Roadha Mihaaru
ދިވެހިންނަށް ކެރަލާއިން މަތީ ތައުލީމުގެ ފުރުސަތުތަކެއް

ކެރަލާގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު: ދިވެހިންނަށް މަތީ ތައުލީމުގެ ގިނަ ފުރުސަތުތައް އެބަހުރި

17 ޑިސެމްބަރ 2019

މަތީ ތައުލީމު ހާސިލްކުރަން އިންޑިއާގެ ކެރަލާ ސްޓޭޓުގައި ގިނަ އަދަދެއްގެ ފުރުސަތުތައް އެބަހުރި ކަމަށް އެ ސްޓޭޓްގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކޭޓީ ޖަލީލް ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މަތީ ތައުލީމު ހާސިލްކުރަން އިންޑިއާގެ ކެރަލާ ސްޓޭޓުގައި ގިނަ އަދަދެއްގެ ފުރުސަތުތައް އެބަހުރި ކަމަށް އެ ސްޓޭޓްގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ކޭޓީ ޖަލީލް ވިދާޅުވެއްޖެ އެވެ.

ކެރަލާގައި މަތީ ތައުލީމް ހާސިލް ކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ދެއްވަމުން ޖަލީލް ވިދާޅުވީ ގައުމެއް ކުރިއަރައިދާނީ ތައުލީމީ ގޮތުން ކުރިއަރައިގެން ކަމަށާއި އެކަމުގައި ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ކެރެލާ އަކީ ހުރިހާ ގޮތަކުން ބެލިއަސް އިންޑިއާގެ އެންމެ ތަފާތު ސްޓޭޓް ކަމަށާއި ދިވެހި ދަރިވަރުން ކިޔަވަން ބޭނުންވާ ހުރިހާ ކޯހެއް ވެސް އެ ސްޓޭޓުން ކިޔެވެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަލީލް ވިދާޅުވީ އިންޑިއާގެ އެކެޑެމިކް ހަބެއްގެ ގޮތުގައި ކެރަލާ ތަރައްގީ ކުރުމަށް ނިންމާފައިވާއިރު އެ ސްޓޭޓުގެ ޔުނިވާސިޓީތަކުންނާއި ކޮލެޖުތަކުން ތައުލީމް ހާސިލްކުރާ ދަރިވަރުންނަކީ ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލު ކުރާ ފެންވަރުގެ ދަރިވަރުން ކަމަށެވެ. އަދި ކުރު މުއްދަތަކަށް ކޯސް ހަދަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއިން ޑިޕްލޮމާ ނިންމާ ދަރިވަރުންނަށް ކެރަލާގައި ތިން އަހަރު ތެރޭ ޑިގްރީ ނިންމާލެވޭނެ. އަދި ޕޮލިޓެކްނިކުން ނިންމާ ދަރިވަރުންނަށް އިންޖިނިއަރިންގެ ދާއިރާއިން ގިނަ ފުރުސަތުތަކެއް ވެސް އެބަހުރި. މިއީ މިހާރު ވަރަށް ގިނަ ކުދިން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް." ޖަލީލް ވިދާޅުވި އެވެ.

ކެރަލާގައި ހުރި މަތީ ތައުލީމުގެ ފުރުސަތުތައް ކިޔައިދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކެރަލާގައި ހުރި މަތީ ތައުލީމުގެ ފުރުސަތުތައް ކިޔައިދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކެރަލާއިން ރާއްޖެއަށް ޒިޔާރަތް ކުރި ޑެލިގޭޝަނުން ވަނީ ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރާއި ކޮލެޖް އަދި ޔުނިވާސިޓީތަކުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ދަރިވަރުން ކުރު މުއްދަތުގެ ކޯސްތަކަށް ޝައުގުވެރިވާކަން ފާހަގަކުރެވުނު ކަމަށް ކެރަލާގެ ޑެލިގޭޝަނުން ބުންޏެވެ.

މި ފުރުސަތު ދަރިވަރުންނަށް ހޯދައި ދިނުމަށް ދިވެހިން އާންމުކޮށް ޒިޔާރަތް ކުރާ ސަރަހައްދުތަކުގައި ސްކިލް ޓްރެއިނިން ސެންޓަރުތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އެގޮތުން، ދިވެހިން އެންމެ ގިނައިން ޒިޔާރަތް ކުރާ ކޮޗިންގެ ހޮސްޕިޓަލްތައް ކައިރީގައި މިފަދަ ސެންޓަރުތައް ހުންނާނެ ކަމަށް ކެރަލާގެ ޑެލިގޭޝަނުން ބުންޏެވެ.

ކެރަލާގައި ހުރި މަތީ ތައުލީމުގެ ފުރުސަތުތައް ކިޔައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ސްކޫލް ސްކޫލް ދަރިވަރުން ބައިވެރިވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ކެރަލާގައި ހުރި މަތީ ތައުލީމުގެ ފުރުސަތުތައް ކިޔައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ސްކޫލް ސްކޫލް ދަރިވަރުން ބައިވެރިވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މަތީ ތައުލީމް ހާސިލް ކުރުމަށް ކެރަލާއިން ފުރުސަތު ހުޅުވާލާފައިވާ ބައެއް ދާއިރާތައް

- އާޓިފިޝަލް އިންޓެލިޖެންސް

- ފެޝަން ޑިޒައިނިން

- މެޑިސިން ( އަޔުވްރެދިކް އަދި ވެސްޓަން)

- ސްޕޯޓްސް ޕްރޮގްރާމްތައް

- އިންޖިނިއަރިން

- ކޯޑިން ސްކިލްސް

މީގެ އިތުރުން ބޮޑު އޯޑިއެންސެއް ކުރިމަތީގައި ވާހަކަ ދައްކަން ނުކެރޭ މީހުންނަށާއި އިނގިރޭސިން ވާހަކަދައްކަން އުނދަގޫ މީހުންނަސް ހާއްސަ ޕްރޮގްރާމްތަކާއި ޓީޒަރުންނަށް ހާއްސަ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދާ ކަމަށް ޖެރަލާގެ ޑެލިގޭޝަނުން ބުންޏެވެ.

ކެރަލާއަކީ އިންޑިއާގެ އިގްތިސާދީ ގޮތުންނާއި ތައުލީމީ ގޮތުން އެންމެ ކުރިއަރާފައިވާ ސްޓޭޓެވެ. އިންޑިއާއަށް ދާ ގިނަ ދިވެހިން ސިއްހީ ހިދުމަތް ހޯދަން އެންމެ ބޮޑަށް ބަރޯސާ ވަނީ ކެރަލާގެ ހޮސްޕިޓަލްތަކަށެވެ. އެހެންކަމުން ސިއްހީ ދާއިރާއިން އެ ސްޓޭޓަށް ކުރާ އިތުބާރު ތައުލީމީ ގޮތުން ވެސް ކުރުމަށް ކެރަލާގެ ހަޔާ އެޑިއުކޭޝަނުން ވަނީ އެދިފަ އެވެ.

ކެރަލާގެ ޑެލިގޭޝަނުން މައުލޫމާތު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ސީއެޗްއެސްއީ އާއި ވިލާ ހައި ސްކުލާއި އަހުމަދިއްޔާގެ ދަރިވަރުންނާއި މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވެވަޑައިގަތެވެ.