Roadha Mihaaru
އައްޑޫގެ ކަންބޮޑުވުންތަކެއް ހޯމް މިނިސްޓަރަށް

އައްޑުއާ ގުޅުން ހުރި ކަންބޮޑުވުންތަކެއް ހޯމް މިނިސްޓަރަށް

15 ޖެނުއަރީ 2020

ރައްކާތެރިކަމާއި ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން އައްޑޫގައި މި ވަގުތު ހުރި މައްސަލަތަކާ ގުޅޭ ގޮތުން އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން މިއަދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ މަޝްވަރާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރައްކާތެރިކަމާއި ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން އައްޑޫގައި މި ވަގުތު ހުރި މައްސަލަތަކާ ގުޅޭ ގޮތުން އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން މިއަދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ މަޝްވަރާކޮށްފި އެވެ.

މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން އޭޑީސީގެ ނައިބު ރައީސް އަހުމަދު ޝަރީފު (ސައިރިކްސް ޝަރީފް) "މިހާރު" އަށް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވަމަކީ އައްޑޫގެ އިޖުތިމާއީ ހާލަތު ދަށްވެ، އަމާންކަމާއި ރައްކާތެރިކަން އެ ސިޓީގައި ކަށަވަރު ނުވުން ކަމަށެވެ. މިއާ އެކު އެފަދަ މައްސަލަތަކާ ހެދި އައްޑޫގެ އިގުތިސާދަށް ވެސް ގޮންޖެހުންތަކެއް ހުރި ކަމަށާއި ތަރައްގީ އާއި ކުރިއެރުމަށް މިސްރާބު ޖަހާ ނަމަ، އެތަނަކަށް އަމާންކަމާއި ސުލްހަމަސަލަކަން އައުމަކީ އެންމެ މުހިއްމު ކަންތައް ކަމަށެވެ.

"މިހާރު އައްޑޫގެ ޓޫރިސްޓް އެނދުތައް ވެސް އިތުރުކުރުމުގެ މަސައްކަތްތަކެއް ވެސް ފެށިފައިވުމާ އެކު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިކަހަލަ ކަންކަމުން ތަރައްގީ އާއި ކުރިއެރުން ލިބޭނީ އިންވެސްޓަރުންނަށް ވެސް އެތަނަކުން ރައްކާތެރިކަން ލިބިގެން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަނުގެ ހަމަޖެހުން ނެތް ނަމަ އެތަނެއްގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ދަށްވެ، ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އެހެންވެ މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާކުރެވުނު ކަމަކީ އައްޑޫގެ ކުށުގެ ވެށި އަމާންކޮށް، ހުރިހާ އެންމެންނަށް ވެސް އުޅެން ރައްކާތެރި ތަނަކަށް އައްޑޫ ހެދުން ކަމަށް ވިދާޅުވި އެވެ.

"މި ވަގުތު އައްޑޫގެ ސޭފްޓީ އާއި ސެކިއުރިޓީއާ ދޭތެރޭ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި. އެކަންކަން ހައްލުކުރަން އެންމެގެން ގުޅިގެން މަސައްކަތްކޮށްފި ނަމަ ނަތީޖާ ނެރެވޭނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަންކަމަށް ރިއާޔަތްކޮށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމާއި އައްޑޫގެ ޖަމިއްޔާ ޖަމާއަތްތަކާ މަޝްވަރާކޮށް އެންމެން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މިނިސްޓަރާ ވާހަކަތަކެއް ހިއްސާކުރެވުނު ކަމަށެވެ.

