Roadha Mihaaru
ސިޓީގެ ދަރަޖައާއެކު ކުޅުދުއްފުއްޓަށް އުފާވެރިކަން

ސިޓީގެ ދަރަޖައާއެކު ކުޅުދުއްފުއްޓަށް އުފާވެރިކަން

01 ޖެނުއަރީ 2020

މީގެ ދެ އަހަރު ކުރިން، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ހދ. ކުޅުދުއްފުށީގެ އާބާދީ 10،000އަށް އެރުމާ އެކު އެ ރަށުގެ ރައްޔިތުން ދެން އިންތިޒާރު ކުރީ ސިޓީއެއްގެ ދަރަޖަ ލިބޭނެ އިރަކަށެވެ. އެކަން ނުވެ ލަސްވަމުން ދާވަރަކަށް ރައްޔިތުންގެ ޝަކުވާ ވެސް ދިޔައީ އިތުރުވަމުންނެވެ. އެކަމަކު އެއީ އިއްޔެއާ ހަމައަށެވެ. ރާއްޖޭގެ ހަތަރު ވަނަ ސިޓީގެ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ކުޅުދުއްފުށި ކަނޑައެޅުއްވުމާއެކު އެ ރަށަށް ވަނީ އާ ދިރުމެއް އައިސްފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މީގެ ދެ އަހަރު ކުރިން، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ހދ. ކުޅުދުއްފުށީގެ އާބާދީ 10،000އަށް އެރުމާ އެކު އެ ރަށުގެ ރައްޔިތުން ދެން އިންތިޒާރު ކުރީ ސިޓީއެއްގެ ދަރަޖަ ލިބޭނެ އިރަކަށެވެ. އެކަން ނުވެ ލަސްވަމުން ދާވަރަކަށް ރައްޔިތުންގެ ޝަކުވާ ވެސް ދިޔައީ އިތުރުވަމުންނެވެ. އެކަމަކު އެއީ އިއްޔެއާ ހަމައަށެވެ. ރާއްޖޭގެ ހަތަރު ވަނަ ސިޓީގެ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ކުޅުދުއްފުށި ކަނޑައެޅުއްވުމާއެކު އެ ރަށަށް ވަނީ އާ ދިރުމެއް އައިސްފަ އެވެ.

"ހަގީގަތުގައި ވެސް ވަރަށް އުފާވެރި ދުވަހެއް މިއީ،" ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވި އެވެ.

"ކުޅުދުއްފުއްޓަށް ސިޓީގެ ދަރަޖަ ދޭނެ ދުވަހަކަށް އަޅުގަނޑުމެން ވަރަށް އިންތިޒާރު ކުރިން،"

ސިޓީގެ ދަރަޖައަށް ބަދަލު ކުރުމަށް ބަލާ އާބާދީ، 10،000 މީހުން ހަމަވެ، ދެ އަހަރުވީ އިރު ވެސް އެ ބަދަލު ނައުމުން ރަށުގެ ގިނަ ބަޔަކު ތިބީ މާޔޫސްވެފަ އެވެ. ހާއްސަކޮށް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ރަށުގައި އޮންނާނީ ރަށު ކައުންސިލެއް ކަމަށް އިއުލާން ކުރުމުން ރައްޔިތުންގެ ކެއްތެރިކަން ކޮޅުންލައި، ޝަކުވާތައް ކަމާ ބެހޭ ފަރާތްތަކަށް އޮއްސާލި އެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރީ އެކަމާ ދެކޮޅަށް ރައްޔިތުން ޕެޓިޝަނެއް ހަދަން ތައްޔާރުވަނިކޮށެވެ.

