Roadha Mihaaru
"އެމެރިކާއާ ދެކޮޅަށް އިތުރު ހަމަލާތައް ޕްލޭންކުރި"

އެމެރިކާއާ ދެކޮޅަށް އިތުރު ހަމަލާތައް ޕްލޭންކުރި: އީރާން ކޮމާންޑަރު

10 ޖެނުއަރީ 2020

ތެހެރާން (ޖެނުއަރީ 10) - އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކަކީ ފެށުމެއް ކަމަށާއި އެމެރިކާ އިން ރައްދުދީފި ނަމަ އީރާނުން އިތުރު ހަމަލާތައް ދޭން ރާވާފައިވާ ކަމަށް އީރާނުގެ ސީނިއާ ކޮމާންޑަރަކު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޖެނުއަރީ 10) - އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކަކީ ފެށުމެއް ކަމަށާއި އެމެރިކާ އިން ރައްދުދީފި ނަމަ އީރާނުން އިތުރު ހަމަލާތައް ދޭން ރާވާފައިވާ ކަމަށް އީރާނުގެ ސީނިއާ ކޮމާންޑަރަކު ވިދާޅުވެއްޖެ އެވެ.

ރިވޮލިއުޝަނަރީ ގާޑުގެ އެއާރޯސްޕޭސް ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އާމިރު އަލީ ހަޖިޒާދާ އީރާނުގެ ރަސްމީ ޓީވީ އަށް ވިދާޅުވީ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުން އެމެރިކާ އަށް ދެވޭނެ އެންމެ އެކަށީގެންވާ ރައްދަކަށް ވާނީ މެދުއިރުމަތިން އެމެރިކާ ސިފައިން ބޭރުކުރުން ކަމަށެވެ.

އީރާނުގެ ރަސްމީ މީޑިއާ އިން ކަވަރު ކުރި ނޫސް ކޮންފަރެންސްގައި ހަޖިޒާދާ ވިދާޅުވީ "ސަތޭކައިން ހާހުން" މިސައިލް ހަމަލާ ދޭން ޖެހުނަސް އީރާން އޮތީ ތައްޔާރަށް ކަމަށެވެ. އެމެރިކާގެ މަރުކަޒުތަކަށް އީރާނުން ފޮނުވާލީ 22 މިސައިލެވެ.

އޭނާ ވިދާޅުވީ އީރާނުގެ މިސައިލް ހަމަލާތަކުގެ ބޭނުމަކީ އެމެރިކާ ސިފައިން މެރުން ނޫން ކަމަށެވެ. އެއީ އެމެރިކާ އަށް ދިން މެސެޖެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޖެނެރަލް ވިދާޅުވީ އީރާނުންދޭ އެންމެ ހަމަލާއަކުން ވެސް އެމެރިކާ ސިފައިންގެ 500 މީހުން މަރުވާ ގޮތަށް ވެސް ޕްލޭން ކުރެވިދާނެ ކަމަށެވެ.

ޖެނެރަލް ވިދާޅުވީ އީރާނުން ދިން ސައިބަ ހަމަލާއެއްގައި އެމެރިކާގެ މިސައިލް ޓްރެކިން ސިސްޓަމް ފެއިލްކޮށްލެވުނު ކަމަށެވެ. އެކަމަކު އެމެރިކާ އިން ބުނެފައި ވަނީ މިސައިލް ހަމަލާގައި ގެއްލުން ކުޑަވީ ދުރާލާ އިންޒާރުދޭ ނިޒާމް ރަނގަޅަށް މަސައްކަތް ކުރުމުން ކަމަށެވެ.

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ބުދަ ދުވަހު ވިދާޅުވެފައި ވަނީ މިސައިލް ހަމަލާތަކަކީ އެމެރިކާގެ މޫނުމަތީގައި ޖެހި އެތިފަހަރެއް ކަމަށެވެ.