Roadha Mihaaru
ކޮމްޕިއުޓަރު ވިޔަފާރި އަދިވެސް ދާނީ ދަށަށް

ކޮމްޕިއުޓަރު ވިޔަފާރި އަދިވެސް ދާނީ ދަށަށް

27 ޖެނުއަރީ 2020

ސްމާޓްފޯން ބޭނުންކުރާ މީހުން، އެއްވާނަކަށް އިތުރުވަމުން ދާނެ ކަމަށް ބެލެވިފައި ވާތީ، ކޮމްޕިއުޓަރު ވިޔަފާރި އަށް ލޮޅުން އަރާނެ ކަމަށް ގާޓްނާ އިން ބުނެފި އެވެ. މާކެޓް ދިރާސާކުރާ ގާޓްނާ އިން ބުނި ގޮތުގައި މި އަހަރުގެ އިތުރުން ކުރިއަށް އޮތް ދެ އަހަރު ވެސް ކޮމްޕިއުޓަރު މާކެޓް ކުރިއަރާނެ ފުރުސަތެއް ނުލިބޭނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސްމާޓްފޯން ބޭނުންކުރާ މީހުން، އެއްވާނަކަށް އިތުރުވަމުން ދާނެ ކަމަށް ބެލެވިފައި ވާތީ، ކޮމްޕިއުޓަރު ވިޔަފާރި އަށް ލޮޅުން އަރާނެ ކަމަށް ގާޓްނާ އިން ބުނެފި އެވެ. މާކެޓް ދިރާސާކުރާ ގާޓްނާ އިން ބުނި ގޮތުގައި މި އަހަރުގެ އިތުރުން ކުރިއަށް އޮތް ދެ އަހަރު ވެސް ކޮމްޕިއުޓަރު މާކެޓް ކުރިއަރާނެ ފުރުސަތެއް ނުލިބޭނެ އެވެ.

ގާޓްނާ ލަފާކުރާ ގޮތުގައި، ވިންޑޯޒް 10 އެ ގޮތުގައި ދެމެހެއްޓުމަކީ ކޮމްޕިއުޓަރު ވިޔަފާރި ނިކަމެތިވާނެ ކަމެކެވެ. ސަބަބެއް ކަމަށް ބުނަނީ، ވިންޑޯޒް 10 އަށް ފަހު، ވިންޑޯޒް 11 ނެރެން މައިކްރޮސޮފްޓުން ހަމަޖައްސާފައި ނުވާތީ އެވެ.

މައިކްރޮސޮފްޓުން ހަމަޖައްސާފައި ވަނީ ވިންޑޯޒް 10 ހަމަ އެ ގޮތުގައި ދަމަހައްޓައި، އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން، ވިންޑޯޒް 10 އަށް "އަޕްޑޭޓް"ތައް ގެނައުމެވެ. ވިންޑޯޒް 10ގެ ކުލަވަރު އާކޮށް އަދި ހިންގުން ލުއިކުރި ނަމަވެސް، ވިންޑޯޒް 10 ހިންގަން ބޭނުންވާ ހާޑްވެއާ އަށް ބޮޑު ބަދަލުތަކެއް ނައުމަކީ ވެސް، ކޮމްޕިއުޓަރު މާކެޓް ދަށަށް ދާނެ ސަބަބެއް ކަމަށް ގާޓްނާ އިން ފާހަގަކުރެ އެވެ.

ސްމާޓްފޯން އުފައްދާ ކުންފުނިތަކުން 5ޖީ ފޯނުތައް މާކެޓަށް ނެރޭ އަދަދު މިއަހަރު އިތުރުވާނެ ކަމަށް ބެލެވިފައި ވާތީ އަދި ކުރި އަށް އޮތް ދެ އަހަރު ވެސް 5ޖީ ފޯނުތައް މާކެޓަށް އިތުރުވެ، އަގު ހެޔޮވުން ވާނީ ވެސް، ކޮމްޕިއުޓަރު ވިކޭ މިންވަރު ދަށަށް ދާނެ ސަބަބަކަށް ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ގާޓްނާ ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި 1.25 ބިލިއަން ކޮމްޕިއުޓަރު ބޭނުންކުރެ އެވެ. މައިކްރޮސޮފްޓް ވިންޑޯޒް ބޭނުންކުރާ ކޮމްޕިއުޓަރުގެ ފުރިހަމަ އަދަދު މައިކްރޮސޮފްޓުން ހާމަނުކުރި ނަމަވެސް، އެ އަދަދު 1.5 ބިލިއަނަށް އަރާނެ ކަމަށް ދިރާސާކުރާ މީހުން ބުނެ އެވެ.

ވިންޑޯޒް ކޮމްޕިއުޓަރު ބޭނުންކުރާ އަދަދު ކަށަވަރުކުރަން ނޭނގުނު ނަމަވެސް، ގާޓްނާ ބުނަނީ 2020 ގައި 2.166 ބިލިއަން ކޮމްޕިއުޓަރު ވިކޭނެ ކަމަށެވެ. މި އަދަދު 2021 ގައި 2.153 ބިލިއަން އަދި 2022 ގައި 2.31 އަށް ދަށަށް ދާނެ ކަމަށް ގާޓްނާ ބުނެ އެވެ.