Roadha Mihaaru
ސީރިޔާގައި ދިން އިންޓަވިއުއާ އެކު އިމްރާންގެ އިންޒާރެއް

ސީރިޔާގައި ދިވެހި ބަހުން ދިން އިންޓަވިއުއަކާ އެކު އިމްރާންގެ އިންޒާރެއް

13 ޑިސެމްބަރ 2019

ހަނގުރާމައިގައި ބައިވެރިވުމަށް ސީރިޔާގައި ހުރި ދިވެއްސަކު، އައިއެސްގެ ޕްރޮޕެގަންޑާ ފަތުރާ މީޑިއާއަކަށް ދިން އިންޓަވިއުއަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންޒާރެއް ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަނގުރާމައިގައި ބައިވެރިވުމަށް ސީރިޔާގައި ހުރި ދިވެއްސަކު، އައިއެސްގެ ޕްރޮޕެގަންޑާ ފަތުރާ މީޑިއާއަކަށް ދިން އިންޓަވިއުއަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންޒާރެއް ދެއްވައިފި އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ގޮތަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ދިވެހިން މަސައްކަތް ކުރުމަކީ ސަރުކާރުން އަޅާނުލައި ދޫކޮށްލާނެ ކަމެއް ނޫން ކަމަށެވެ. ޓެރަރިޒަމްގެ ނުރައްކަލުން ދިވެހި ގައުމު ސަލާމަތްކުރަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުންގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާންގެ ޓްވީޓް

ސީރިޔާގައި ހަރަކާތްތެރިވާ "އޮން ދަ ގްރައުންޑް ނިއުސް" އާ ދިވެހި ބަހުން ވާހަކަދައްކަމުން އޭނާ ބުނީ މީގެ ދެ އަހަރު ކުރިން އެ ގައުމަށް ދިޔައީ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ކަމަށެވެ.

އޭނާ ވަނީ ސީރިޔާގެ ހަނގުރާމައަށް ގޮސް އުޅޭ ދިވެހިންގެ އަދަދާ މެދު ސިިޔާސީ އެކި ފަރާތްތަކުން ހަދަނީ ދޮގެއް ކަމަށް ބުނެފަ އެވެ. އެކަމަކު ސީރިޔާގައި ކިހާ ދިވެހިންނެއް އުޅޭކަން އޭނާއަށް ވެސް ބުނާކަށް ނޭނގެ އެވެ.

ޓެރަރިޒަމްގެ ގާނޫނަށް މި ފަހުން މަޖިލީހުން ގެނައި އިސްލާހުގެ ދަށުން މުޅި ސީރިއާއަކީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި ޓެރަރިސްޓް ޖަމާއަތުގެ ގޮތުގައި 19 ޖަމާއަތެއް ކަނޑައަޅާފައިވެ އެވެ.

އެގޮތަށް ހަމަޖެއްސުމުން ސީރިޔާއަށް ދާ ކޮންމެ ދިވެއްސަކާ މެދު ވެސް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ފުރުސަތު އޮވެ އެވެ.