Roadha Mihaaru
މޯދީއަށް ހާސްކަމެއް ނެތް! ގޯސްކުރެއްވީ އިދިކޮޅު!

މޯދީއަށް ހާސްކަމެއް ނެތް! ގޯސްކުރެއްވީ އިދިކޮޅު!

18 ޑިސެމްބަރ 2019

އިންޑިއާގެ ސިޓިޒަންޝިޕް ގާނޫނާ ދެކޮޅަށް އެކި ހިސާބުތަކުގައި މުޒާހަރާކޮށް، ހަމަނުޖެހުން ހިންގާ އިރު ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުންނެވީ އެއްވެސް ވަރަކަށް ގޮތްދޫކުރައްވާ ގޮތަށް ނޫން ކަމަށް، މީޑިއާތަކުން ބުނެފި އެވެ.

އިންޑިއާގެ ސިޓިޒަންޝިޕް ގާނޫނާ ދެކޮޅަށް އެކި ހިސާބުތަކުގައި މުޒާހަރާކޮށް، ހަމަނުޖެހުން ހިންގާ އިރު ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުންނެވީ އެއްވެސް ވަރަކަށް ގޮތްދޫކުރައްވާ ގޮތަށް ނޫން ކަމަށް، މީޑިއާތަކުން ބުނެފި އެވެ.

މުޒާހަރާތަކުގައި މިހާތަނަށް ހަ މީހަކު ވަނީ މަރުވެފަ އެވެ. ވެރިރަށް ނިއު ދިއްލީގައި މުސްލިމުންގެ އާބާދީ ބޮޑު ބައެއް ސަރަހައްދުތަކުގައި ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތައް ވެސް ހިނގި އެވެ.

ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މޯދީ އިއްޔެ ވިދާޅުވީ އެ ގާނޫނުގެ ސަބަބުން އިންޑިއާގެ އެއްވެސް ރައްޔިތަކަށް، އެއީ ހިންދޫއެއް، މުސްލިމެއް، ކްރިސްޓިއަނެއް އަދި ބުދުދީނުގެ މީހެއް ކަމަށް ވިޔަސް، އަސަރެއް ނުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަމަނުޖެހުންތަކަށް ގޮވާލަނީ އިދިކޮޅު ފަރާތްތަކުންނެވެ.

"އެމީހުން ގެންދަނީ ހަމަނުޖެހުންތަައް އުފައްދަން ދޮގާއި ތާކުންތާކު ނުޖެހޭ ވާހަކަތައް ފަތުރަމުން،" މޯދީ ވިދާޅުވި އެވެ.

އިދިކޮޅަށް ލިބިފައިވާ ހުރިހާ ވަސީލަތެއް ބޭނުކޮށްގެން މަސައްކަތްކުރަނީ، ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، މީހުންނަށް މުޅިން ނުބައި ތަސައްވުރެއް ދައްކައި، މީހުންގެ ވިސްނުން ބަދަލުކޮށްލާށެވެ.

އަވަށްޓެރި ޕާކިސްތާނާއި ބަންގްލަދޭޝް އަދި އަފްގާނިސްތާނުން އިންޑިއާއަށް ގާނޫނާ ހިލާފަށް ވަދެފައިވާ، މުސްލިމުން ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބުމުގެ ފުރުސަތު އާ ގާނޫނުން ދެ އެވެ. ފާޑުކިއުންތެރިންނާއި އިންޑިއާގެ މުސްލިމުން ގަބޫލުކުރަނީ އެއީ ސީދާ މުސްލިމުންނަށް އަމާޒުކޮށް ހެދި ގާނޫނެއް ކަމަށެވެ.

ސިޓިޒަންޝިޕް ގާނޫނާ ދެކޮޅަށް އިންޑިއާގައި އަޑުއުފުލަނީ: ސަރުކާރު އޮތީ ގޮތްދޫކުރާ ގޮތަކަށް ނޫން

ސިޓިޒަންޝިޕް ގާނޫނާ ދެކޮޅަށް އިންޑިއާގައި އަޑުއުފުލަނީ: ސަރުކާރު އޮތީ ގޮތްދޫކުރާ ގޮތަކަށް ނޫން

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ސިފަކުރި ގޮތުގައި އެ ގާނޫނުގެ މައިގަނޑު ވެސް ބިނާކޮށްފައި އޮތީ ތަފާތުކުރުންތަކުގެ މައްޗަށެވެ.

އިންޑިއާގެ ރައްޔިތަކަށް ވާން މީގެ ކުރިން ވަކި ދީނަކަށް ނިސްބަތްވުން ޝަރުތުކޮށްފައެއް ނުވެ އެވެ. އަދި ވަކި ދީނަކަށް އިސްކަން ދީ، ވަކި ދީނެއްގެ ބަޔަކަށް ފުރުސަތު ހަނިވާ ގޮތަށް އިންޑިއާ ސަރުކާރުން އެއްވެސް ކަމެއް ކުރުމަކީ، ގައުމުގެ ގާނޫނުއަސާސީއާ ވެސް ހިލާފުވުން ކަމަށް، ފާޑުކިއުންތެރިން ބުނެ އެވެ.

އިންޑިއާއަކީ ހަމައެކަނި ހިންދޫންގެ ތަނަކަށް ހެދުމުގެ ފަލްސާގައި މަސައްކަތް ކުރަމުން އަންނަ ބީޖޭޕީން ވެރިކަމަށް އައި ފަހުން މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ވަނީ ގިނަވެފަ އެވެ.

ބާރުގަދަ ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވި ގޮތުގައި މުޒާހަރާކޮށް ހަމަނުޖެހުން ހިންގިޔަސް އޭނާ އާއި ސަރުކާރުގެ އަޒުމް "ހިލަގަނޑެއް ފަދަ" އެވެ.

"ސިޓިޒަންޝިޕް މުުޒާހަރާތަކަށް އަހަރެމެން ބޮލެއް ނުލަނބާނެ، އެ މައުލޫއުއަށް އެނބުރި ދާކަށް ވެސް ނެތިން،" ޝާހު ވިދާޅުވި އެވެ.