Roadha Mihaaru
"ފަރީ" އަންނަ މަހު ނާޅުވަން ނިންމައިފި

"ފަރީ" އަންނަ މަހު ނާޅުވަން ނިންމައިފި

12 މާޗް 2020

އަންނަ މަހު ސިނަމާ އަށް ގެންނަން ނިންމި ފިލްމު "ފަރީ" ވެސް ކޮވިޑް-19 އާ ހެދި ފަސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ސިނަމާ އަށް ގެންނަން ނިންމި ފިލްމު "ފަރީ" ވެސް ކޮވިޑް-19 އާ ހެދި ފަސްކޮށްފި އެވެ.

މަދޮށިޝިޕް ސްޓޫޑިއޯ އިން ގެނެސްދޭން ފުރަތަމަ ފީޗާ ފިލްމު އޮލިމްޕަހަށް ކުރިން ގެންނަން އޮތީ އަންނަ މަހުގެ 2 ގަ އެވެ. ކޮރޯނާވައިރަހާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮލިމްޕަސް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ފިލްމު ދެން ސިނަމާ އަށް ގެންނާނެ ތާރީހެއް އަދި ނުނިންމަ އެވެ.

މި ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުތް އަހުމަދު ހިޝާމް ސައީދު (އަންދު) ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ފަރީ" ގެ ލީޑް ރޯލް ކުޅެފައި ރަވީ ފާރޫގާއި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. އެކަނިވެރި މައެއްގެ ވާހަކަ ކިޔައިދޭ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އީސަ (އާނަންދު) އާއި ފައުޒިއްޔާ ހަސަނާއި "ބޮސް" އިން ތައާރަފުވި މުހައްމަދު ޔުނާންގެ އިތުރުން "ގޮށްރާޅު" އިން ތައާރަފުވި ބަތަލާ ތަސްނީމާ ހިމެނެ އެވެ.

"ފަރީ" އަކީ މަދޮށިޕާއި ޑައިރެކްޓަރު އަންދުގެ ފިލްމު ކުންފުނި ކުއްނާރު ޕްރޮޑަކްޝަނާއި މި މަހުގެ 4 ގައި އޮލިމްޕަހުގައި އަޅުވާފައި މިހާރު ވަގުތީ ގޮތުން ޝޯތައް މެދުކަނޑާލި ފިލްމު "އަނދިރިކަން" ސްކްރީން ރައިޓަރު އަހުމަދު ޒަރީރުގެ އެއް ކާފު ޕްރޮޑަކްޝަންސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.