Roadha Mihaaru
53 އަހަރުވީ ޓޮޓެންހަމްގެ ރެކޯޑަކާ ކޭން ހަމަކޮށްފި

53 އަހަރުވީ ޓޮޓެންހަމްގެ ރެކޯޑަކާ ހެރީ ކޭން ހަމަކޮށްފި

24 ޖެނުއަރީ 2023

ލަންޑަން (ޖެނުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ 1-0 އިން ފުލަމް ބަލިކުރި މެޗުގައި ހެރީ ކޭން ޖެހި ހަމައެކަނި ގޯލާ އެކު، ކުލަބުގެ 53 އަހަރުވީ ރެކޯޑަކާ އޭނާ ހަމަކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖެނުއަރީ 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ 1-0 އިން ފުލަމް ބަލިކުރި މެޗުގައި ހެރީ ކޭން ޖެހި ހަމައެކަނި ގޯލާ އެކު، ކުލަބުގެ 53 އަހަރުވީ ރެކޯޑަކާ އޭނާ ހަމަކޮށްފި އެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަރަމަ ހާފުގެ އިތުރު ވަގުތުގައި ކޭން ޖެހި ގޯލާ އެކު އޭނާ ވަނީ ޓޮޓެންހަމްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ޖިމީ ގްރީވްސް އާ އެއްވަރަށް، 266 ގޯލު ކާމިޔާބު ކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ހެރީ ކޭން އަށް ރެކޯޑް މުގުރާލަން ފުރުސަތު ލިބުނު ނަމަވެސް ފުލަމްގެ ގޯލްކީޕަރު ބާން ލެނޯ ވަނީ ކޭން ބޮލުން ފޮނުވާލި ހަމަލާ ދިފާއު ކޮށްފަ އެވެ.

ޗެލްސީ އިން ކެރިއަރު ފެށި ގްރީވްސް ޓޮޓެންހަމަށް 266 ގޯލު ޖަހައިދިނީ 1961 އިން 1970 އާ ދޭތެރޭ ކުލަބަށް ކުޅެދިން 379 މެޗުންނެވެ. ދެހާސް އެގާރަ ވަނަ އަހަރު ޓޮޓެންހަމާ އެކު ފުރަތަމަ މެޗު ކުޅުނު ކޭން ވަނީ އެޓީމަށް މިހާތަނަށް 415 މެޗު ކުޅެދީފަ އެވެ.

ރޭގެ މެޗަކީ އުމުރުން 29 އަހަރުގެ ފޯވާޑް ޕްރިމިއާ ލީގުގައި ޓޮޓެންހަމަށް ކުޅެދިން 300 ވަނަ މެޗެވެ. އަދި ރޭގެ ގޯލަކީ އޭނާ ލީގުގައި ކާމިޔާބު ކުރި 199 ވަނަ ގޯލެވެ.

ލީގުގައި ޖެހިޖެހިގެން ކުޅުނު ދެ މެޗުން (އާސެނަލް އާއި މެންޗެސްޓާ ސިޓީ) ވެސް ކުރިމަތިވި ބައްޔަށް ފަހު ރޭ ފުލަމް އަތުން ޓީމު ހޯދި ތިން ޕޮއިންޓަކީ ގަދަ ހަތަރެއްގެ ރޭހަށް އަލުން އަރަން ޓޮޓެންހަމަށް މުހިއްމު ތިން ޕޮއިންޓެވެ.

މި އަހަރު ޓޮޓެންހަމުން ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ، އެޓީމު ވަނީ ލީގުގެ ގަދަ ހަތަރަކުން ކައްސާލައި ފަސްވަނައަށް ވެއްޓިފަ އެވެ. ޓޮޓެންހަމް ފަސްވަނައިގައި އޮތީ 21 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވެސް ވަނީ އެއް މެޗު މަދުން ކުޅެގެން 39 ޕޮއިންޓް ލިބިފަ އެވެ.

ކޭން ޓޮޓެންހަމަށް ލީޑު ނަގައިދިނުމުގެ ކުރިން ފުލަމް ވަނީ މޮޅަށް ކުޅެ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ފުލަމްގެ ބޮބީ ޑިކޯޑޮވާ-ރީޑް އާއި ހެރިސަން ރީޑް ފޮނުވާލި ހަމަލާ ޓޮޓެންހަމްގެ ގޯލްކީޕަރު، ކެޕްޓަން ހޫގޯ ލޮރިސް ދިފާއު ކުރި އެވެ.

މި މެޗުގެ ކުރިން ލީގުގައި ނިއުކާސަލް އާ ދެކޮޅަށް ކުޅުނު މެޗުން ވެސް ފުލަމް ވަނީ ބަލި ވެފަ އެވެ. އޭގެ ކުރީ ހަތަރު މެޗު ވެސް ކާމިޔާބު ކުރި ފުލަމް އަށް ވަނީ މި ދެ މެޗުން ބަލިވެ، ޓޮޓެންހަމަށް ވުރެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ.

ފުލަމް މިހާތަނަށް ކުޅުނު 21 މެޗުން 31 ޕޮއިންޓް ހޯދައިގެން އޮތީ ތާވަލްގެ ހަތްވަނައިގަ އެވެ. ހަވަނައިގައި އޮތީ ފުލަމް އާއި ޓޮޓެންހަމަށް ވުރެ ދެ މެޗު މަދުން ކުޅެގެން 31 ޕޮއިންޓް ހޯދާފައިވާ ބްރައިޓަން އެވެ.