Roadha Mihaaru
"ޕްލޭން ބީ" މި އަހަރު ސިނަމާ އަށް

ހަ އަހަރު ފަހުން "ޕްލޭން ބީ" މި އަހަރު ސިނަމާ އަށް

07 ޖެނުއަރީ 2020

މީގެ ހަ އަހަރު ކުރިން ބެލުންތެރިންނަށް ގެނެސްދޭން ނިންމައި އެކަމަކު، އެކި ސަބަބުތަކާ ހެދި ރިލީޒް ނުކުރެވި އޮތް މާސްކޭ ސްޓޫޑިއޯސްގެ ފިލްމު "ޕްލޭން ބީ" މި އަހަރު ސިނަމާ އަށް އަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ހަ އަހަރު ކުރިން ބެލުންތެރިންނަށް ގެނެސްދޭން ނިންމައި އެކަމަކު، އެކި ސަބަބުތަކާ ހެދި ރިލީޒް ނުކުރެވި އޮތް މާސްކޭ ސްޓޫޑިއޯސްގެ ފިލްމު "ޕްލޭން ބީ" މި އަހަރު ސިނަމާ އަށް އަށް ގެންނަން ނިންމައިފި އެވެ.

ކުރިން 2014 ގައި އަޅުވަން ރޭވި މި ފިލްމަކީ ކްރައިމް ތްރިލާ އެކެވެ. އަލަށް ފީޗާ ފިލްމެއް ޑައިރެކްޓްކުރި ވިޝާލް ޒަކީ ޑައިރެކްޓްކޮށްފައިވާ "ޕްލޭން ބީ" ގެ މައިގަނޑު ކާސްޓުންނަކީ ޖުމަލްޔިމް ނިމާލް (ޖުމަލް) އާއި އިސްމާއީލު ރަޝީދު (ކޮޕީ އިއްސެ) ގެ އިތުރުން އަލަށް ތައާރަފުކުރާ މުހައްމަދު ފައިސަލް (ބާސްކެޓް ފައިސަލް) އެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ބައެއްގެ ތެރޭގައި ހިނގާ ހައިޖާނުގަނޑެއް ދައްކުވައިދޭ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މަރިޔަމް މަޖުދާ (މަޖޫ) އާއި އައިމިނަތު ރިޝްފާ ވެސް ހިމެނެ އެވެ.

މަހުދީ އަހުމަދުގެ ސްކްރީން ޕްލޭއަކަށް ހަދާފައިވާ "ޕްލޭން ބީ" އާ ބެހޭ ގޮތުން މުހައްމަދު ޝިވާޒް (މާސްކޭ) ބުނީ މިހާރު ވަރަށް ބާރަށް ފިލްމު ޕޮލިޝް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ. އޭނާ ބުނީ އަހަރުތަކެއް ފަހުން ފިލްމު ސިނަމާ އަށް ގެނައި ނަމަވެސް، އެ ތަފާތެއް ފިލްމުން ބެލުންތެރިންނަށް ފާހަގަ ނުކުރެވޭ ވަރަށް ފިލްމު ފުރިހަމަ ކުރާނެ ކަމަށެވެ.

"ބެލުންތެރިންނަށް އެ ތަފާތު ރޭކާވެސް ނުލާވަރު ކޮށްފައި އަހަރެމެން ފިލްމު އަޅުވާނީ. ރޯދައިގެ ފަހަށް ސިނަމާ އަށް ގެންނަން ޕްލޭން ކޮށްގެން މިތިބީ،" މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުރި މަޝްހޫރު ކެމެރާމަން ބުންޏެވެ.

"އަހަރެން ބުނަން އޮތް ވާހަކަ އަކީ މި ފިލްމަށް އިންތިޒާރު ކުރަމުން އަންނަ މީހުންނަށް ފުރިހަމަ ޗާލު ފިލްމެއް ގެނެސްދޭނަމޭ."

މާސްކޭ ބުނިގޮތުގައި ސިނަމާތަކުގައި ދައްކާނީ "ޕްލޭން ބީ" ގެ އެންމެ 10 ޝޯ އެވެ.

މާސްކޭ "ޕްލޭން ބީ" ގެ ޓީމާ އެކު.

މާސްކޭ "ޕްލޭން ބީ" ގެ ޓީމާ އެކު.

"ފިލްމުގެ ގިނަ ޝޯތައް ދައްކާނީ ޝްވެކްގައި. އޮލިމްޕަހުގައި އެއް ޝޯވަރު ދައްކަން ރާވާފައި އޮތީ،" އޭނާ ބުންޏެވެ.

"އަދި ރާއްޖޭގެ އެއްވެސް އިތުރު ރަށެއްގައި ފިލްމި ނާޅުވައި، ސިނަމާ އިން ނެގުމަށް ފަހު، ބައިސްކޯފަށް ޕްލޭން ބީ ގެންނާނަން. އޭރުން މުޅި ރާއްޖެ އަށް ފިލްމު ބަލައިލެވޭނެ."

މާސްކޭ ބުނީ "މިހާރު" ނޫހުގެ މެނޭޖްމަންޓްގެ ދަށުން ނެރޭ "ދޯ" މީޑިއާ ޕާޓްނަރެއްގެ ދައުރު އަދާކުރާ ޕްލޭން ބީ" ގެ ރަސްމީ ޓްރެއިލާ އަންނަ މަހުގެ ތެރޭގައި ދައްކާލައި، ފިލްމުގެ ޕްރޮމޯޝަންތައް ފަށައިގަންނާނެ ކަމަށެވެ.

މި ފިލްމު ޕްރިމިއާކުރާ އިރު "ގަރާޖު" ކިޔާ ރިވެންޖް ތްރިލާއެއް ވެސް މާސްކޭ ސްޓޫޑިއޯ އިން ރަސްމީކޮށް އިއުލާންކުރަން ވަނީ ނިންމައިިފަ އެވެ. މިހާރު ތައްޔާރީތައް ވަމުން އަންނަ އެ ފިލްމު ޑައިރެކްޓްކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ވިޝާލް އާމިރެވެ.

މިހާރު ބައެއް ކާސްޓުން ވެސް ފައިނަލް ކޮށްފައިވާ "ގަރާޖު" ސިނަމާތަކަށް ގެންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.