފަހުން، ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެ، ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ގިނަ ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ. ޚާއްސަކޮށް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި އެހީތެރިވުމަށް ރާއްޖެ އާއި އިންޑިއާ އިން ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ވެސް އިންޑިއާ އަށެވެ. އެ ދަތުރުފުޅުގައި ވަނީ އިންޑިއާ އިން ވަނީ ރާއްޖެ އަށް 1.4 ބިލިއަން ރުފިޔާގެ އެހީ ދޭން އެއްބަސްވެފަ އެވެ. އޭގެ ތެރެއިން 200 މިލިއަން ޑޮލަރަކީ ބަޖެޓް ސަޕޯޓެވެ. އަނެއް ބަޔަކީ ޓީބިލަށް ކުރާ ހަރަދެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިދިޔަ ހަފުތާގެ ބުދަ ދުވަހު ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި އިންޑިއާ އިން ވަނީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީވެދޭނެކަން އިއުލާން ކޮށްފަ އެވެ. އޭގެ ތެރޭގައި މާލޭގެ މަގުތަކުގައި ޖަހާފައިވާ ލައިޓްތައް ލެޑް ލައިޓަށް ބަދަލުކުރުމާއި ތިން މަސް ފެކްޓަރީ އަޅައި ދިނުމާއި ރުޕޭ ކާޑު ތައާރަފު ކުރުން އަދި ކޯސްޓް ގާޑް އުޅަނދެއް ދިނުން ހިމެނެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބުދަ ދުވަހު ބޭއްވެވި ވީޑިއޯ ކޮންފަރެންސް ގައި މޯދީ ވަނީ އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި ކެންސަރުގެ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް ބިނާ ކުރާނެ ކަން ވެސް އިއުލާން ކުރައްވައިފަ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީއާ އެކު މިނިސްޓަރު ޝާހިދު އިއްޔެ ބޭއްވި ބައްދަލުވުމުގައި، މާދަމާ އޮންނަ ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުމާ ގުޅޭ މައުލޫމާތު ވެސް ހިއްސާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖެ އާއި އިންޑިއާ ދެމުދު ޖޮއިންޓް ކޮމިޝަނެއް އުފެއްދީ 1986 ގަ އެވެ. އެއީ، އިގްތިސާދީ ގޮތުންނާއި ފަންނީ ގޮތުން އެއް ގައުމު އަނެއް ގައުމަށް އެހީތެރިވެދިނުމަށެވެ. އެ ކޮމިޝަނުގެ ބައްދަލުވުމެއް އެންމެ ފަހުން ބޭއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެމްބަރުންގެ މައްޗަށް ހިމެނޭ 15 ބޭފުޅުންގެ ވަފްދެއް ވަނީ އިންޑިއާ އަށް މިދިޔަ އާދިއްތަ ދުވަހު ފުރައިފަ އެވެ. މިއީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ، ލޮކް ސަބާއާ އެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ކުރެއްވި ދަތުރެކެވެ.