Roadha Mihaaru
ހަމަލާގައި އެމެރިކާ ސިފައިންގެ ސިކުނޑިއަށް ގެއްލުން

އީރާނުގެ ހަމަލާގައި އެމެރިކާ ސިފައިންގެ ސިކުނޑިއަށް ގެއްލުން

25 ޖެނުއަރީ 2020

ވޮޝިންޓަން (ޖެނުއަރީ 25) - އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން މި މަހު ކުރީކޮޅު ދިން މިސައިލް ހަމަލާގައި އެމެރިކާ ސިފައިންގެ 34 މީހެއްގެ ސިކުނޑި އަށް ގެއްލުން ލިބިފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 25) - އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން މި މަހު ކުރީކޮޅު ދިން މިސައިލް ހަމަލާގައި އެމެރިކާ ސިފައިންގެ 34 މީހެއްގެ ސިކުނޑި އަށް ގެއްލުން ލިބިފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

އޭގެ ތެރޭން 17 މީހަކު އޮތީ މެޑިކަލް އޮބްޒަވޭޝަނުގައި ކަމަށް ޕެންޓަގަނުގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ ޖެނުއަރީ 8 ވަނަ ދުވަހު އީރާނުން ދިން މިސައިލް ހަމަލާގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި އީރާނުގެ ކިބައިން ބަދަލު ނުހިފީ އެ ހަމަލާ އިން ގެއްލުމެއް ލިބިފައި ނުވާތީ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އީރާނުން މިސައިލް ހަމަލާދީފައި ވަނީ އެމެރިކާގެ ޑްރޯން ހަމަލާގައި އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ހިފުމަށެވެ.

އެކަމަކު ޕެންޓަގަނުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ އީރާނުގެ މިސައިލް ހަމަލާގައި ގެއްލުނު ލިބުނު އެމެރިކާގެ 11 ސިފައިންނަށް ފަރުވާ ދީފައިވާ ކަމަށެވެ.

ޑިފެންސް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ހުކުރު ދުވަހު ވިދާޅުވީ މިސައިލް ހަމަލާގައި އަނިޔާވި ސިފައިންގެ އަށް މީހަކަށް ފަރުވާ ދިނުމަށް އެމެރިކާ އަށް ފޮނުވާފައިވާ ކަމަށެވެ. އަދި ޖަރުމަނުގައި އިތުރު ނުވަ މީހަކަށް ފަރުވާ ދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިރާގުގައި ވަނީ 16 މީހަކަށް ފަރުވާ ދީފަ އެވެ. އަދި ކުވޭތުގައި ވެސް ވަނީ އެކަކަށް ފަރުވާ ދީފަ އެވެ.

އެމެރިކާ އިން ބުނެފައި ވަނީ މިސައިލް ހަމަލާގައި ލިބުނު ގެއްލުން ކުޑަވީ ހަމަލާ ދިން އިރު ސިފައިންގެ ގިނަ މީހުން ބަންކަރުތަކަށް ވަދެ ހިމާޔަތް ހޯދައިގެން ތިބުމުން ކަމަށެވެ.