Roadha Mihaaru
އިންޑިއާގެ ސްކޫލެއްގައި އެންމެ ދަރިވަރަކާއި ދެ ޓީޗަރުން

އިންޑިއާގެ ސްކޫލެއްގައި އެންމެ ދަރިވަރަކާއި ދެ ޓީޗަރުން

25 ޖެނުއަރީ 2020

އިންޑިއާގައި ސަރުކާރުން ހިންގާ ސްކޫލެއް އެންމެ ދަރިވަރަކާއި ދެ ޓީޗަރުންނާ އެކު ހިންގަން ޖެހި އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި ސަރުކާރުން ހިންގާ ސްކޫލެއް އެންމެ ދަރިވަރަކާއި ދެ ޓީޗަރުންނާ އެކު ހިންގަން ޖެހި އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އެ ގައުމުގެ ނޫސްތަކުން ބުނާ ގޮތުން އިންޑިއާގެ ސަރުކާރު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނާއި ޓީޗަރުންގެ ނިސްބަތް ރޭޝިއޯގެ ގޮތުން ހަމަހަމަ މިންގަނޑަކަށް ނުފެތޭތީ ސްކޫލްތަކަށް ދަރިވަރުންނާއި ޓީޗަރުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވެ އެވެ. މައިގަނޑު ސަބަބަކީ ސަރުކާރުން ހިންގާ ސްކޫލްތަކުގެ ކިޔަވައި ދިނުމުގެ ފެންވަރު ދަށްވުމުން ގިނަ ބެލެނިވެރިން އެ މީހުންގެ ދަރިން ފެންވަރު ރަނގަޅު ޕްރައިވެޓް ސްކޫލްތަކަށް މިހާރު ފޮނުވުން އިތުރުވަމުން ދިއުމެވެ.

ބިހާރު ޕޯސްޓުން ބުނިގޮތުގައި ގްރޭޑް 1 ގައި ކިޔަވާ އެންމެ ދަރިވަރަކާއި ދެ ޓީޗަރުންނާ އެކު ހިންގަމުން އަންނަނީ އެ ސްޓޭޓްގެ މަންސާބިގާ ގަވަރަމަންޓް ޕްރައިމަރީ ސްކޫލެވެ. އެތަނުގައި ދެން މަސައްކަތްކުރަނީ ނާސްތާ ތައްޔާރުކުރާ ކައްކާއެކެވެ.

ދެ ޓީޗަރުންގެ މުސާރަ އަށް މަހަކު 58،000 ރުޕީސް ހޭދަވާ އިރު، ކައްކާގެ މުސާރަ އަކީ 1،500 ރުޕީސް އެވެ.

ހިންގާތާ މިހާރު ބައި ގަރުނުވީ މަންސާބިގާ ގަވަރަމަންޓް ޕްރައިމަރީ ސްކޫލްގެ ޓީޗަރު ޕްރިޔަންކާ ކުމާރީ ބުނީ މި އަހަރުގެ ދިރާސީ އަހަރު ފެށުނު އިރު ސްކޫލްގައި ނުވަ ދަރިވަރުން ތިބި ކަމަށެވެ. އެކަމަކު ވަކި ހިސާބަކުންގެ އޭގެ ތެރެއިން އަށް ކުއްޖަކު ސްކޫލަށް ދިއުން ހުއްޓައިލީ ކަމަށް ބުންޏެވެ. އޭނާ ބުނީ އެގޮތަށް ދިމާވަނީ ޕްރައިވެޓް ސްކޫލްތަކަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުން ކަމަށެވެ.

"އަސްލު ވަރަށް އުނދަގޫކަމެއް އެންމެ ދަރިވަރަކާ އެކު ސްކޫލެއް ހިންގުމަކީ. އެންމެ ބޮޑު އެއް މައްސަލަ އަކީ މޯޓިވޭޝަން ދަށްވުން،" ޕްރިޔަންކާ ބުންޏެވެ. "ހަގީގަތުގައި އެންމެ ކުއްޖަކަށް ބޮޑު ކުލާހެއްގައި ކިޔަވައި ދިނުމަކީ ވަރަށް ފޫހި ވެސް ކަމެއް."