Roadha Mihaaru
އީރާނުގެ ހަމަލާގައި އެމެރިކާގެ 11 ސިފައިން ޒަޚަމްވި

އީރާނުން ދިން މިސައިލް ހަމަލާގައި އެމެރިކާގެ 11 ސިފައިން ޒަޚަމްވި

17 ޖެނުއަރީ 2020

ވޮޝިންޓަން (ޖެނުއަރީ 17) - އިރާގުގައި އެމެރިކާ ސިފައިން ތިބޭ ވައިގެ މަރުކަޒުތަކަށް އީރާނުން މިދިޔަ ހަފުތާގައި ދިން މިސައިލް ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 11 މީހުން ޒަޚަމްވެފައިވާ ކަމަށް ޔޫއެސް ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާން ކެޕްޓަން ބިލް އާބަން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 17) - އިރާގުގައި އެމެރިކާ ސިފައިން ތިބޭ ވައިގެ މަރުކަޒުތަކަށް އީރާނުން މިދިޔަ ހަފުތާގައި ދިން މިސައިލް ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 11 މީހުން ޒަޚަމްވެފައިވާ ކަމަށް ޔޫއެސް ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާން ކެޕްޓަން ބިލް އާބަން ވިދާޅުވެއްޖެ އެވެ.

އެމެރިކާ އިން ކުރިން ބުނަމުން ދިޔައީ މިސައިލް ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

"ޖެނުއަރީ 8 ވަނަ ދުވަހު އިރާގުގެ އަލް އަސަދު ވައިގެ މަރުކަޒަށް އީރާނުން ދިން ހަމަލާގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކު މަރު ނުވި ނަމަވެސް، ހަމަލާގައި ޒަޚަމްވި ބައެއް މީހުންނަށް ވަނީ ފަރުވާ ދޭންޖެހިފައި،" ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ހަމަލާ ދިން އިރު އަލް އަސަދު ވައިގެ މަރުކަޒުގައި ތިބި އެމެރިކާ ސިފައިންގެ 1،500 މީހުންގެ ތެރޭން ގިނަ މީހުން ތިބީ ބިންގަރާހަށް ވަދެ ހިމާޔަތް ހޯދައިގެންނެވެ. ބޭރުގައި ތިބީ ޑްރޯން އޮޕަރޭޓަރުންނާއި ޓަވާ ގާޑުން ފަދަ މަދު ބައެކެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ކުރިން ބުނެފައި ވަނީ ހަމަލާގައި ވައިގެ މަރުކަޒަށް ބޮޑެތި ގެއްލުންތައް ލިބުނު ނަމަވެސް އެއްވެސް މީހަކު ޒަޚަމް ނުވާ ކަމަށެވެ. ހަމަލާ ދިން ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވިދާޅުވެފައި ވަނީ އެމެރިކާގެ އެއްވެސް ހަނގުރާމަވެރިއަކަށް އަނިޔާ ނުވާ ކަމަށެވެ.

ނަމަވެސް އާބަން ވިދާޅުވީ ހަމަލާ އަށް ފަހު އެސެސްމަންޓް ހެދުމުން، ބައެއް ސިފައިން ޒަޚަމްވެފައިވާ ކަމަށާއި އެ މީހުންނަށް ފަރުވާ ދިނުމަށް އިރާގުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ. މި ގޮތުން 8 ސިފައިން ވަނީ ފަރުވާ އަށް ޖަރުމަނުގެ ލޭންޑްސްޓުލް ރީޖަނަލް މެޑިކަލް ސެންޓަރަށް ބަދަލުކޮށްފަ އެވެ. އަދި އިތުރު ތިން ސިފައިން ވަނީ ކުވޭތުގެ ކޭމްޕް އަރިފްޖާން އަށް ބަދަލުކޮށްފަ އެވެ.

"ފަރުވާ ދޭ ސިފައިންގެ ސްކްރީނިން ހެދުމަށް ފަހު އެ މީހުން ފިޓް ނަމަ އިރާގަށް އަލުން ފޮނުވާނެ،" އާބަން ވިދާޅުވި އެވެ.

އިރާގުގެ ހުޅަނގުގެ އަލް އަސަދު މަރުކަޒަށް ދިން ހަމަލާތަކުގެ އިތުރުން އަރްބީލްގެ މަރުކަޒަށް ވެސް ވަނީ މިސައިލް ހަމަލާދީފަ އެވެ. އެމެރިކާ ސިފައިންގެ އިތުރުން ކޯލިޝަންގެ ލަޝްކަރުގައި ހިމެނޭ އެހެން ގައުމުތަކުގެ ސިފައިން ވެސް އަރްބީލްގައި ތިބެ އެވެ.