Roadha Mihaaru
ދީނީ އެއްބައިވަންތަކަމަށް މަސައްކަތްކުރަން ޖެހޭ:އިމްރާން

ދީނީ އެއްބައިވަންތަކަމަށް އެންމެން މަސަައްކަތް ކުރަން ޖެހޭ: އިމްރާން

26 ޑިސެމްބަރ 2019

ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ދަމަހައްޓަން އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ދަމަހައްޓަން އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަން ތ. ވިލުފުށީގައި ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ މަދު ބަޔަކު ނަމަވެސް އިސްލާމްދީނަށް ފުރައްސާރަކޮށް ނަބިއްޔާ އަށް ކުޑައިމީސް ބަސް ބުނަމުންދާ ކަމަށެވެ. އިސްލާމްދީނާ ދެކޮޅަށް އެމީހުން ފަތުރަމުން ގެންދާ ކަންތައްތަކުން ސަލާމަތްކޮށް، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދީނީ އެއްބައިވަންތަކަން ގެއްލޭ ދެވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރު ދެއްކެވީ އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރާ މައްސަލަ އެވެ.

"ދިވެހިންގެ ތެރެއިން މަދު ބަޔަކު ނަމަވެސް އިސްލާމްދީނަށް ފުުރައްސާރަކޮށް، ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ އަށް ކުޑައިމީސް ބަސް ބުނެ އިސްލާމްދީނާ ދެކޮޅަށް ފަތުރަމުން ގެންދާ ކަންތައްތަކުން ސަލާމަތްކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށް އެެންމެން އެކުގައި އަތުގުޅާލައިގެން މަސައްކަތް ކުރަން ޖެހިފައި ވޭ،" އޭނާ ވިދާޅުވި އެވެ.

ހަރުކަށި ފިކުރަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާ ނުރައްކާތެރި ފިކުރެއް ކަމަށް ސިފަކުރައްވަމުން އިމްރާން ވިދާޅުވީ އެ ފިކުރުން ރައްޔިތުން ސަލާމަތް ކުރުމަކީ ވެސް އެންމެން އެކުގައި ކުރަން ޖެހިފައިވާ މަސައްކަތެއް ކަމަށެވެ.

އެންމެން ގުޅިގެން އެއްބައިވަންތަ ކަމާ އެކު މަސައްކަތް ކޮށްގެން ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށް އޭނާ ސިފަކުރެއްވި އަނެއް ކަމަކީ މަސްތުވާތަކެތީގެ މައްސަލަ އެވެ. އެ ތިން މައްސަލަ އަކީ ވެސް އިޖުތިމާއީ ބޮޑެތި ބަލިތައް ކަމަށް އިމްރާން ވިދާޅުވި އެވެ. އެކަންތައްތައް ހައްލުކުރުމުގައި ރައްޔިތުން ސަރުކާރާ އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިިދާޅުވި އެވެ.

"ގައުމަށް ކުރިމަތިވާ ބޮޑެތި ކޮންމެ ހިތާމަވެރި ހާދިސާއަކުން އަރައިގަނެވޭނީ ހުރިހާ ރައްޔިތުން އެކުވެރިވެ އެއްބާރުލައި އަތުގުޅާލައިގެން،" އިމްރާން ވިދާޅުވި އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ 2004 ވަނަ އަހަރު ރާއްޖެ އާއި އިންޑިއާ ކަނޑުގެ އެހެންް ބައެއް ގައުމުތަކަށް އެރި ސުނާމީއަށް ފަހު ދިވެހިން ދެއްކި އެއްބައިވަންތަކަމާ ގުޅުވައިގެންނެވެ.

ސުނާމީގައި ރާއްޖެ އިން 82 މީހުން މަރުވެ، 26 މީހުން ގެއްލިފައިވެ އެވެ.