"މިކަހަލަ ކަންކަމުގައި މިނިސްޓްރީގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ ނަމަ އެންމެން ގުޅިގެން މަސައްކަތްތައް ކުރެވޭނެ. އަޅުގަނޑުމެންގެ ވާހަކަ އަކީ ހަމައެކަނި ސަރުކާރަކަށް މިހެން ހުރި އިޝޫތަކެއް ހައްލެއް ނުކުރެވޭނެ. އެހެންވީމާ މުޅި ކޮމިއުނިޓި އާއި ސަރުކާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްތަކެއް ކުރެވޭ ނަމަ ނަތީޖާ ނެރެވޭނެ،" ޝަރީފް ވިދާޅުވި އެވެ. "މިނިސްޓަރާ އެކު ދެކެވުނު ވާހަކަތައް ވަރަށް ޕޮޒިޓިވްކޮށް ދިޔައީ. އެހެންވީމާ އަޅުގަނޑުމެން އުންމީދުކުރަނީ ކުރިއަށް ވުރެ ރަނގަޅަށް، އައްޑުއާ ގުޅުން ހުރި އިޝޫޒްތަކަށް ވެސް ހައްލުތަކެއް ލިބިގެން ދާނެ ކަމަށް."

އޭޑީސީން ފާހަގަކޮށްފައިވާ ގޮތުގައި އައްޑޫގެ ވެށި އަމާންކުރުމަށްޓަކައި މަގުމަތީގެ ރައްކާތެރިކަމާއި އިޖުތިމާއީ ގޮތުން ވެސް އުފެދިފައިވާ އެކި ކަހަލަ މައްސަލަތަކާ ދެކޮޅަށް އާ ރޫހެއްގައި މަސައްކަތްކުރަން ޖެހެ އެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކާއި އެ ނޫން ކުށްތަކާއި ރިހިބިލިޓޭޝަން ވަސީލަތްތަކާއި ކުށްކުރާ މީހުންނާ ގުޅުން ހުރި ކަންކަން މިހާރަށް ވުރެ ހަރުދަނާކޮށް، އައްޑޫގައި ކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަަމަޖެހިގެން ދިއުން މުހިއްމު ކަމަށް ބުންޏެވެ.

"އިޖުތިމާއި މައްސަލަތައް ބޮޑުވި ވަރަކަށް އެތަނަކަށް އިގުތިސާދީ ގޮތުން އަންނަ ކުރިއެރުންތައް ވެސް މަޑުޖެހޭނެ. އެހެންވީމާ ފާގަތި އަދި އުފާވެރި ދިރިއުޅުމަކަށް އެބަޖެހޭ އަމާންވެއްޓެއް އޮންނަން،" ޝަރީފު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެދުމަކީ އައްޑޫގެ ހުރިހާ ރައްޔިތުން ވެސް ގުޅިގެން މިކަހަލަ މައްސަލަތައް ހައްލުކުރަން މަސައްކަތްކުރުން. އޭރުން ކުރިއެރުމަކަށް ވާނީ."

އޭޑީސީން ބުނި ގޮތުގައި އައްޑު އަށް ސިޓީއެއްގެ ދަރަޖަ ވެސް ލިބިފައިވާ އިރު، ފުރިހަމަ ނަމޫނާ ސިޓީއަކަށް އައްޑޫ ވާނީ ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކާ ވެސް އެކީގަ އެވެ. އަދި އައްޑޫ ސިޓީއެއްގެ ގޮތުގައި އެންމެ ފުރިހަމަ އަށް ހިނގާނީ މިހާރަށް ވުރެ ބޮޑަށް ކައުންސިލްގެ ދައުރު ވެސް ހަރުދަނާވެގެން ކަމަށް އޭޑީސީން ބުންޏެވެ.

"އަލަށް އިންތިހާބުކުރެވޭ ކައުންސިލާ އެކު ހެޔޮ ބަދަލުތަކެއް އައިސް، ސަރުކާރަށް ހަމައެކަނި ބަރޯސާވެގެން މަސައްކަތްކުރުމުގެ ބަދަލުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރާ ތަން ފެނުމަކީ ވަރަށް އުންމީދުކުރެވޭ ކަމެއް،" ޝަރީފު ވިދާޅުވި އެވެ.