އަބްދުލްލަތީފް ވިދާޅުވީ ހދ. އަތޮޅުގައި މިހާރު ވެރިކަން ކުރާ ރަށް ސިޓީއަކަށް ބަދަލުކުރުމާއެކު ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެއް ކަމަކަށް އޭނާ ފާހަގަ ކުރެއްވީ ހިދުމަތްތައް ރަނގަޅުވެ، އަވަސްވުމެވެ. އޭނާ ވިދާޅުވި ގޮތުގައި ރަށުގެ އާބާދީ 10،000އަށް އެރި ނަމަވެސް، އެ ރަށުގައި ވަޒީފާ އަދާކުރުމަށާއި ތައުލީމް ހޯދުމަށް ރަށަށް ހިޖުރަކޮށްފައިވާ މީހުންގެ އާބާދީއާއެކު، އެ އަދަދު 12،000 އަށްވުރެ އިތުރުވާނެ އެވެ. އަދި އުތުރުގެ ތިން އަތޮޅުން އެކި ބޭނުން ތަކަށް އެ ރަށަށް ދާ މީހުންނާއެކު، ކޮންމެ ދުވަހަކު 14،000އެއްހާ މީހުންނަށް ހިދުމަތް ފޯރުކޮށްދޭ ކަމަށް ލަތީފް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް. -- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް. -- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

"ހާއްސަކޮށް ކައުންސިލުން ފޯރުކޮށް ދޭން ޖެހޭ ހިދުމަތްތަކަށް ވަރަށް ދަތިވޭ. ރަށުގެ އާބާދީ އެހާބޮޑު އިރު ކައުންސިލްގައި މިތިބެނީ ވިއްސަކަށް މުވައްޒަފުން،" އޭނާ ވިދާޅުވި އެވެ.

ސިޓީ އަކަށް ބަދަލު ކުރުމާއެކު އެންމެ ބޮޑު ބަދަލެއް އަންނާނީ ކައުންސިލްގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑަށެވެ. އެގޮތުން މުވައްޒަފުން އިތުރުވެ، ވަސީލަތްތައް ރަނގަޅު ވާނެ އެވެ. އެއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށް ކައުންސިލުން ދެކެ އެވެ.

ބޮޑު ބަދަލާއެކު، އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ކުޅުދުއްފުށިން ކުރިމަތިލީ ސިޓީ ކައުންސިލަކަށެވެ. އެހެންވެ، ފަސް ކައުންސިލަރުންގެ ބަދަލުގައި އެ ރަށުގައި މޭޔަރާއެކު ހަތް ކައުންސިލަރުން ތިބޭނެ އެވެ.

ލަތީފް ވިދާޅުވި ގޮތުގައި މިއީ ރަނގަޅު ކައުންސިލަރުން ލިބުމަށް މަގުފަހިވާނެ ކަމެކެވެ. އޭގެ އިތުރުން، މި ބަދަލުގެ ސަބަބުން، ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތާއި ކައުންސިލުން 15 މިލިޔަން ރުފިޔާގެ މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑެތި އުމްރާނީ ތަރައްގީތަކާއެކު، "ކުޑަ މާލޭ"ގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުމާއެކު ވިޔަފާރިތަކަށް ވެސް ރަށް ހުޅުވި، އިތުރު އިންވެސްޓްމެންޓްތައް ލިބޭނެ ކަމަށް ކައުންސިލުން ދެކެ އެވެ.

"އެހެންވެ، މި ބަދަލު ގެނައުމަށް މިހާރު މާލަސް ވެސް ވެއްޖެ،" ލަތީފް ވިދާޅުވި އެވެ.

ކުޅުދުއްފުށީ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: އިރުޝާދު

ކުޅުދުއްފުށީ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: އިރުޝާދު

ހދ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް ކުޅުދުއްފުށީގައި ހިންގާއިރު، ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގެ ގިނަ ބަޔަކު ސިއްހީ ހިދުމަތް ހޯދުމަށް ދަނީ އެ ރަށަށެވެ. އުތުރުގެ ވިޔަފާރީގެ މައި ހަބުގެ ގޮތުގައި ބެލެވިފައިވާ އެ ރަށުގައި 2019 ވަނަ އަހަރު ވަނީ އެއާޕޯޓުގެ ހިދުމަތް ވެސް ދޭން ފަށައިފަ އެވެ. އެހެންވެ، މިއައި ތާރީހީ ބޮޑު ބަދަލާއެކު ރަށުގެ ރައްޔިތުންގެ އުއްމީދަކީ ހަމައެކަނި ނަމެއްގެ ގޮތުގައި ސިޓީއެއްގެ ގޮތުގައި ނޯވެ، ގިނަ ހިދުމަތްތަކެއް ލިބުމެވެ.