Roadha Mihaaru
ބަރު ދަބަހުން މައިބަދަ އަށް ގެއްލުން

ބަރު ދަބަހުން މައިބަދަ އަށް ގެއްލުން

11 ސެޕްޓެމްބަރ 2016

ސްކޫލަށްދާ، އުމުރުން 7-13 އަހަރާ ދެމެދުގެ ކުދިންގެ 68 ޕަސެންޓް ކުދިންނަށް ބުރަކަށީގައި ރިއްސުމާއި ހަންޗްބެކް ނުވަތަ ގުދު ލުމުގެ ނުރައްކާ އެބަ އޮތް ކަމަށް ފަހުގެ ދިރާސާއެއްގައި ބުނެފި އެވެ. ސަބަބަކީ ސްކޫލަށް ދާއިރު އަޅާ ބަރު ދަބަހެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ސްކޫލަށްދާ، އުމުރުން 7-13 އަހަރާ ދެމެދުގެ ކުދިންގެ 68 ޕަސެންޓް ކުދިންނަށް ބުރަކަށީގައި ރިއްސުމާއި ހަންޗްބެކް ނުވަތަ ގުދު ލުމުގެ ނުރައްކާ އެބަ އޮތް ކަމަށް ފަހުގެ ދިރާސާއެއްގައި ބުނެފި އެވެ. ސަބަބަކީ ސްކޫލަށް ދާއިރު އަޅާ ބަރު ދަބަހެވެ.

ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން އިންޑިއާގެ އެސޯސިއޭޓެޑް ޗެމްބާޒް އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް އިން ހެދި ސާވޭއެއްގެ ނަތީޖާ އިން ހާމަވާ ގޮތުގައި ސްކޫލްތަކަށްދާ އުމުރުން 13 އަހަރުން ދަށުގެ ކުދިންގެ 68 ޕަސެންޓް ކުދިން ބުރަކަށީގައި ރިއްސާ މައްސަލަ އުޅެ އެވެ. މި ރިއްސުން ފަހުން މާ ގަދަވެ ގުދު ލުމުގެ ފުރުސަތު ބޮޑުކަން ވެސް ދިރާސާއިން ދެއްކި އެވެ.

މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އުމުރުން 7-13 އަހަރާ ދެމެދުގެ ކުދިންގެ 88 ޕަސެންޓް ކުދިން އެކުދިންގެ ބަރުދަނުގެ 45 ޕަސެންޓް ވަރުގެ ބަރުދަނެއް ހުންނަ ދަބަހެއް ކޮންމެ ދުވަހަކު ކޮނޑުގައި އަޅުވައިގެން އުޅެ އެވެ. މި ދަބަހުގައި ފޮތުގެ އިތުރުން އެކުދިންގެ އިތުރު ހަރަކާތްތަކަށް ބޭނުންވާ ސާމާނުވެސް ގެންދެ އެވެ. މިއީ މައިބަދައަށް ސީރިއަސް ގެއްލުންތަކެއްވެ ރަނގަޅު ނުކުރެވޭ ވަރުގެ މައްސަލަތައް ދިމާވާ ކަމެއްކަން ތަޖުރިބާކާރުން ފާހަގަކޮށްފައިވެ އެވެ.

ސްލިޕް ޑިސްކް، ސްޕޮންޑީލައިޓިސް، ސްޕޮންޑިލޮލިސްތޭސިސް، ދޭތެރެ ދޭތެރެއިން ބުރަކަށީގައި ރިއްސުން، ޅަ އުމުރުގައި މައިބަދައަށް ލިބޭ އެކި ގެއްލުންތައް މި ކުދިންނަށް ކުރިމަތިވެ އެވެ.

ކުޑަކުދިންގެ ފޮތްދަބަހާ ބެހޭ ގާނޫނަކަށް އިންޑިއާގައި މީގެ ކުރިން އަމަލުކޮށްފައިވެ އެވެ. އެ ގާނޫނު ބުނާ ގޮތުން ފޮތްދަބަސް ވާން ޖެހޭނީ ކުއްޖާގެ ބަރުދަނުގެ 10 ޕަސެންޓަށް ވުރެ ބަރު ނޫން އެއްޗަކަށެވެ.

އާދައިގެ މީހެއްގެ މައިބަދަ ހުންނަ ގޮތާއި ހަންޗްޑް ބެކް ނުވަތަ ގުދު ލުމުން ހުންނަ ގޮތް

އާދައިގެ މީހެއްގެ މައިބަދަ ހުންނަ ގޮތާއި ހަންޗްޑް ބެކް ނުވަތަ ގުދު ލުމުން ހުންނަ ގޮތް

މި ގާނޫނު ބުނާ ގޮތުން ނާސަރީ އަދި ކިންޓަގާޑެން ކުދިން ސްކޫލަށް ދަބަސް ގެންދިއުން މަނަލެވެ. އަދި ފޮތްދަބަހާ ބެހޭ ގައިޑްލައިނެއް ސްކޫލްތަކާ ހަވާލުވެފައިވާ އޮތޯރިޓީއަކުން ހަދަން ޖެހެ އެވެ. އަދި ސަރަހައްދީ ސަރުކާރުތަކުން މިކުދިންގެ ފޮތްތައް ބަހައްޓާނެ ލޮކަރުތަކެއް ސްކޫލްތަކުގައި ހަދައިދޭން ޖެހޭނެކަމަށް ވެސް މި ގާނޫނުގައިވެ އެވެ.

މާބަރު އަދި ހުރިހާ ފަރާތަކަށް އެއްވަރަކަށް ބަރު ނުހުންނަ ދަބަސް ބުރަކަށީގައި އެޅުވުމުން ބުރަކަށީގައި ރިއްސުމާއި މައިބަދަ ހެދެމުންދާއިރު ސީދަލަށް ނުހުރެ ގުދު ލާފައި ހުރުން ފަދަ މައްސަލަތައް ދިމާވެ އެވެ.

މައިބަދައަށް ސްޓްރެސްވެ ބާރު ބޮޑުވާ ނަމަ އެ ކުއްޖެއްގެ މަސްކިއުލޮސްކެލިޓަލް ސިސްޓަމް ނުވަތަ ކަށިން އުފެދިފައިވާ ހަށިގަނޑުގެ ފްރޭމްގެ ހެދިބޮޑުވުމަށް ހުރަސް އެޅެ އެވެ. ޚާއްސަކޮށް ކުޑަކުދިން ބުރަކަށީގައި އެއް ކޮނޑަށްވާ ގޮތަށް ދަބަސް އަޅުވައިގެން އުޅޭ ނަމަ މި މައްސަލަ މާ ބޮޑުވާނެ އެވެ.