Roadha Mihaaru
ވިންޑޯޒް 10 މާކެޓްގައި ހިއްސާކުރާ މިންވަރު ދަށަށް

ވިންޑޯޒް 10 މާކެޓްގައި ހިއްސާކުރާ މިންވަރު ދަށަށް

06 މެއި 2020

މުޅި ދުނިޔެ އަށް ބަލައި "ނެޓްމާކެޓްޝެއާ" އިން ބުނާ ގޮތުގައި، ވިންޑޯޒް 10 އަށް ގުޑުންއަރައިފި އެވެ. ޑެސްކްޓޮޕް އޮޕަރޭޓިން ސިސްޓަމްތަކަށް ބަލާއިރު، މާކެޓްގައި ވިންޑޯޒް 10 ހިއްސާކުރާ މިންވަރު ވަނީ ދަށަށްޖެހިފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މުޅި ދުނިޔެ އަށް ބަލައި "ނެޓްމާކެޓްޝެއާ" އިން ބުނާ ގޮތުގައި، ވިންޑޯޒް 10 އަށް ގުޑުންއަރައިފި އެވެ. ޑެސްކްޓޮޕް އޮޕަރޭޓިން ސިސްޓަމްތަކަށް ބަލާއިރު، މާކެޓްގައި ވިންޑޯޒް 10 ހިއްސާކުރާ މިންވަރު ވަނީ ދަށަށްޖެހިފަ އެވެ.

ނެޓްމާކެޓްޝެއާ އިން ބުނާ ގޮތުގައި، މިއީ ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅުން ހުރި ކަމެއް ނޫނެވެ. މާކެޓްގައި ވިންޑޯޒް 7 ހިއްސާކުރާ މިންވަރު ވެސް ދަށްވެފައި ވާ ކަމަށް، އެ އެޖޭންސީން ބުނެ އެވެ. ނެޓްމާކެޓްޝެއާ އަކީ "ސްޓެޓިސްޓިކަލް ސާވޭ" އޭޖެންސީއެކެވެ.

ޑެސްކްޓޮޕް މާކެޓްގައި ވިންޑޯޒް 10 ދަށަށްޖެހިލާފައި ވާއިރު، ވާދަވެރި ލިނަކްސް އަދި މެކްއޯއެސް ވަނީ ކުރި އަށް ޖެހިފަ އެވެ. މިކަމުން ދޭހަކޮށްދެނީ ލިނަކްސް އަދި މެކްއޯއެސްގެ މަގުބޫލުކަން އިތުރުވެފައި ވުމެވެ.

ނެޓްމާކެޓްޝެއާގެ އިތުރުން މާކެޓް ދިރާސާކުރާ މީހުން ދެކޭ ގޮތުގައި، ހިފެހެއްޓުމެއް ނެތި ވިންޑޯޒް 10 އަށް މައިކްރޮސޮފްޓުން ފޮނުވާ ހުރިހާ އަޕްޑޭޓެއް ކަމަކު ނުދެ އެވެ. ވިންޑޯޒް 10 ވަރަށް ފުރިހަމަ އަށް މަސައްކަތްކޮށްކޮށް ހުއްޓައި، ފޮނުވާ އަޕްޑޭޓަކުން، ސިސްޓަމް ބަރުހެލިވެ ދުވެގަންނަން އުނދަގޫވާ ފަހަރު ވެސް އާދެ އެވެ.

މާކެޓްގައި ވިންޑޯޒް 10 އަދި ވިންޑޯޒް 7 ހަރަކާތްތެރިވާ ގޮތް ތަފާސްހިސާބުތަކުން އެނގެން ހުރިއިރު، ޑެސްކްޓޮޕް މާކެޓްގައި އަދި ވެސް އެންމެ ކުރީގައި އުޅެނީ މައިކްރޮސޮފްޓް ވިންޑޯޒް އެވެ. ވިންޑޯޒް އެކި އަދަދުތަކަށް ބެހިފައި އޮތްއިރު، އެންމެ މަގުބޫލުކަމަށް މިހާރު ބުނަނީ ވިންޑޯޒް 10 އެވެ. އެހެންކަމުން މައިކްރޮސޮފްޓަށް މި ވަތުގު އެންމެ ހެޔޮބޮޑީ ވިންޑޯޒް 10 ހަރުދަނާ ސިސްޓަމެއް ގޮތުގައި ދެމެހެއްޓުމެވެ.